logoEN
ޕީއެންސީ 2
ޕްރޮފެސަރ އުގައިލްގެ ލިޔުއްވުމެއް - އޯޓިޒަމް އާއި އާދަޔާ ޚިލާފު ވިސްނުންތޫނު ކަމާއި ގުޅުމެއް ނުވޭބާ؟

ޕްރޮފެސަރ އުގައިލްގެ ލިޔުއްވުމެއް - އޯޓިޒަމް އާއި އާދަޔާ ޚިލާފު ވިސްނުންތޫނު ކަމާއި ގުޅުމެއް ނުވޭބާ؟

# ޕްރޮފެސަރ އުގައިލް# އޯޓިޒަމް

Autistic-Personality-Test-Unreliable

އާދަޔާ ޚިލާފް ވިސްނުންތޫނު ކަމާއި ހުނަރުތައް ލިބިގެންވާކުދިންގެ ތެރޭގައި އޯޓިސްޓިކް ކުދިން ހިމެނިފައިވާ ކަމަށް މީހަކު ބުނެފިނަމަ ގަބޫލުކުރެވޭނެ ހެއްޔެވެ؟ އެމެރިކާއަށް އުފަން އުމުރުން 13 އަހަރުގެ ޖެކޮބް ބާނެޓަކީ، އޯޓިސްޓިކް ކުދިންނަކީ ހުނަރުވެރި ކުދިންކަމަށް ހެކިދޭނެ ފަދަ މިސާލެކެވެ. ޖެކޮބްގެ ހިސާބު އިލްމުގެ ހުނަރަކީ ހިސާބު އިލްމުގެ ޕްރޮފެސަރުން ސިއްސުވާލިފަދަކަމެކެވެ. ހިސާބު އިލްމުގެ ބައިތައް ކަމަށްވާ، އަލްޖިބްރާ، ޖިއޮމެޓްރީ، ކަލްކިއުލަސް އަދި ޓްރިގޮނޮމެޓްރީފަދަ ބައިތައް ޖެކޮބް ޓީޗަރެއްގެ އެހީއާނުލައި އެއްހަފްތާތެރޭގައި ދަސްކުރިއެވެ. ޖެކޮބްގެ އައި.ކިއު ލެވެލް ނުވަތަ ވިސްނުންތެރިކަން ބަލާމިންގަނޑުން އޭނާ 170 ހޯދައެވެ. އެއީ މަޝްހޫރު ސައިންސްވެރިޔާ އައިންސްޓައިންގެ އައި.ކިއު ލެވެލް އަށްވުރެވެސް މަތީ އަދަދެކެވެ. މީގެއިތުރުންވެސް، ޖެކޮބްގެ މޮޅުކަމާއި އޭނާ އެއްޗެތި ދަސްކުރާމިންވަރު ހަލުވިކަމުން، އުމުރުން އެންމެ 12 އަހަރުގައި ޖެކޮބްއަށް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ވެސް އެމެރިކާގެ އިންޑިއާނާ ޔުނިވާސިޓީއިން ހުޅުވިއެވެ.

