ހަވަރު ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ ޕާޓްނަރުންނާއި އެކު ސޮއިކޮށްފި އެވެ.
ޕާޓްނަރުންނާއި އެކު ސޮއިކުރުމަށް ތިނަދޫ ވޯޓާޑެކް ރެސްޓޯރެންޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ އޯގަނައިޒިންގ ޕާާޓްނަރ , ބެވަރޭޖަސް ޕާޓްނަރ , މީޑިއާ ޕާޓްނަރ ، ލައިވްސްޓްރީމް ޕާޓްނަރ އަދި ޕްރިންޓިންގ ޕާޓްނަރާއި އެކު ވަނީ ސޮއިކޮށްފައެވެ.
އެގޮތުން މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަންހެން ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މުބާރާތް ވަނީ މުޅި ރާއްޖެއަށް ހުޅުވާލެވިފައިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ނަންނޯޓު ކުރުން ހަވަރު ސްޕޯޓްސްއަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން 9886005 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެވޭނެއެވެ. މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.