ތަޖްރިބާގެ ދަތުރެއްގައި އައްޑޫ ސިޓީގެ މޭޔަރާއި ކައުންސިލަރުން ގދ އަތޮޅަށް ކުރައްވަ ދަތުރުފުޅެއްގައި ގދ ތިނަދޫއަށް ވަޑައިގެންފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ވަފުދު ތިނަދޫއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. ތިނަދޫ ރަސްމީ ޖެޓީއިން މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) އަށާއި އޭނަގެ ޓީމަށް މަރުހަބާ ދެންނެވީ ގދ އަތޮޅު ކައުންސިލްގެ މެމްބަރުންނައި ގދ ތިނަދޫ ކައުންސިލްގެ މެމްބަރުންނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު އެވެ. މީގެ އިތުރުން ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ ގެ މެންބަރުންނާއި ތިނަދޫގެ ބައެއް މުވައްސަސާތަކުގެ ވެރިންނާއި މުވައްޒިފުންވެސް ވަނީ ބައިވެރިވެވަޑަގެންފައެވެ.
މި ދަތުރުގައި މި ވަފުދު ގދ އަތޮޅުގެ ގިނަ ރަށްތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ގދ. އަތޮޅު ކައުންސިލާއި، ގދ. އަތޮޅުގެ ރަށްތަކުގެ ކައުންސިލް ތަކާއި ބައްދަލުކޮށް ތަޖްރިބާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. އަދި މި ކައުންސިލްތަކާއި ބައްދަލުކޮށް ކައުންސިލް ހިންގުމުގައި ދިމާވާ މައްސަލަ ތަކާއި ގޮންޖެހުން ތަކާއި މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫ އާއި ހުވަދޫ އަތޮޅު ދެކުނު ބުރީގެ ރަށްތަކާއި އެކު އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގުޅިގެން ކުރެވޭނެ ކަންކަންތައް ތަކާއި މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުވަދޫ އަތޮޅުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް ދިމާވާ މައްސަލަ ތަކާއި ދަތިތައް އޮޅުން ފިލުވައި އެކަންކަން ފަސޭހަ ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ވަފުދުގައި 10 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ އާއި މަރަދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ފައިސަލް ފިޔަވައި، ކައުންސިލްގެ ދެން ތިއްބެވި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދު ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނީ 31 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ.