
ފަހަތުން އަރައި އޭއެސްއެމްއެޗް ބަލިކޮށް ކޭޑީއެމުން ފެށުން ރަނގަޅުކޮށްފި
GMG_0985
ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޓީމާއި ކާޑެއްދޫ ބައްދަލުކުރި މެޗު ކާޑެއްދޫ ޓީމުން ކާމިޔާބުކޮށްފި އެވެ.

މިރޭ ގދ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި ކުޅުނު ގްރޫޕު ބީގެ މި މެޗު ކޭޑީއެމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ އޭއެސްއެމްޗުންނެވެ. އެގޮތުން 8 ވަނަ މިނެޓުގައި އޭއެސްއެމްއެޗުގެ މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 5 މުހައްމަދު ޝާހިދު އެވެ. މިގޯލަކީ އެޓީމުގެ ޖާޒީ ނަމްބަރު 7 ހުސެއިން އިބްރާހިމް ފަހިކޮށްދިން ފުރުސަތަކުން ޝާހިދު ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފުގައި ކޭޑީއެމް ޓީމަށްވެސް ވަނީ ގޯލް ޖެހުމަށް ފުރުސަތު ތަކެއް ލިބިފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފު ފެށިގެން ކޭޑީއެމުންވެސް މެޗުގެ ކުޅުން ރަނގަޅުކޮށް އޭއެސްއެމްއެޗުގެ ގޯލަށް ވަނީ ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 5 ވަނަ މިނެޓުގައި ކޭޑީއެމްގެ ޖާޒީ ނަމްބަރު 11 އަހުމަދު އަޒްމޫން ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގެ ކުރީ ކޮޅު ނަތީޖާ ހަމަހަމަވުމާއި އެކު ދެޓީމުން ވެސް ވަނީ ކުޅުން ވަރުގަދަކޮށް ލީޑް ނެގުމަށް މަސައްކަތްކޮށްފައެވެ. މިއާއި އެކު ކޭޑީއެމުން ވަނީ ދެވަނަ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެން ދެމިނިޓަށް ވެފައި ވަނިކޮށް އެޓީމުގެ ޖާޒީ ނަމްބަރު 9 ޝަހީދު އަލީ އެވެ.
މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ކޭޑީއެމްގެ ޖާޒީ ނަންބަރު 8 އަހުމަދު ބިލާލް އެވެ.
މުބާރާތުގައި އޭއެސްއެމްއެޗް ދެން ވާދަކުރާނީ އެމްއެންޑީއެފްގެ ޓީމާއި އެވެ. އަދި ކޭޑީއެމް ވާދަކުރާނީ އަތޮޅު ކައުންސިލްގެ ޓީމާއި އެވެ. އެދެމެޗުވެސް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭގަނޑުއެވެ.
މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.