logoEN
ކޮކާކޯލާ
ރަށުގެ އިދާރާ ހިންގުން މީސްމީޑިއާގައި!

ރަށުގެ އިދާރާ ހިންގުން މީސްމީޑިއާގައި!

Admin

logo

1/15/2021, 3:44:10 PM

# ކޮލަމް

1720843C-5A94-4D92-B64D-E3190A064DBA

އަބުޅޯ
އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ ޢަލީ ޝާނިޒް މުޙައްމަދު، ގާފުގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.

ދިވެހިރާއްޖޭގެ ހުރިހާ މިނިސްޓްރީތަކާއި އިދާރާތަކުގެ ވެރިން މާލޭގައި ތިއްބެވުމުގެ ސަބަބުން އަތޮޅު ތެރޭގެ ގިނަ މުއައްސަސާތައް ހިނގަނީ ކިހިނެއް ކަމެއް ނުވަތަ ހިނގާ ކަމެއް ނޭނގެއެވެ. ކޮންމެ ދުވަހަކު އަތޮޅު ތެރޭގައި ހުންނަ އޮފީސް ތަކަށާއި ހިދުމަތްދޭ މަރުކަޒުތަކަށް ގުޅައިގެން ކަންކަން އޮޅުން ފިލުވޭނެހާ ގާބިލު ކަމެއް ނުހުރެއެވެ.

ވައިބާ މެދުވެރިކޮށް އިދާރާތައް ހިންގާ މި ޒަމާނުގައި މާލޭގައި ހުންނަ މައި އޮފީހަށް ނުވަތަ މިނިސްޓްރީއަށް އަތޮޅުތެރޭގައި ހުންނަ ތަންތަން ހިނގާ ގޮތް ދައްކަން މި ޖެހެނީ މީސް މީޑިއާ މެދުވެރިކޮށެވެ. ހިދުމަތް ދޭގޮތާއި، ރާވާއި ހިންގާ ހަރަކާތްތައް ކޮންމެ ދުވަހަކުމެ މީސްމީޑިއާ ތެރެއަށް ދޫކޮށްލަމުން ދަނީ މިނިސްޓަރ އާއި މިނިސްޓްރީ ޓެގް ކުރެއްވުމަށްފަހުއެވެ.

ކޮންމެ ތަނަކަށް ރަނގަޅު ގާބިލު ވެރިއެއް ނެތަސް ޓްވިޓާއާއި ފޭސްބުކް ޕޭޖް ހިންގޭނެ ރަނގަޅު މީހެއް ހުރެއެވެ. ފާޑު ފާޑުގެ ހަރަކާތްތައް ރާވައި ހިންގާއިރު އާންމު ރައްޔިތުންނަކަށް ގިނަ ފަހަރަށް ނޭނގެއެވެ. ފޭސްބުކް ޕޭޖް ނުވަތަ ޓްވިޓާއިން ހަރަކާތްތަކުގެ ފޮޓޯ ތަކެއް ފެނިގ އެކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް މީޑިއާ ތަކުން ގުޅުމުން ޖަވާބުދާރީ ވާން ހުންނަ ބޭފުޅަކަށް އެކަހަލަ ކަމެއް ހިނގައިގެން އުޅޭކަން ނޭނގޭ ހާލަތައް މިއަދު މި ހުވަދު އަތޮޅުގެ ގިނަ މުއައްސަސާތަށް ވަނީ ގޮސްފައެވެ.

މިނިސްޓްރީތަކުންނާއި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނި ތަކުން ރައްޔިތުންނަށް ރަނގަޅަށް ކިތަންމެ ރަނގަޅު ނިންމުމެއް ނިންމައި އެޔަށް އަމަލުކުރުމަށް އަތޮޅު ތެރޭގައި ހުންނަ އިދާރާތަކާއި ހިދުމަތްދޭ މަރުކަޒު ތަކަށް ދެންނެވުމުން، މި ދަންނަވާ ތަންތަނުގެ އިސްވެރިންގެ ގާބިލު ކަމުން އެކަން ކުރާނެ ގޮތެއް ނުވިސްނެއެވެ. ނަމަވެސް މީސްމީޑިއާ މެދުވެރިކޮށް ފޮޓޯ ތަކާއި ވީޑިއޯ ތައް ފޮނުވައެވެ. މިނިސްޓްރީން އެންގި ގޮތަށް އަމަލު ކުރެވުނީ އެހިސާބުންނެވެ.

