
GMG_4109
އޭސީޕީޑަބްލިއުއެސް އަދި ކޭޑީއެމް ކުޅުނު މެޗު 2-2 އިން އެއްވަރު ވެއްޖެއެވެ.

ތިނަދޫ އާރު އަވަށު ފުޓްސެލް ދަނޑުގައި ކުޅުނު މެޗުގައި، ދެ ޓީމްގެ ފަރާތުންވެސް ވަނީ ގޯލައް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފު ކުރީ ކޮޅު މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑްނަގާފައި ވަނީ ކޭޑީއެމްއެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިފް މުހައްމަދުއެވެ. މި ގޯލާއެކު އޭސީޕީޑަބްލިއުއެސް އިން ވަނީ ކުޅުން ވަރުގަދަކޮށް މެޗުގެ 12 ވަނަ މިނުޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައިވަަނީ ނިޔާޒް އަހުމަދުއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ކޭޑީއެމް އިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑް ނަގާފައެވެ. މި ގޯލް ވެސް ކާމިޔާބުކޮށްދީފައިވަނީ ނާއިފް މުހައްމަދުއެވެ. މިއާއިއެކު ފުރަތަމަ ހާފް ނިމިފައިވަނީ 1-2 އިން ކޭޑީއެމް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައިވެސް ބޯޅަ ގިނަވަގުތު ހިފަހައްޓާ ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ކޭޑީއެމްއެވެ. ކޭޑީއެމްއަށް ވަނީ ގޯލްޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަތީޖާއެއްގެ ގޮތުން އޭސީޕީޑަބްލިއުއެސް އިން ވަނީ މެޗުގެ 15 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ނަވާޒް އަހުމަދު ހުރަސް ކުރި ބޯޅައަކުން ޔައީޝް އަލީ ޝާމް އެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ކޭޑީއެމްގެ ޓީމުގެ ޖާޒީ ނަންބަރު 7 ނާއިފް މުހައްމަދު އެވެ.
ކައުންސިލް މި މުބާރާތުގައި އޭސީޕީޑަބްލިއުއެސް ދެން ބައްދަލުކުރާނީ އެސްޓިއޯއާ އެވެ. އެމެޗު އޮންނާނީ އަންނަ ބުދަދުވަހުގެ ރެ އެވެ. ހަމަ އެރޭ ކޭޑީއެމް ބައްދަލުކުރާނީ އެމްއެންޑީއެފް އާއެވެ.
މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.