ލޮޓީފައިލްސް ކުންފުންޏަށް މައިކްރޯސޮޮފްޓުން އިންވެސްޓްކުރުން ނިންމުމާއި އެކު ލޮޓީފައިލްސްއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފި އެވެ.
ޓުވިޓާ މެދުވެރިކޮށް ރައީސް ވިދާޅުވީ ލޮޓީފައިލްސްގެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހިންގެ އީޖާދެއް ކަމަށް ވާތީ ވަރަށް ބޮޑަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ހޯދި ކާމިޔާބީއަށް އެ މަސައްކަތުގެ ފަހުތައި އޮތް ޓީމަށް މަރުހަބާ ދަންނަވާ ކަމުގައި އެވެ.
މައިކްރޮސޮފްޓްގެ ވެންޗާ ފަންޑު އެމް12 އިން ދީގެން ލޮޓީފައިލްސް އިން ނުވަ މިލިއަން ޑޮލަރުގެ ފަންޑިންގ އެއްދޭން ނިންމައި އެކަން އިއުލާންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. މައިކްރޯސޮފްޓްގެ އިތުރުން މި ފަންޑިންގގައި "500 ސްޓާޓްއަޕްސް"ގެ ހިއްސާއެއް ވެސް ހިމެނެ އެވެ.
މައިކްރޯސޮޕްޓްގެ އިތުރުން ލޮޓީފައިލްސްއަށް އެޑޯބީއިންވެސް ވަނީ އިންވެސްޓްކޮށްފައި އެވެ. އެއާއިއެކު މިވަގުތު ލޮޓީފައިލްސްއަށް 10 މިލިއަން ޑޮލަރު ފަންޑިންގ ގޮތުގައި ވަނީ ލިބިފައިއެވެ.
ދިވެހި ޑިވެލޮޕަރުންތަކެއް ގުޅިގެން ލޮޓީފައިލްސް ޕްލެޓްފޯމް އުފަންކުރީ ލޮޓީ ފޯމެޓް ބޭނުންކޮށްގެން ތައްޔާރުކުރާ އެނިމޭޝަންތައް ޓެސްޓުކޮށް، ފުރިހަމަކޮށްލަން ބޭނުންކުރެވޭނެ މުޅިން އާ ހިދުމަތެއްގެ ގޮތުގަ އެވެ. މެލޭޝިއާ އާއި ރާއްޖޭގައި ތިބެގެން ލޮޓީފައިލްސް ކުންފުނީގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން މަސައްކަތް ވެސް ކުރެ އެވެ.