ޝަރީ 2024

އޯޓިޒަމްއަކީ އުމުރަށްދިގުދެމިގެންދާ ފަދަ ނުކުޅެދުންތެރިކަމެކެވެ. މިނުކުޅެދުންތެރިކަމުގެ ސަބަބުން، މީހާއަށް މައުލޫމާތުތައް ލިބިގަންނަނަގޮތާއި، ވަށައިގެން ހިނގަމުން އަންނަ ކަންތައް އިހްސާސްކުރުމުގައި އުނދަގޫތަކެއް ދިމާވެއެވެ. އަޅުގަނޑުމެންނަށް މީހަކާއި ދިމާވުމުން، އެމީހެއްގެ މޫނަށް ނުވަތަ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ބަލާލުމަށްފަހު އެމީހެއްގެ މޫޑަށް އައިސްފައިހުރި ބަދަލުތައް ލަފާކޮށްލެވިދާނެއެވެ. އެހެންނަމަވެސް، އޯޓިސްޓިކް މީހުންނަށް މިފަދަ އިހްސާސްތައް ދަނެގަންނަން ބައެއް ފަހަރަށް ދަތިވެއެވެ. އޯޓިސްޓިކް މީހުންނަކީ ގިނަފަހަރަށް މީހުންނާއި މުއާމަލާތްކުރުމަށާއި، އަދި ގުޅުންތައް ބަދަހިކުރުމަށް ބޭނުންވާ ބައެއް ނޫނެވެ. އަދި މީހުންގިނަ ތަންތަނުގައި މީހުންނާއި ގުޅިގެން އުޅުމަކީ އޯޓިސްޓިކް މީހުންނަށް އުނދަގޫކަމެކެވެ. ހަމަމިގޮތަށް، އޯޓިސްޓިކް މީހުންނަށް ވަކިބަސްތައް އެނގެނީ އެބަސްތައް އެބުނާގޮތަށްކަމުން، މަޖާޒީ ބަސްތަކާއި، މީހުން ސަމާސާގެ ގޮތުން ބުނާއެއްޗެތި ނަގައިގަންނަން އުނދަގޫވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޯޓިޒަމް ޖެހިފައިވާ ކުދިންގެ ތެރެއިން 30 އިންސައްތަ ކުދިންނަކީ އެހެނިހެން ކުދިންނާއި އެއްވަރަށް ވިސްނުން ހުންނަ ކުދިންނެވެ. އަދި ބައެއް އޯޓިސްޓިކް ކުދިންނަކީ، އެހެނިހެން މައްސަލަތައް ހުރިކަމުގައި ވިނަމަވެސް، ވަކި ޚާއްސަ ހުނަރުތައް ލިބިގެންވާކުދިންނެވެ. މީގެތެރޭގައި، ހަނދާނުގައި އެއްޗެތި އަވަހަށް ހަރުލުމާއި، ހިސާބު އިލްމުގެ ހުނަރާއި، މިއުޒިކާއި ކުރެހުމުގެ ހުނަރާއި، އަދި ކަންކަމުގައި މަޝްއޫލުވުމާއި ވަކިކަމަކަށް އާދަޔާ ޚިލާފަށް ސަމާލުކަން ދިނުމުގެ ހުނަރު ހިމެނެއެވެ.

ތަޖްރިބާކާރުން ލަފާކުރައްވާގޮތުގައި، ބައެއް އޯޓިސްޓިކް މީހުންގެ ސިނކުޑީގައި އާދައިގެ މީހުންނާ ޚިލާފަށް މައުލޫމާތުތައް ތަފާތު ގޮތްގޮތަށް އެނބުރެއެވެ. އަދި އާންމު މީހުންގެ ސިކުނޑި ބައްޓަން ކުރެވިފައިވަނީ 'ބޭކާރު' މައުލޫމާތު ސިނކުޑިން އަވަހަށް ބޭރު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށް ވާއިރު ބައެއް އޯޓިސްޓިކް މީހުންގެ ސިނކުޑީގައި މިފަދަ މައުލޫމާތު ގިނަ އިރު ހަރު ލައެވެ. މިފަދަ ބޭކާރު މައުލޫމާތުތަކަކީ އެމައުލޫމާތުތަކުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިކުރިނަމަވެސް، އޭގެ ސަބަބުން އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެއް ކަމަށް ތަޖްރިބާ ކާރުން ގަބޫލުކުރެއެވެ.

އޯޓިޒަމްއާއި އާދަޔާ ޚިލާފަށް ވިސްނުން ތޫނު ކަމާއި ގުޅުމެއް ވޭތޯ ބެލުމަށް ތަފާތު އެތަކެއް ދިރާސާތަކެއް ތަޖްރިބާކާރުންވަނީ ކޮށްފައެވެ. މިފަދަ ދިރާސާއެއްގައި ބައިވެރިންނަށް "ފިނިފެންމާ" މިބަސް ބުނުމުން ހިތަށް އަންނަ މިބަހާ ގުޅުންހުރި ކަންތައްތައް ލިޔުމަށް ބުނެވުނެއެވެ. ވަކިގަޑިއިރެއްގެ ތެރޭގައި ބަސްތައް ލިސްޓްކުރުމަށް ބުނެވުނު މިދިރާސާގައި، އޯޓިސްޓިކް ކުދިންވަނީ އެހެނިހެން ކުދިންނަށްވުރެ 3 ގުނަ ގިނަ ބަސްތައް ނޯޓްކޮށްފައެވެ.

އޯޓިޒަމްއާއި ބެހޭގޮތުން އިތުރަށް ދިރާސާކުރުމަށްޓަކައި، އެމެރިކާގެ ޔޭލް އަދި އޮހައިއޯ ޔުނިވަރސިޓީގެ ޕްރޮފެސަރުންވަނީ ދިރާސާތައް ކޮށްފައެވެ. ދިރާސާތަކުގައި ބޭނުންކުރެވިފައިވަނީ އާދަޔާ ޚިލާފަށް ހުނަރުވެރިކުދިންނެވެ. މީގެތެރެއިން ބައެއް ކުދިންނަކީ އޯޓިސްޓިކް ކުދިންނެވެ. މިގްރޫޕުގައި ހިމެނުނީ ހިސާބު އިލްމުގެ ހުނަރުވެރި ކުއްޖަކާއި، އާޓުގެ ހުނަރުހުރި ތިންކުދިންގެ އިތުރުން މިއުޒިކްގެ ހުނަރުހުރި ހަތަރުކުދިންނެވެ. ގްރޫޕުގައި ހިމެނުނީ ހަފިރިހެން ކުދިންނާއި ދެއަންހެން ކުދިންނެވެ. މިކުދިންގެ ވިސްނުން ތޫނު މިންވަރު ބެލުމަށް ތަޖްރިބާކާރުން ޓެސްޓް ތަކެއް ދިނެވެ. މިޓެސްޓުގައި ހިމެނެނީ، މައުލޫމާތުގެ މުއްސަނދިކަން މީހުންގެގައިގައި ހުންނަ މިންވަރާއި، ހަނދާނުގައި ތަކެތި ހަރުލާފައި ހުންނަ މިންވަރާއި، ހިސާބުއިލްމު ފަދަ މީހާގެ ވިސްނުންތެރިކަން ބަލާމިންގަނޑު ދަނެގަންނަ ފަދަ ޓެސްޓުތަކެވެ. މިޓެސްޓުގެ ބައިވެރިންގެ ތެރެއިން އޯޓިސްޓިކް ކުދިންނަށް ލިބިފައިވާ މާކްސް އެހެނިހެން ކުދިންނަށް ވުރެ މައްޗެވެ. އަދި މިކުދިންގެ "ވާކިން މެމަރީ" ގައި މައުލޫމާތު ހަރުލާ މިންވަރު ރަނގަޅުކަމަށްވެސް ނަތީޖާއިން ދައްކައެވެ. "ވާކިން މެމަރީ" އަކީ ކަމެއް ނިންމުމަށްޓަކައި މީހެއްގެ ސިކުނޑީގައި އެކަމަކަށް ބޭނުންވާ މައުލޫމާތު ވަގުތީގޮތުން ސިކުނޑީގައި ހަރުލާ މިންވަރެވެ. ދިރާސާގެ ނަތީޖާއިން ދެއްކިގޮތުގައި، ދިރާސާގެ ބައިވެރިންގެ ތެރެއިން އޯޓިސްޓިކް ކުދިންނަކީ އެހެނިހެން ކުދިންނާއި އަޅާބަލާއިރު ވިސްނުންތެރިކަން މަތި، އަދި ވާކިން މެމަރީ ގައި ގިނަވަގުތު މައުލޫމާތު ހަރުލުމުގެ އިތުރުން، ކަންކަމަށް ސަމާލުކަން ދިނުމުގައި ހުނަރުވެރި ކުދިންނެވެ.

