އާރު. ޑީ. ސީގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މޫސާ އަލިމަނިކު، ގާފު ނޫހަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއުއެއްގައި، ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާގެ ނުލިބުމުގެ މައްސަލަޔަށް ހައްލެއް ހޯދައި ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމުގައި އެމް.ޑީ ވަނީ ވިދާޅުވެފައެވެ.
މުސްތަޤުބަލަށް ބަލާއިރު، އާރު. ޑީ. ސީގެ ސްކޯޕް ބޮޑުކަމުގައި އެމް.ޑީ ފާހަގަކުރެއްވިއެވެ. މިގޮތުން، ބްރިޖްތަކާއި، ފާލަންތަކާއި، ދާލަންތައް މަރާމާތުކޮށް ތަރައްޤީކޮށް ބެލެހެއްޓުމަކީ އާރު. ޑީ. ސީގެ މެންޑޭޓުގެ ތެރެއަށް އަންނަ ކަންކަމުގެ ގޮތުގައި ވެގެންދެއެވެ. އެހެންކަމުން، ކުރިޔަށް އޮތްތަނުގައި އާރު. ޑީ. ސީގެ މަސައްކަތް ފުޅާވެ، ވަޒީފާތަކުގެ ފުރުޞަތު އިތުރުކުރެވި، މަސައްކަތް ތެރިކަމުގެ ރޮނގުން ކުރިޔަށް ދިޔުމަށް ފަހި ފުރުޞަތު، ހުޅުވިގެން ދާނެއެވެ.
ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާގެ ނުލިބުމުގެ މައްސަލަޔަށް ހައްލެއް ހޯދައި ދިނުމަށް ވަރަށް ބޮޑު އިސްކަމެއް އާރު.ޑީ.ސީ އިން ގެންގުޅުއްވައެވެ. އިރާދަކުރެއްވިޔާ ޒުވާނުން މަގުމައްޗަށް ގިނަވެފައިވުމުގެ މައްސަލަޔަށް ހައްލެއް ހޯދޭނެކަމުގައި އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރައްވައެވެ. މިހާރުވެސް ދިވެހި ޒުވާނުންގެ މަސައްކަތުގެ ފެންވަރާއި، ޤާބިލްކަން އަދި ފަންނުވެރިކަން ވަރަށް ފުރިހަމަޔަށް ކުންފުންޏަށް ފެނިފައިވާއިރު، ކުންފުނީގެ އަމާޒު ހުރީ 100 އިންސަތަ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުމަށެވެ. އަދި މިކުންފުންޏަކީ ދިވެހިންގެ މަސައްކަތުން ކުރިއަރައިގެންދާ ކުންފުންޏަކަށް ހެދުމަކީ އާރު.ޑީ.ސީގެ އަމާޒެކެވެ. އާރު. ޑީ. ސީ އިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތައް ހިންގުމަށް، މާލެ ފިޔަވައި ހުރިހާ ރަށެއްގައިވެސް ތިބޭނީ ދިވެހި ނަސްލުގެ އެރަށަކަށް ނިސްބަތްވާ މުވައްޒަފުންނެވެ.
ދިވެހި މުވައްޒަފުންނާއެކު ކުރިޔަށް ނުދެވޭނެކަމަށް ބައެއްފަރާތްތަކުން ކުރިން ދެކެމުންއައި ގޮތް މިހާރުވަނީ ބަދަލުވެފައެވެ. އާރު.ޑީ.ސީގެ ތަޖުރިބާ ވަރަށްވެސް ފޮނިއެވެ. މިކަން އާރު.ޑީ.ސީގެ މުވައްޒަފުން ވަނީ ނަތީޖާނެރެ ދައްކާފައެވެ. މިގޮތުން ގދ. ގައްދޫ އަދި ގދ. ތިނަދޫގައި ޕްރޮޖްކްޓްގެ ހުރިހާ މަސައްކަތެއްގައިވެސް ޙަރަކާތްތެރިވަނި އެރަށެއްގެ މުވައްޒަފުންނެވެ. އެމްޑިގެ މިދަތުރުގައި އާރު.ޑީ.ސީގެ މުވައްޒަފުންނާއި ބައްދަލުކޮށް، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭތޯ އަދި މުވައްޒަފުންގެ ކަންބޮޑުވުންތައް ވަނީ އަހާފައެވެ. އަދި މުވައްޒަފުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވާނެކަން އެމްޑ ވަނީ ވިދާޅުވެފައެވެ.
ތަމްރީނާއި ތަޖްރީބާ ދީ، ރަނގަޅު މުސާރައެއްދީ، ދިވެހިން މިދާއިރާއަށް ނެރެވިއްޖެނަމަ، އަޅުގަނޑުމެންނަށް ނަތީޖާ ހާޞިލްކުރުމަށް ފަސޭހަވެގެން ދެއެވެ. ބިދޭސިންނަށް ވުރެ ދިވެހި މަސައްކަތްތެރިންގެ ފަންނުވެރިކަމާއި، މަސައްކަތުގެ ކޮލިޓީ ރަނގަޅުކަން ކުރިޔަށް ގެންދެވުނު މަސައްކަތްތަކުން ވަނީ ސާބިތުވެ ގޮސްފައެވެ. އަދި ވަކިން ޚާއްސަކޮށް ޕްރޮޖްކްޓްތަށް ހިންގުމަށް އެރަށަކުން މުވައްޒަފުން ނެގުމުން، މަސައްކަތް ކުރިޔަށް ގެންދިޔުމަށް ތަފާތު ފަސޭހަތަކެއް ލިބިގެން ދިޔުމުގެ އިތުރުން، މަސައްކަތުގެ ސްޕީޑް އަވަސްވެގެންދެއެވެ.