ވިލާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ހޮރައިޒަން ފިޝަރީޒްގެ ހޯނޑެއްދޫ ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ގޮވާލައްވައިފި އެވެ.
ފިރުޝާން ކުރެއްވި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާއި އެކު މުވައްޒިފުންގެ މުސާރައަށް ގެނައި ބަދަލަކީ ސީދާ އެމުވައްޒިފުންނަށް ދެމުން އަންނަ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ހޮރައިޒަންގެ މައްސަލަ ހައްލުނުވެ މުވައްޒިފުން ހާލުގައި ޖެހުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށްވެސް ފިރުޝާން ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ހޮރައިޒަން މައްސަލާގައި ސަރުކާރު އެކަމަށް ހައްލެއް ވީއެންމެ އަވަހަކަށް ހޯއްދެވުމަށާއި އަދި ހޯނޑެއްދޫ ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ހޮރައިޒަން ފިޝަރީޒްއަށް ފިޔަވަޅު އަޅައިދެއްވުމަށްވެސް ފިރުޝާން ވަނީ މި ޓުވީޓުގައި ގޮވާލައްވާފައެވެ.
ފިރުޝާންގެ މި ޓުވީޓުގައި ވަނީ ހޮރައިޒަން ފިޝަރީޒްގެ މުވައްޒިފުންގެ މުސާރައަށް ބަދަލު ގެނައުމަށް ހޮރައިޒަންގެ ޕޭރެންޓް ކުންފުނި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އިން ނެރުނު ސާކިއުލާއެއްވެސް އާންމުކުރައްވާފައެވެ. އަދި މިހާރު އެ ސައިޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑުގެ ފޮޓޯއެއްވެސް އާންމުކުރައްވާފައެވެ.
ރާއްޖޭގެ ދެކުނުގެ ޒޯނުގެ ރަށްތަކުން މަސް ގަނެ މަސް ބަންދު ކުރާނެ ފެކްޓަރީއެއް ހޯނޑެއްދޫގައި ގާއިމު ކުރުމަށް ހޮރައިޒަން އާއި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 8 ޑިސެމްބަރު 2005 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫން 13 ހެކްޓަރުގެ ބިމެއް ވެސް އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވެ އެވެ. އެހެން ނަމަވެސް 14 އަހަރު ވެގެން ގޮސްފައިވާއިރުވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވެއެެވެ.
19 ވަނަ މަޖިލީހަށް މަޑަވެލި ދާއިރާގެ މެެންބަރު ހުސެއިން ފިރުޝާން ހޮވުނީއްސުރެ މި މައްސަލައިގައި ވަރަށް ބޮޑަށް ފިރުޝާން އަންނަނީ ވަކާލާތު ކުރަމުންނެވެ.