ތާރީހުގެ ތެރެއިން އައިސްފައިވާ އިލްމުވެރިންގެ ތެރޭގައިވެސް އޯޓިސްޓިކް މީހުން ގިނައެވެ. މިގޮތުން ސައިންސް، ސިޔާސީ އިލްމު އަދި އާޓްފަދަ ދާއިރާތަކުގެ އިލްމުވެރިން ކަމަށްވާ ނިއުޓަން، އައިންސްޓައިން، ތޯމަސް ޖެފަރސަން، އަދި މޮޒަރޓްއަކީ އޯޓިޒަމްގެ "ނުކުޅެދުންތެރިކަން" ހުންނަ އިލްމުވެރިންކަމަށް ސައިކިއޭޓްރިސްޓުން ވިދާޅުވެއެވެ. މިގޮތުން، ޑަބްލިންގެ ޓްރިނިޓީ ކޮލެޖްގެ މަޝްހޫރު އިލްމްވެރިއެއް ކަމަށްވާ ޕްރޮފެސަރ މައިކަލް ފިޒްޖެރަލްޑް ވިދާޅުވެފައިވަނީ އުފެދުމުގައި ސިކުނޑީގައިވާ ތަފާތުތަކާއި އުފެއްދުންތެރިކަމާއި ގުޅުމެއްވާކަމަށް މީހުންބުނާވާހަކައަކީ ހަދަހަދައިގެން ދައްކާވާހަކައެއް ނޫންކަމަށެވެ. މިގޮތުން އޯޓިސްޓިކް މީހުންގެ ހުންނަ ސިފަތަކާއި، އާދަޔާ ޚިލާފަށް މޮޅެތިމީހުން ނުވަތަ "ޖީނިއަސް" މީހުންގެ ސިފަތަކާއި އެއްގޮތް ކަމަށް ފިޒްޖެރަލްޑް ވިދާޅުވެއެވެ.

އޯޓިސްޓިކް މީހުންނަކީ ތަފާތު އެކި ސިފަތައް ހުންނަ މީހުންނެވެ. މިގޮތުން، ބައެއް މީހުންނަކީ ކަންކަމަށް އާދަޔާ ޚިލާފަށް ސަމާލު ކަންދިނުމާ ގަޑިއަށް ފަރުވާތެރިވާން ޝައުގުވެރިކަން ބަހައްޓާ މީހުންނެވެ. މިސާލަކަށް، އޯޓިސްޓިކް މީހެއް ގާތު ބައްދަލު ކުރަން ގަޑިއެއް ކިޔާފަ ކުޑައިރުކޮޅެއް އެމީހަކު ލަސްވިއަސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރެވޭނެއެވެ. ބައެއް އޯޓިސްޓިކް ކުދިންނަކީ އެކުދިން ކުޅޭތަކެތި ރީތިކޮށް އެތުރުމުގައި އެތަކެއް ވަގުތު ހޭދަކުރާކުދިންނެވެ. އަދި އެތަކެތި އެހެންމީހަކު ހަޑިކޮށްފިނަމަ، އެކަމާ އެކުދިން ވަރަށް ރުޅިގަދަވާނެއެވެ. ހަމަމިގޮތަށް އާދަޔާ ޚިލާފު ވިސްނުން ތޫނު މީހުންނަކީވެސް، ކަންތައްތަކަށް ވަރަށްބޮޑަށް ސަމާލުކަންދީ އެކަންކަމުގައި ގިނަވަގުތު ހޭދަ ކުރާ މީހުންނެވެ. މިފަދަ މީހުން ދުނިޔެވީ އެހެންކަންތައްތަކުން ދުރުހެލިވެ ވަކިކަމެއްގައި މަޝްއޫލުވެ އެކަމެއް ހާސިލު ކުރުމަށް އުމުރުން 20 ނުވަތަ 30 އަހަރުވެސް ހޭދަ ކުރެއެވެ. އަދި މިފަދަ ބައެއް މީހުން ކަމެއް ހާސިލުކުރުމުގެ ބުރަ މަސައްކަތުގައި ފޫހިކަމެއްނެތި މުޅި އުމުރުވެސް ހޭދަކުރެއެވެ.

އެޑިޓަރުގެ ނޯޓު: މިއީ ޕްރޮފެސަރ އުގައިލްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުން ގާފު ނޫހުގައި ޝާއިއުކޮށްފައިވަނީ ޕްރޮފެސަރ އުގައިލްގެ ހުއްދައާ އެކުގައެވެ.
މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