އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ކަމުގައި ވިޔަސް މިހާލަތުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ ވޯޓުންނެވެ. މި ބިލް ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނުގައި މިއަހަރު މޭ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހޭ ކަމަށް ބުނެފައިވާ މާއްދާ ވެސް ވަނީ އިސްލާހު ކޮށްފަ އެވެ. އެގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އިލެކްޝަން ކޮމިޝަނުން އަންގަންވާނެ ކަމަށް ފާސްކުރި އިސްލާހުގައިވެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، އެ ކޮމިޝަންގެ ކަންބޮޑުވުމުގައި ހުރި ބައެއް ކަންކަމަށް ވެސް ރިއާޔަތް ކުރުމަށް ފަހު ބިލަށް ބައެއް އިސްލާހުތައް ގެނެސްފައިވެއެވެ. އެގޮތުން ސަރުކާރުން ޤާނޫނަށް އިސްލާހު ހުށަހެޅި އިރު، އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނުގައި އިންތިހާބުގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް ކުރުކުރުމަށް އިސްލާހު ހުށަހެޅި އިރު ކޮމިޓީން ވަނީ އީސީގެ އެދުމަށް އެ މުއްދަތުތައް ކުރުކުރާ މާއްދާ އުވާލާފަ އެވެ.
ފާސްކުރި އިސްލާހުގައި ވާގޮޮތުންނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020″އަށް ގެނެވޭ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އަލުން ފަށަންޖެހޭނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައެޅުމަށްފަހުގައި ކަމަށާއި އިންތިހާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅަންޖެހޭ އުސޫލްތައް، ކަނޑައަޅައި އެ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކުލަވާލައި، އާންމު ކުރަންވާނެކަމަށް ވެސް ކޮމިޓީން ބިލަސް ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެ ކަމަށްވެސް ފާސްކޮށްފައިވާ އިސްލާހުގައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު 2020 ބާއްވަން އިލެކްޝަން ކޮމިޝަނުން އިޢުލާންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަދުވަހުއެވެ. އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން އޭރު އިޢުލާންކުރީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް- 19 އާއި ގުޅިގެން' ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއި ގުޅިގެން' ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ފަސްކޮށްފައެވެ.