ފްރޭންސިސްކޯގައި ދިރިއުޅެމުންދާ ކޮމްޕިއުޓަރ ޕްރޮގްރާމަރަކަށް މިވަނީ ވަރުގަދަ ލަނޑެއް ލިބިފައެވެ. އޭނާއަށް ކެހި މި ދިނީ އޭނާގެ ހަނދާނެވެ.
ޖަރުމަން ވިލާތަށް އުފަން ސްޓިފާން ތޯމަސްއަށް ވަނީ އޭނާގެ ބިޓްކޮއިން ވޮލެޓުގެ ޕާސްވޯޑު ރައްކާކޮށްފައިވާ ހާޑް ޑްރައިވުގެ ޕާސްވޯޑު ހަނދާންނެތި، 4.6 ބިލިއަން ރުފިޔާ ގެއްލުމުގެ ފުރުސަތު ބޮޑުވެފައެވެ. ޕާސްވޯޑު ޖެހުމަށް 10 ފުރުސަތު ލިބޭއިރު އޭނާ މިހާރު ވަނީ 8 ފުރުސަތުގެ ބޭނުން ހިފާފައެވެ. އެހެންކަމުން މިހާރު އޭނާއަށް ބާކީ އޮތީ އެންމެ 2 ފުރުސަތެވެ. މި ދެ ފުރުސަތުގައިވެސް ޕާސްވޯޑު ނުބައިކޮށް ޖަހައިފިނަމަ އޭނާއަށް އޭނާގެ ވޮލެޓުގައިހުރި 7002 ބިޓްކޮއިން ގެއްލިގެންދާނެއެވެ. އޭނާ ބުނެފައިވަނީ ޕާސްވޯޑު ގަނޑުކޮޅެއްގައި ލިޔުނު ކަމަށާއި މިހާރު އެ ގަނޑުކޮޅު ގެއްލިފައިވާކަމަށެވެ.
10 ފަހަރު ނުބައިކޮށް ޕާސްވޯޑު ޖަހައިފިނަމަ ހާޑް ޑްރައިވް އެއްކޮށް އެންކްރިޕްޓް ވެ އެ ދުވަހަކުވެސް ނުހުޅުވޭނެއެވެ.
ތޯމަސް މިކަމާމެދު ވިސްނަން އުޅެނިކޮށް ފޭސްބުކްގެ ކުރީގެ ސެކިއުރިޓީ އޮފިސަރު އެލެކްސް ސްޓާމޯސް ވަނީ 6 މަހުގެ ތެރޭގައި އެ ޕާސްވޯޑު ކްރެކް ކުރެވިދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ބަދަލެއްގެ ގޮތުގައި އެނާގެ ވޮލެޓުގައި ހުރި ރުފިޔާގެ 10 އިންސައްތަ ދޭ ގޮތަށެވެ.
ބިޓްކޮއިން ވޮލެޓުގެ ޕާސްވޯޑު ހަނދާން ނެތުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އެގޮތުން 140 ބިލިއަން ޑޮލަރުގެ އަގުހުރި ބިޓްކޮއިން މިހާތަނަށް ގެއްލިފައި ނުވަތަ މިގޮތަށް ބޭނުން ނުކުރެވިފައި އެބަހުރިކަމަށް އެނަލިސިސް އަކުން ދައްކައެވެ.
މިދިޔަ ހަފްތާގައި ބިޓްކޮއިންގެ އަގު 40،000 ޑޮލަރަށް އެރި އިރު މިއީ ރެކޯޑް އަދަދެކެވެ. ބިޓްކޮއިންއަކީ މިހާރު ވަރަށް މަޤުބޫލު ކްރިޕްޓޯކަރަންސީއެކެވެ.