ސިއްޚީ ހިދުމަތް ދޭ ތަނަކަށް ބަލާލަމާ ހިނގާށެވެ. ޑަކްޓަރަށް ދެއްކުމަށް ނަންނޯޓު ކޮށްލަން ގުޅުން އެއީ ވޭނެކެވެ. ފޯނަށް ޖަވާބުދާރީ ނުވާތަނުގައި ފޯނު ބިޒީ ކޮށްފަ އެބަހުއްޓެވެ. ޑަކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ދާ ކޮންމެ ފަހަރަކުވެސް ދިމާވަނީ ޑަކްޓަރު ގެ ބްރޭކް ގަޑިއާއެވެ. ޑަކްޓަރ ބަލާ ކޮޓަރީގެ ބޭރުގައި މަދުވެގެން 30 މިނެޓް ޑަކްޓަރ ގެ އިންތިޒާރުގައި އިންނަން ޖެހެއެވެ. ގިނަވެގެން 8 ގަޑި އިރުގެ ޝިފްޓަކަށް އިންތިޒާރު ކުރަންޖެހެއެވެ. މިކަމަށް ހައްލެއް އާންމު ރައްޔިތު މިހާއަށް ހޯދައި ނުދެވޭނެއެވެ. ނުވިތަނަކަށް މިނިސްޓްރީއަށް މިކަން އިނގޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ފޭސްބުކް ޕޭޖް މެދުވެރިކޮށް ކޮންމެ ދުވަހަކު ޑޮކްޓަރ ބަލާ ގަޑި އާއި، ކުރެވުނު މޮޅެތި އޮޕަރޭޝަންތަކާއި އާންމުންނަށް ލުއި ފަސޭހަ ކުރުމަށް ކަމަށް ބުނެ އިރު އިރު ކޮޅާ ޕޯސްޓު ޖެހުމުން މިނިސްޓްރީގައި ތިއްބަވާ ބޭފުޅުން ތިއްބަވަނީ ވަރަށް އުފަލުގައެވެ. ހަގީގީ ހާލަތު ކުޑަވެސް އިހުސާސެއް ނުވެއެވެ.

ދެވަނަ މިސާލަކަށް ތަޢްލީމު އުނގަންނައިދޭ މަރުކަޒަކަށް ޖެހިލާނަމެވެ. އެންމެ ފުރަތަމަ ކަމަކީ ބަޖެޓެވެ. މިއީ އަތޮޅު ތެރޭގެ ސްކޫލްތަކުގެ ހާލަތެވެ. އަބަދު ސަލާން ޖަހައިގެން ސްކޫލްތަށް ހިންގުން މިއީ ހަމައެކަނި އަތޮޅު ތެރޭގެ ސްކޫލްތަކުން ކުރަން ޖެހޭ ކަމެއްހެން ބައެއް ފަހަރު ހީވެއެވެ. ފުރަ މާލޭގެ ސްކޫލް ތަކުގައި ބޮޑެތި އިމާރާތް އަޅައި ޒަމާނީ ފެންވަރުގެ ޑިވައިސްތައް ބޭނުންކޮށް ބޮޑު ޚަރަދު ކޮށްގެން އިވެންޓްތައް ބާއްވާއިރު އަތޮޅު ތެރޭގެ ސްކޫލުގެ ފޮތި ބެނާގަޑެއްހާ ހިސާބުވެސް ޖަހަން މި ޖެހެނީ ސަލާން ޖަހަންށެވެ. މިކަމުގެ މާ ބޮޑު ހަގީގަތެއް ނޭނގެއެވެ. ފަހަރުގައި ރަނގަޅަށް މިކަމުގެ ތެރޭގައި ފީނާ ނުލެވެނީކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް މަދުންނަމަވެސް އަތޮޅުތެރޭގެ ބައެއް ސްކޫލްތައް މިވާހަކައިން އިސްތިސްނާ ވެއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން މިކަމެއް ނުވަތަ އެވެނި ކަމެއް ކުރަން އެންގުމުން އެއީ ކުރެވޭނެ ކަމެއް ތޯ ނުވަތަ އެކަން ކުރެވޭނެ ގޮތަކީ ކޮބައި ކަމެއް މި ދަންނަވާ ގާބިލު ބޭފުޅުންނަކަށް ނޭނގެއެވެ. މީސް މީހުން ކައިރިން އާދޭސް ކޮށް ސަލާން ޖަހައިގެން ކޮންމެވެސް ގޮތަކަށް އެކަން ކޮށް ޖީބުގައި އޮންނަ ފޯނުން ފޮޓޯ އެއް ނަގައި އެ ސްކޫލެއްގެ ޕޭޖަށް ފޮޓޯ ލުމުން މަގާމުގެ މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް ފުރިހަމަ ވީއެވެ. ދަރިވަރުންނަށް އެކަމުން ލިބުނު ފައިދާއަކީ ކޮބައިކަމެއް، އަދި ބެލެނިވެރިންގެ ޚިޔާލަކީ ކޮބައިކަމެއް ވެސް ނޭނގެއެވެ.

ކޮންމެއަކަށް ހުވަދޫ އަތޮޅުގެ ގިނަ އިދާރާ ތަކަށް ބަލާލި ކަމުގައި ވިޔަސް ވެސް މަދު ތަނެއް ފިޔަވާއި ހުރިހާ ތަނެއްގެ ހާލަތު ހުރީ މި ގޮތަށެވެ. އާޚިރުގަ ރައްޔިތުންގެ ކުރިމަތީ ސަރުކާރާއި ވަޒީރުން ކުއްވެރިވެގެން މިދަނީ މިދެންނެވި ކަހަލަ ގާބިލު ވެރިންގެ އަމަލު ހުންނަގޮތުންނެވެ. މީސްމީޑިއާގައި އިދާރާ ހިންގުން އެއްވަނަ އެވެ. އެހެން ނަމަވެސް ހަގީގަތަކީ ތިޔަ އޮޅުވާލައި މަކަރު ހަދަނީ މުޅި ދިވެހި ރާއްޖެއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