logoEN
cocacola
އެތުލެޓިކްސް ތާރީހުގެ ތެރެއިން: ހުވަދުއަތޮޅުން އެންމެ ފުރަތަމަ ގައުމީ ރަންމެޑަލް ހޯދީ ކޮން އެތުލީޓުންތަކެއް؟

އެތުލެޓިކްސް ތާރީހުގެ ތެރެއިން: ހުވަދުއަތޮޅުން އެންމެ ފުރަތަމަ ގައުމީ ރަންމެޑަލް ހޯދީ ކޮން އެތުލީޓުންތަކެއް؟

IMG_5975 2

ދިވެހިރާއްޖޭގެ އެތުލެޓިކްސް ދިގު ތާރީހުގައިވެސް ހުވަދުއަތޮޅު ވެގެން ގޮސްފައި ވަނީ ކާމިޔާބު އެތުލީޓުންތަކެއް އުފެދިގެން އައި އަތޮޅެކަށެވެ. މިހާތަނަށް ރާއްޖެ ދުށް އެންމެ މޮޅު އެތުލީޓުންތެރޭގައިވެސް ހުވަދު އަތޮޅަށް އުފަން އެތުލީޓުންތައް ހިމެނޭ ކަމީ ފެންނަން އޮތް ހަގީގަތެކެވެ.

ގޮސިޔާ

ނުވަދިހައިގެ ފަހުގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް ސުކޫލް މުބާރާތްތަކުން ފެށިގެން ގައުމީ މުބާރާތްތަކުގައިވެސް ހުވަދުއަތޮޅުގެ ނަން ކެނޑިގެން ގޮސްފައި ނުވެއެވެ.

ނަވާރަސަތޭކައިގެ އަހަރުތަކުގައި ގައުމީ އެތުލެޓިކްސް މުބާރާތްތަކުގައި އެތުލީޓުންނަށް ވާދަކުރެވޭނީ އެ އެތުލީޓަކު ނިސްބަތްވާ އަތޮޅެއްގެ ނަމުގައެވެ. މި އުސޫލު ބަދަލުވެ މިހާރު އޮންނަ ގޮތަށް ކުލަބު ޖަމިއްޔާތަކަށް ފުރުސަތު ހުޅުވާލީ 2005 ވަނަ އަހަރުން ފެށިގެންނެވެ. އަތޮޅު ނަމުގައި އެތުލީޓުން ވާދަކުރި އެންމެ ފަހު މުބާރާތް ބޭއްވުނުކަމަށް ތާރީހު ހެކިދެނީ 2002ވަނަ އަހަރުގައެވެ.

އަތޮޅު ތަމްސީލުކުރާގޮތަށް ބޭއްވުނު އެންމެ ފަހު ގައުމީ މުބާރާތުގައި ގދ. އަތޮޅު ބައިވެރިވީ އެންމެ 7 އެތުލީޓުންނާ އެކުގައެވެ. ގދ. އަތޮޅު ނަމުގައި ބައިވެރިވި ފުރަތަމަ މުބާރާތަކީ އެތުލެޓިކްސް ދާއިރާގައި ހުވަދުއަތޮޅުގެ ނަން ރަން އަކުރުން ލިޔެވިގެން ދިޔަ ފުރަތަމަ މުބާރާތްވެސްމެއެވެ. މީގެ 20 އަހަރުކުރިން ގދ. އަތޮޅު އެތުލެޓިކްސް ޓީމް މި މުބާރާތަށް މާލެ ފުރީވެސް ރަންވަނަތަކެއް ހޯދޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.

