ގއ ދެއްވަދޫ އަށް އެހީތެރިވުމުގެ ގޮތުން ގއ ކޮނޑޭ ރައްޔިތުންގެ ފަރާތުން ހަދިޔާ ކުރި ތަކެތި ދެއްވަދޫ ކައުންސިލާއި ހަވާލުކޮށްފިއެވެ.
ދެއްވަދޫ އަށް ފޮނުވި އެހީ ތަކުގެ ތެރޭގައި ބޯފެނާއި، މަސްދަޅު ، ސެނެޓައިޒާ ، ނޫޑްލްސް އިތުރުން އާއި ޖޫސް ފަދަ އެހެނިހެން ކާނާ ގެ ބާވަތްތައް ހިމެނެއެވެ.
މި ހަރަކާތުގައި އިސްކޮށް އުޅުއްވި ވިޝާން " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މި މަސައްކަތުގައި އަމަލީ ގޮތުން މަސަައްކަތް ކުރެއްވީ ރަށުގެ އަންހެން ކަނބަލުންނެވެ. އެގޮތުން ރަށުގެ ގެތަކަށް ފަންޑު ހޯދުމަށްޓަކައި ދޮރުން ދޮރަން ހިނގާފައިވާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ވައިބާ ގްރޫޕްގެ ސަމާލުކަމަށް މިކަން އައުމާއި އެކު ރަށުގެ ރައްޔިތުންގެ ފަރާތުން އެދެވޭ ތަރުހީބެއް މިކަމަށް ލިބުނު ކަމަށްވެސް ވިޝާން ފާހަގަކުރެއްވި އެވެ. އެގޮތުން ކޮނޑޭ ސްކޫލުގެ މުވައްޒިފުންގެ ފަރާތުން 6500 ރުފިޔާއާއި ކޮނޑޭ ފެނަކަ ބްރާންޗުގެ ހުރިހާ މުވައްޒިފުންގެ ފަރާތުން އެއްދުވަހަށް ވާ މުސާރާ ކަމުގައިވާ 1524.67 ރުފިޔާ ވަނީ ލިބިފައިއެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބުނު ފައިސާގެ އެހީއާއި އެކު ޖުމުލަ މި ހަރަކާތުން 15000 ރުފިޔާއާއި ގާތްކުރާ ވަރަށް ފަންޑު ލިބިފައިވާ ކަމަށް ވިޝާން ވަނީ ގާފު އަށް މައުލޫމާތު ދެއްވާފައެވެ.
ކޮނޑޭ ރައްޔިތުންގެ ފަރާތުން ދެއްވަދޫއަށް ހަދިޔާ ކުރި ބައެއް ތަކެތި
- 100 ފެންކޭސް
- 10 ކޭސް މަސްދަޅު
- 100 އިމީ ކަޕް ނޫޑްލްސް
- 28 ޕެކެޓް ޖޫސް
- 50 ހޭންޑް ސެނެޓައިޒާ
- 24 ސުޕަ ބޯލް ކަޕް
- 12 ބޭބީ ޝޭމްޕޫ ފުޅި
- 12 ބޭބީ ބާތް ފުޅި
ވިޝާން ވަނީ މި ހަރަކާތުގައި ކޮނޑޭ ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމަށް ޝުކުރުއަދާކޮށްފައެވެ. އަދި ހަމަ އެއާއި އެކު އެރަށުގެ ބާޔޯ ފިހާރައަށާއި ، ޕެރިސް ފެމިލީ ، ކޮނޑޭ ސްކޫލުގެ ހުރިހާ މުވައްޒިފުންނަށާއި ފެނަކަ ކޮނޑޭ ބްރާންޗުގެ ވެރިންނަށާއި މުވައްޒިފުންނަށްވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.