ކެލިފޯނިއާ އަށް ނިސްބަތްވާ 33 އަހަރުގެ އަޑިޓްޔާ އުޑައި ސިންގް އަކީ ކޮވިޑާހެދި ބިރުގަނެ، ލޮސްއެންޖެލެސް އިން ޗިކާގޯ އެއާޕޯޓަށް އައިގޮތަށް އެ އެއާޕޯޓުގައި 3 މަސްދުވަސް ވަންދެން ދިރިއުޅުނު މީހެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޗިކާގޯގެ އޮހެއާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ އޭރިއާ ތެރޭގައި އޭނާ ދިރިއުޅުނު އިރު އެ އެއާޕޯޓުގެ ސެކިއުރިޓީ އޮފިޝަލަކަށް ރޭކާވެސް ނުލައެވެ. ނަމަވެސް އޭގެ 3 މަސް ފަހުން، މި މަހުގެ 16 ވަނަ ދުވަހު އެއާޕޯޓުގެ އޮފިޝަލެއް އޭނާ ގާތުގައި އައިޑެންޓިފިކޭޝަން ކާޑު ދެއްކުމަށް ބުނުމުން އޭނާ ދެއްކީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އެއާޕޯޓުގެ އޮޕަރޭޝަންސް މެނޭޖަރެއް ގެއްލިގެން އުޅުނު ކާޑެވެ. މިއާއެކު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އޭނާ އައެވެ.
މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އެ ސިޓީގެ ފުލުހުން ވަނީ އެއާޕޯޓުގެ ހުއްދަ ނެތް ސަރަހައްދެއްގައި އުޅުނު ކަމުގެ ތުހުމަތުގައާއި 500 ޑޮލަރު ވަގަށް ނެގިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައެވެ.
އެސިސްޓެންޓް ސްޓޭޓްސް އެޓާނީ ކޯޓުގައި ބުނެފައިވަނީ އެނާ އުޅުނީ ކޮވިޑުގެ ސަބަބުން ގެއަށް ދާން ބިރުން ކަމަށެވެ. އަދި އެއާޕޯޓުގައި ދިރިއުޅުނު 3 މަސްދުވަހު އޭނާ ކައިބޮއެ ހެދީ އެ އެއާޕޯޓަށް ފުރަންދާ މީހުން އަތުން ކާއެއްޗެހި ހޯދައިގެން ކަމަށްވެސް އޭނާ ބުންޏެވެ.
ޗިކާގޯގެ އޮހެއާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓެވެ. މި އެއާޕޯޓަކީ އެވްރެޖް ގޮތެއްގައި އަހަރެއްގެ މައްޗަށް 84.6 މިލިއަން ފަސިންޖަރުން ދަތުރުކުރާ އެއާޕޯޓެކެވެ.