އުއްމީދުކުރިގޮތަށް އެ މުބާރާތުގައި ހުވަދުއަތޮޅަށް އެންމެ ފުރަތަމަ ރަންމެޑަލް ހޯދައިދިން ޓީމުގައި ހިމެނެނީ ހަސަން ޝަމްއޫން (ގދ. ގައްދޫ)، ސައުދު އަލީ (ގދ. ތިނަދޫ)، އަލީ އިރުފާން (ގދ. ތިނަދޫ)، މުޙައްމަދު ޖަވާދު (ގދ. ތިނަދޫ)، ހަސަން ވަހީދު (ގދ. ތިނަދޫ)، އައުޒަލް އަބްދުއްސައްތާރު (ގދ. މަޑަވެލި) އެވެ. މި ޓީމުގައި ބައިވެރިވި ހަމައެކަނި އަންހެން އެތުލީޓަކީ އާމިނަތު ދިމްނާ (ގދ. ތިނަދޫ) އެވެ.

2002ވަނަ އަހަރު ބޭއްވުނު އެތުލެޓިކްސް ގައުމީ ޗެމްޕިއަންޝިޕްގައި ގދ. އަތޮޅު ޓީމުން ހޯދި ކާމިޔާބީތައް:

އުމުރުން އެންމެ 15 އަހަރުގައި، ޝަމްއޫން އެފަހަރު ވާދަކުރި ހަމައެކަނި ދެ އިވެންޓުކަމަށްވާ ޑިސްކަސް ތުރޯވިންގ އާއި ޝޮޓްޕުޓް އިން ހޯދީ ރަން މެޑައްޔެވެ. ޑިސްކަސް ތުރޯވިންގ އިން ރަން މެޑަލް ހޯދީ ގައުމީ ރެކޯޑަކާއެކުގައެވެ.

އިންޑިވިޖުއަލް އިވެންޓަކުން ގދ. ތިނަދޫއަށް ފުރަތަމަ ރަން މެޑަލެއް ހޯދީ، މިހާރު ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އެވެ. ޖެވެލިން އުކުމުން ރަން މެޑަލް ހޯދިއިރު 400 މީޓަރު ދުވުމުން ސައުދު އަށް ލިބުނީ ދެވަނަ އެވެ.

ގދ. އަތޮޅު ޓީމުގައި ހިމެނޭ އައުޒަލް ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދިއިރު އެޓީމުގައި ހިމެނޭ އަންހެން ހަމައެކަނި އެތުލީޓު، ދިމްނާ ވަނީ 800 މީޓަރު ދުވުން، 1،500 މީޓަރު ދުވުން އަދު 3،000 މީޓަރު ދުވުމުން ދެވަނަ ހޯދާފައެވެ.

4ގުނަ 100 މީޓަރު ރިލޭ އާއި 4ގުނަ 400 މީޓަރު ރިލޭއިންވެސް މި ޓީމްވަނީ ކާމިޔާބުހޯދާފައެވެ. 4ގުނަ 100 މީޓަރު ރިލޭއިން ރިހި މެޑަލް ހޯދި ޓީމުގައި ހިމެނެނީ ސައުދު އަލީ، ހަސަން ވަހީދު، އައުޒަލް އަބްދުއްސައްތާރު، މުޙައްމަދު ޖަވާދު އެވެ. އަދި 4ގުނަ 400 މީޓަރު ރިލޭއިން ރަން މެޑަލް ހޯދި ޓީމުގައި ހިމެނެނީ ސައުދު އަލީ، ހަސަން ވަހީދު، މުޙައްމަދު ޖަވާދު، އަދި އައުޒަލް އަބްދުއްސައްތާރު އެވެ.

6 އެތުލީޓުންނާއެކު ގދ. އަތޮޅުން މި މުބާރާތުގެ ދެވަނަ ހޯދިއިރު، 1 ވަނަ ލިބުނީ އޭގެ ދިހަގުނަ އެތުލީޓުންނާއެކު ބައިވެރިވި ބ. އަތޮޅު ޓީމަށެވެ.

