logoEN
ޕީއެންސީ 2
ދުނިޔޭގެ އެންމެ މުއްސަނދި 7 ފަގީރުން އެނގޭތަ؟

ދުނިޔޭގެ އެންމެ މުއްސަނދި 7 ފަގީރުން އެނގޭތަ؟

1

މަގުމަތިން ފަގީރު ސަލާންޖަހާ ނިކަމެތި މީހަކު ފެނުމުން އެމީހަކާ ދޭތެރޭ ހަމްދަރުދީ އުފެދި ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވެ އެމީހަކަށް ފައިސާގެ އެޙިތެރިކަމެއް ފޯރުކޮށްދެވުނު ހެއްޔެވެ؟ އެހީތެރިކަން ބޭނުންވާ ނިކަމެތި ފަގީރުންނަށް ފޯރުންތެރިކަން ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ބޭނުންވާ ކޮންމެ މީހަކު ކުރުން ރަނގަޅު ހެޔޮ އަމަލެކެވެ. ނަމަވެސް ނިކަމެތި ފަގީރުންގެ ގޮތުގައި ސަލާންޖަހާ ކޮންމެ މީހަކީ ފަގީރަކަށް ނުވުމުގެ އިތުރުން، އެހީތެރިވާ މީހާއަށްވުރެ މާތަނަވަސް މީހަކަށް ސަލާންޖަހާ މީހާ ވެގެންދާ ފަހަރުވެސް އެބައާދެއެވެ. ފަގީރުންގެ ގޮތުގައި ސަލާންޖަހާ ދުނިޔޭގެ އެންމެ މުއްސަނދި 7 ސަލާންޖަހާ މީހުންގެ މަޢުލޫމާތު މިލިޔުމުގައި ހިމަނާލަމެވެ.

ޝަރީ 2024

ކުރިން ބުނެވުނު ފަދައިން، އަޅުގަނޑުމެންގެ ތެރެއިން ފުދުންތެރިކަން ހުންނަ ފަރާތްތަކުން، އެހީތެރިކަން ބޭނުންވާ ނިކަމެތި ފަގީރުންނަށް އެހީތެރިވާން ޖެހެއެވެ. މިއީ މާތްވެގެންވާ އިސްލާމް ދީނުގައިވެސް ބާރުއަޅާ މަތިވެރި ކަމެކެވެ. ނަމަވެސް ލާރި ހޯދުމުގެ ބޭނުމުގައި ނިކަމެތި ފަގީރުންނަށް ހެދިގެން ސަލާންޖަހާ މީހުންވެސް މިޒަމާނުގައި މަދެއް ނޫނެވެ. މިގޮތުން ބައެއް ސަލާންޖަހާ މީހުންނަކީ އެމީހުންގެ ކިބައިގައި ހުންނަ ކޮންމެވެސް ނުކުޅެދުންތެރިކަމެއްގެ ނާޖާއިޒު ފައިދާ ނަގައިގެން، ސަލާންޖަހައިގެން މީހުންގެ އަތުން ލާރި ހޯދުމަށް ފުންނާބު އުސް މޮޅު ބައެކެވެ. ބައެއް ސަލާންޖަހާ ފަރާތްތަކަކީ އަހަރަމެން ހައިރާންވާހާ މުއްސަނދި މީހުންނެވެ.

ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މުސްކުޅި އައިޝާ:

undefined

އައިޝާ އަކީ 100 އަހަރަށްވުރެ އުމުރުން ދުވަސްވެފައިވާ މުސްކުޅި ލޯފަން އެކަނިވެރި އަންހެނެކެވެ. މިމުސްކުޅި ލޯފަން އަންހެން މީހާގެ ހާލަތު ފެނި ގިނައަދަދެއްގެ މީހުންގެ ހިތަށް ހަމްދަރުދީ ވެރިވެ، އެމީހަކަށް ވެވުނު މިންވަރަކުން ފައިސާގެ އެހީއެއް ފޯރުކޮށްދެއެވެ. އަދި އައިޝާގެ ނިކަމެތި ހާލު ލޮލަށް ފެނުނު ކޮންމެ މީހަކު ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ނުދީ ދިޔުމަށް އުދަނގޫވެއެވެ. އައިޝާ މިދުނިޔެއާއި ވަކިވެދިޔުމާއި ހަމަޔަށް، ސައުދީ އަރަބިއްޔާގެ މަގުތަކުގައި ސަލާންޖަހަން އައިޝާ އުޅެފައިވެއެވެ. ޤަބޫލުކުރެވޭ ގޮތުގައި ސަލާންޖެހުމުގައި 50 އަހަރު އައިޝާ ހޭދަކޮށްފައި ވެއެވެ. އައިޝާ މިދުނިޔެއާއި ވަކިވެގެން ދިޔައިރު އައިޝާގެ ނަމުގައިވާ ތަފާތު ތަންތަނާއި، މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު 10,66,580 ޑޮލަރަށް އަރާފައި ވެއެވެ.

