އާރު. ޑީ. ސީގެ ފަރާތުން އެޕެރެންޓިސްޝިޕް ޕްރޮގްރާމްތަކެއް މުޅި ރާއްޖެއަށް!

އާރު. ޑީ. ސީގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އީސާ އަލިމަނިކު، ގާފު ނޫހަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއުގެ ތެރެއިން - ގާފު ފޮޓޯ: ޝުޢާއު ހަނީފް

މަސައްކަތުގެ ދާއިރާއިން ތަމްރީން ހާޞިލްކުރަން ބޭނުންވާ ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްސަ އެޕެރެންޓިސްޝިޕް ޕްރޮގްރާމެއް ނުވަތަ، މަސައްކަތުގެ މާޙައުލަށް ޒުވާނުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފެއްޓެވުމަށް ނިންމާފައިވާކަމަށް އާރު. ޑީ. ސީގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް  މޫސާ އަލިމަނިކު، ގާފު ނޫހަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.

މިޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ، މަސައްކަތުގެ ދާއިރާއިން މަތީ ތަޢުލީމު ހާޞިލްކޮށް މިދާއިރާއިން ކުރިޔަށް ދިޔުމުގެ ފުރުޞަތު ނުލިބިފައި ތިބި ޒުވާނުންނަށް މަސައްކަތުގެ ދާއިރާއިން ތަޖުރިބާ އާއި ފުރުޞަތު ހޯދައި ދިނުމުގެ އިތުރުން، މަސައްކަތުގެ ދާއިރާއަށް ސްކޫލް ނިންމާފައި ނުކުންނަ ގިނަ ޒުވާނުން ޝައުޤުވެރިކުރުވައި، ވީހާވެސް ގިނަ ޒުވާނުންނަށް ފުރުޞަތު ހުޅުވާލުމެވެ. އަދި މިޕްރޮގްރާމްގެ ތެރެއިން ކުންފުންޏަށް ބޭނުންވާ ފަންނީ ދިވެހި ޒުވާނުން އުފެއްދުމަކީވެސް މި ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒެވެ. އާރު.ޑީ.ސީގެ އެޑްމިން ވަޒީފާއިން ފެށިގެން ގޮސް ޕްރޮޖްކްޓްސް ގެ ދާއިރާ މި އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމަނާލެވިފައި ވާނެއެވެ. މި ޕްރޮގްރާމް ނިންމާ ކޮންމެ ޒުވާނަކަށް، ޤައުމީ ފެންވަރުގެ ސެޓްފިކެޓެއް ލިބިގެން ދިޔުމާއެކު، މަސައްކަތުގެ ދާއިރާއިން ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދާނެއެވެ.

މިޕްރޮގްރާމެއް މުއްދަތަކީ 1 އަހަރު ދުވަސް ކަމުގައި ވީނަމަވެސް، 1 އަހަރަށްވުރެ އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ކުންފުނީގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ. އަދި މި ޕްރޮގްރާމް 6 މަސްދުވަހުންވެސް ފުރިހަމަ ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. އާރު. ޑީ. ސީގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ތަފާތު ކެޓަގަރީތަކަށް ބަހާލައިގެން އެލަވަންސެއް ހަމަޖެއްސޭނެއެވެ. މިގޮތުން ރަނގަޅު އެލަވަންސެއް ދެވިގެން ދާނެއެވެ. އެންމެ ދަށް ރޭންޖެއްގެ އެލަވަންސަކަސްވެސް 4000 (ހަތަރު ހާސް) ރުފިޔާ ލިބޭނެއެވެ. އަދި އެހެން ކެޓަގަރީތަކަށް 5000 (ފަސްހާސް)ރުފިޔާ، 6000 (ހަހާސް) ރުފިޔާގެ އެލަވަންސެއް ލިބިގެން ދާނެއެވެ.

 

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އަމާޒުކޮށްގެން އާރު. ޑީ. ސީގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމް ހިންގާއިރު، ހުވަދު އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން މި ފުރުޞަތުތައް ފުޅާ ދާއިރާއެއްގައި ހުޅުވުމަށް ވިސްނާފައިވާކަމުގައި އާރު. ޑީ. ސީގެ  މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް  މޫސާ އަލިމަނިކު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް