ގއ. އަތޮޅުގައި ދަތުރުކުރާ "ކޮއިމަލާ 4″ ފެރީ އިން މި މަހު 9 ވަނަ ދުވަހު ދަތުރުކުރުކޮށްފައިވާ ފަރާތެއް ކަރަންޓިން ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އަންގައިފިއެވެ.
އެޗްޕީއޭއިން މިގޮތަށް އަންގާފައި ވަނީ، ގއ އަތޮޅުގެ ބައެއް ރަށްތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެންނެވެ.
އެގޮތުން މި މަހު ނުވަ ވަނަ ދުވަހު "ކޮއިމަލާ 4″ އިން ދަތުރު ކުރި އެންމެން ވީ އެންމެ އަވަހަކަށް ކަރަންޓީނުވުމަށްފަހު އެރަށެއްގެ ސިއްޙީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދޭ ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އެޗްޕީއޭ އިން ބުނީ، އެމީހުން ހޯދަނީ ދާންދޫން މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކަމަށެވެ. އަދި އިތުރު ތަފްސީލު މިރޭގެ ޕްރެސް ކޮންފަރެންސްގައި ދޭނެ ކަމަށް ބުންޏެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމުލަ 44 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެއްވަދޫން ޕޮޒިޓިވްވި 35 މީހުންނާއި ލ. ފޮނަދޫން ޕޮޒިޓިވްވި ހަތަރު މީހުންގެ އިތުރުން ހުޅުމާލޭން އެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި ދެ މީހުންނެވެ. އަދި މިއަދު އެ ކުލަސްޓާއާ ގުޅިގެން ގއ. ވިލިނގިލިން ކޭހަކާއި ގއ. ދާންދޫން ދެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.