އިނގިރޭސި ވިލާތަށް ނިސްބަތްވާ ސިމޮން ވްރައިޓް:

undefined

މިލިސްޓަށް ދެން އިތުރުވެގެންދާ އަނެއް ފަރާތަކީ އިނގިރޭސި ވިލާތައް އުފަން ސިމޮން ވްރައިޓް އެވެ. އިނގިރޭސި ވިލާތުގެ ލަންޑަނުގެ ޕުޓްނޭ ހައި ސްޓްރީޓްގެ މަގުގެ ޕޭވްމަންޓް މަތީގައި ވީދި ބާވެފައިވާ ގަމީސް އަދި ފަޓްލޫނެއް ލައިގެން ސިމޮމް އިންނައިރު އަތުން ލިޔެފައިވާ ލިޔުމެއް ގެންގުޅެއެވެ. މިލިޔުމުގައި "ހޯމްލެސް" އަދި "ހަންގްރީ" ނުވަތަ ބޯހިޔާ ވަހިކަމެއް ނެތް، ބަނޑުހައިވެފައި މިހެން ލިޔެފައި ވެއެވެ. އެއްދުވަހެއްގައި ޕޮލިސް ކޮންސްޓަބަލް އެއް ކަމުގައިވާ އޮލިވާ ކިޔާ މީހަކު ސިމޮންގެ ނިކަމެތި ހާލު ފެނި ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އަދި އެއްރޭ ސިމޯން ދިރިއުޅޭ ތަނެއް ބަލައި އޭނަގެ އެހާލަތަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި ސިމޮންއަށް ނޭނގޭނެހެން ސިއްރުން ފާރަލިއެވެ. އޮލިވާއަށް ފެނިގެން ދިޔައީ ސިމޮން ދިރިއުޅެމުން އަންނަނީ ފުޅަމް ކައިރީގައިވާ 300,000 ޕައުންޑުގެ އަގުބޮޑު ލަގްޒަރީ ފްލެޓެއްގައެވެ.

ކްރިޝްނާ ކުމާރު ގައިޓް:

undefined

އިންޑިޔާއަށް އުފަން ކްރިޝްނާ ކުމާރު ގައިޓް އަކީ ސަލާންޖަހައިގެން ރަނގަޅު އާމްދަނީއެއް ހޯދަމުންދާ ފަރާތެކެވެ. އިންޑިޔާގެ އެންމެ ވަރުގަދަ އެއް ހިސާބު ކަމުގައިވާ މުމްބާއީ ސަރަޙައްދުގައި ސަލާންޖަހައިގެން ހަފްތާއަކު 500 ޑޮލަރު ކްރިޝްނާ ހޯދައެވެ. މީނާއަކީ މިލިޔަނަރެއްކަމުގައި ނުވީނަމަވެސް މީނާ ސަލާންޖަހައިގެން ރަނގަޅު އާމްދަނީއެއް ހޯދައެވެ.

ސަމްބާޖީ ކާލް

undefined

މިލިސްޓަށް ދެން އިތުރުވެގެންދާ ފަރާތަކީވެސް އިންޑިޔާއަށް އުފަން މީހެކެވެ. މީނާވެސް މުމްބާއީ ސަރަޙައްދުގައި ސަލާންޖަހައިގެން ހަފްތާއަކު 500 ޑޮލަރު ހޯދައެވެ.

