ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބައިޑެން ރައީސްކަމަށް އިންތިހާބުވާ ފުރަތަމަ ދުވަހު ނިމުމަކަށް އަންނާނެ ކަމަށް ބައިޑެން ސަރުކާރުގެ ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް ރޮން ކްލެއިން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އޭނާ އާންމު ކުރި މެމޯ އެއްގައެވެ. އޭނާ ބުނެފައިވަނީ މުސްލިމް ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެ ނުވެވޭގޮތަށް އޮތް ގޮތް ބައިޑެން ރައީސްކަމަށް އިންތިހާބުވާ ފުރަތަމަ ދުވަހު އުވާލާނެކަމަށެވެ.
ހަމައެހެންމެ ކޮވިޑް19އާ ދެކޮޅަށް ހަރުދަނާ އާ ފިޔަވަޅުތަކެއް އެޅުމާއި، ޕެރިސް ކްލައިމެޓް ޗޭންޖް އެކޯޑްގައި އަލުން ބައިވެރިވުމާއި، ސްޓޫޑެންޓް ލޯން ދެއްކުމުގައި ލުއިދިނުމާއި އަދި އެމެރިކާގެ ރައްވެހިކަން އެތައްބަޔަކަށް ލިބޭނެހެން އެ ޤައުމުގެ އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވާކަމަށް އޭނާގެ މެމޯގައި ވެއެވެ.
ބައިޑެންގެ ސަރުކާރެއްގައި މުސްލިމުންނަށާއި އިސްލާމްދީނަށް ވެސް އިހްތިރާމުކޮށް، ސަރުކާރު ހިންގުމަށް މުސްލިމުންނަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭނުގައި ވަޢުދުވެފައިވެއެވެ. އަދި ޓްރަމްޕް ގެ ވެރިކަމުގައި ތަޢާރަފް ކޮށްފައިވާ "މުސްލިމް ބޭން" އުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.