ކޮވިޑް- 19 ގެ ސަބަބުން މާލެގައި ދިރިއުޅުމަށް ދަތިވާފަރާތްތަކަށް އާއިލާއާއެކު ރަށަށް ބަދަލުވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ ފޭސްބުކް ޕޯސްޓެއްގައިވާގޮތުން ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އާއިލާއާއެކު މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުންދާއިރު މިދަނޑިވަޅުގައި އަމިއްލަ ރަށައް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އަދި މިކަމުގައި އެހީއަށް ބޭނުންވާ ފަރާތްތަކުން 1421 މެދުވެރިކޮށް އެހީއަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް މި ޕޯސްޓުގައިވަނީ ފާހަގަކޮށްފައެވެ.
ކޯވިޑް-19 ގެ މިދަނޑިވަޅުގައި ދަތިތަކާ ކުރިމަތިލާ ފަރާތްތަކަށް އެކި ގޮތްގޮތުން ޖެންޑަރ މިނިސްޓްރީއިން މިހާރުވެސް މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފޯރުވައިދިނުމުގެ އިތުރުން އެހެނިހެންކަންކަމުގައިވެސް ގެންދަނީ އެހީތެރިވަމުންނެވެ.