ރައީސް ޔާމީން މިނިވަންކުރުމަށާއި އިންތިހާބު އަވަސްކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މާލޭގެ މަގުތަކުގައި ކުރިޔަށް ގެންދާ ސީދާހަރަކާތުގެ ތެރެއިން އިދިކޮޅު ލީޑަރޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފިއެވެ.
އެގޮތުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުއާޢު ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ހެލްތު މިނިސްޓްރީ ކައިރީގައި އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން އެވެ. އަދި މިހާރު މި ދެބޭފުޅުން ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން މިރޭ އިދިކޮޅުން މާލެގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ ހައްޔަަރުކޮށްފައިއެވެ.
ލީޑަރޝިޕް ހައްޔަރުކުރިނަމަވެސް މުޒާހަރާތަށް ހުއްޓާނުލާނެކަން މުޒާހަރާގެ ބައިވެރިން އަންނަނީ ބުނަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން އަންނަނީ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މުޒާހަރާތައް އިތުރުމަށް އެ ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިގެން ފާސްކޮށް ނިންމާފައިވެއެވެ.
އެއަށް ފަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށާއި އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް އިދިކޮޅު ކޯލިޝަނުން ދަނީ މުޒާހަރާގެ އެކި ހަރަކާތްތައް ބާއްވަމުންނެވެ.