މި ޓީމްގައި އެންމެ ފާޙަގަކޮށްލެވޭ އެކަކަށް ވާނީ ހަސަން ޝަމްއޫން އެވެ. އެއީ އުމުރުން އެންމެ 15 އަހަރުގައި ޓީމާއެކު މާލެ ދިޔައީ، ޓީމުގެ ކޯޗު، މެނޭޖަރު އަދި އެތުލީޓެއްގެވެސް މަގާމުގައެވެ. ގދ. އަތޮޅު ގެއިން އޭރު ޝަމްއޫން އާ ތީމް ހަވާލުކުރީ ފުރިހަމަ އިތުބާރަކާއެކުގައެވެ. އޭނާ ވަނީ އެއިތުބާރު ދަމަހައްޓައި ފާއިތުވި 20 އަހަރުވެސް މި ދާއިރާ ދޫނުކޮށް، އެތަކެއް ކާމިޔާބީއެއްވެސް ހޯދާފައެވެ.

ޤައުމީ މުބާރާތަކުން ހުވަދު އަތޮޅުން ރަން މެޑަލްތަކެއް ހޯދިތާ 20 އަހަރު

ރަން މެޑަލް ހޯދި މި އެތުލީޓުންގެ ކާމިޔާބީ މިއަހަރު ޑިސެމްބަރަށް 20 އަހަރު ފުރޭއިރު، މިއަދާ ހަމައަށްވެސް އެއްވެސް ފެންވަރެއްގައި އެ ކާމިޔާބީ ފާހަގަކުރެވިފައި ނުވާ ކަމީ ހިތާމަކުރަން ޖެހޭ ހަގީގަތެކެވެ. މި ކާމިޔާބު ހާސިލްކުރުމަށް އެ އެތުލީޓުން މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި ކުރި ބުރަ މަސައްކަތްތަކަކީ އެމީހުންގެ ހަޔާތުގައި ފޮހެވިގެންދާނެ ކަންކަމެއް ނޫނެވެ. އެ ހާލަތުގައިވެސް މި ޓީމްގައި ހިމެނޭ ތިނަދޫއަށް ނިސްބަތްވާ އެތުލީޓުން އެންމެ ފުރިހަމައަށް މި މުބާރާތަށް ތައްޔާރުކޮށްދިނީ މި ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އަހުމަދު ސަދޫޤް އެވެ.

އެންމެން ދަންނަ ނަމުން ނަމަ ސަދޫގް ސަރ އަކީ މިހާރުވެސް މި ދާއިރާގައި އެތުލީޓުން ކުރިއެރުވުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ. މި ދާއިރާގައި ދެގޮތެއް ނުވެ ސަދޫގް ސަރ މަސައްކަތް ކުރަމުން އަންނަތާ 20 އަހަރަށްވުރެވެސް ގިނަ ވެދާނެ އެވެ.

ވަސީލަތެއް ގާއިމްވެފައި ނެތަސް އޭރު އެ އެތުލީޓުން ކުރި ބުރަ މަސައްކަތާއި ހޯދި ކާމިޔާބަކީ މުޅި ހުވަދުއަތޮޅު ފަހުރުވެރިވާނެ ކާމިޔާބީއެއް ކަން ޔަގީނެވެ. މި އެތުލީޓުންގެ ކާމިޔާބުގެ ފަހަތުގައިވަނީވެސް އެ މީހުން މިކަމަށް ހުރި ޝައުގުވެރިކަމާއި ރަނގަޅު އުޅުމާއި އަހުލާގެވެ. މި އެތުލީޓުންނަކީ މިއަދު މިދާއިރާއިން ކުރިއަރަމުން އަންނަ އެތުލީޓުން ނަމޫނާ ބައެކެވެ.

އެޑިޓަރުގެ ނޯޓް: މި މުބާރާތުގެ ފޮޓޯތައް ހޯދުމަށް "ގާފު" ނިއުސް ޓީމުން ކުރި މަސައްކަތުން ލިބިފައިވަނީ މަދު ފޮޓޯ ތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