ހީ ރޮންގްފެންގް

undefined

މި ލިސްޓުގައި ހީ ރޮންގްފެންގްގެ ނަން ހިމެނުނު ނަމަވެސް އެހެން މީހުންނާއި، މީނަގެ ވާހަކަ ތަފާތެވެ. ޗައިނާގެ ޒެއިޖިއާންގް ޕްރޮވިންސްގެ ޓައިޒޯއު ސިޓީގެ މަގުމަތީގައި އުޅުނު 17 އަހަރުގެ ހީ ރޮންގްފެންގް އަށް އޭނާގެ މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހިފައި ވިއެވެ. އެދުވަހު ހީ ރޮންގްފެންގް ނޫޑުލްސް ވިއްކާ ފިހާރައެއްގެ ކުރިމަތީގައި ހުއްޓި ސަލާންޖަހަން ހުރި އިރު، އޭނާގެ އަތުގައި އެއްވެސް ކާއެއްޗެއް އަދި ކާއެއްޗެއް ގަންނާނެ ލާރިއެއްވެސް ނެތެވެ. ނޫޑްލްސް ފިހާރައިގެ ވެރިފަރާތް ކަމުގައިވާ ޑައި ޒިންގްފެން އަކީ ހިތްހެޔޮ ދީލަތި އަންހެނަކަށް ވުމުން، އޭނާއަށް ކާން ދިނުމުގެ އިތުރުން، ހީ ރޮންގްފެންގް އަށް ވަޒީފާއެއް ހޯދައި ދިނުމުގެ މަސައްކަތް ކުރިއެވެ. އަދި ވަޒީފާއެއް ހަމަޖެހޭ ގޮތެއް ނުވުމުން، ހީ ރޮންގްފެންގް އަށް އޭނަގެ އަތުގައި ހުރި ފައިސާއިން ފައިސާކޮޅެއް ދީފައި، އެފައިސާއިން ކޮންމެވެސް އާމްދަނީ ލިބޭނެ ކަމެއް ފެއްޓުމަށް ނަސޭހަތްތެރިވިއެވެ. މިއީ ހީ ރޮންގްފެންގް ގެ ނަސީބު އަތުގައި ހިފަން ކުރިމަތިވި ހާދިސާއެވެ. ހީ ރޮންގްފެންގް އާއި ބައްދަލުވި ދީލަތި އަންހެން މީހާ އެދުނުފަދައިން އޭނަގެ ހިތްމަތާއި ބުރަމަސައްކަތުން އޭނާ މިލިޔަނަރަކަށް ބަދަލުވިއެވެ. އަދި އެ ދީލަތި އަންހެން މީހާއާއި ބައްދަލުކޮށް މިލިޔަން ޑޮލަރު ހަދިޔާ ކުރެއެވެ. ދީލަތިކަމަކީ އަބަދުވެސް ފޮނި އެއްޗެކެވެ.

އިންޑިޔާގެ މަސްސޫ

undefined

މިލިސްޓުގައި ދެންވެސް ފާހަގަކޮށްލެވެނީ އިންޑިޔާގެ ފަރާތެކެވެ. މީނާ އަކީ އިންޑިޔާގެ އޮޓޯ ރިކްޝާތަކުގެ ކައިރިޔަށް ހިގައި ސަލާންޖަހާ މީހެކެވެ. މިއީ އެކްޓު ކުރުމަށް މޮޅު، މީހުން ޖަޒުބާތުގައި ޖައްސަން މޮޅު މީހެކެވެ. ސަލާންޖަހައިގެން ހޯދާފައިވާ ފައިސާއިން، އިންޑިޔާގެ ބޮލީވުޑް އިން ބިމެއް މީނާ ގަނެފައި ވެއެވެ. އަދި މީގެ އިތުރުން، މީނާގެ މިލްކިއްޔާތުގައި 300 މިލިޔަން އިންޑިޔަން ރުޕީސް ހުންނަކަމުގައި ވެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ސަލާންޖަހާ މީހާ

undefined

ދުނިޔޭގެ އެންމެ މުއްސަނދި ސަލާންޖަހާ މީހާއަކީވެސް އިންޑިޔާއަށް ނިސްބަތްވާ މީހެކެވެ. ފާހަގަވެގެންދާ ގޮތުގައި މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ފަރާތްތަކަކީ އިންޑިޔާއަށް ނިސްބަތްވާ މީހުންނެވެ. ދުނިޔޭގެ އެންމެ މުއްސަނދި ސަލާންޖަހާ މީހަކަށް ވެފައިވަނީ އިންޑިޔާގެ ބާރަތު ޖައިން އެވެ. އިންޑިޔާގެ މުމްބާއީގެ އެންމެ އަގުބޮޑު ހިސާބުގައި މީނާގެ ދެ ފްލެޓް އިމާރާތް ހުރެއެވެ. އާމްދަނީގެ ގޮތުގައި ދުވާލެއްގެ މައްޗަށް 1000 ޑޮލަރާއި 2000 ޑޮލަރުގެ ދެމެދުގެ އާމްދަނީއެއް މީނާއަށް ލިބިގެންދެއެވެ. އިންޑިޔާގެ މިލިޔަނަރުންގެ ލިސްޓުގައި ނަން ހިމެނިފައި ނުވީކަމުގައި ވިޔަސް، މީނާއަކީ މިލިޔަނަރެކެވެ.

ސަލާންޖެހުމުގެ އާދަ ދިވެހިރާއްޖޭގައި މިގޮތަށް ނެތް ނަމަވެސް، ތަފާތު ހަޤީޤަތާއި ޚިލާފު ވާހަކަ ދައްކައިގެން، މީހުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ފޭރުމަކީ ދިވެހިރާއްޖޭގައިވެސް އާންމު ކަމެކެވެ. އަދި ހަމަ މިގޮތުން، ތަފާތު ބަލިތަކުގެ ނަން ބޭނުންކޮށްގެން، ފޭކް ޑޮކިއުމަންޓްތައް ހަދައިގެން، ސޯޝަލް މީޑިޔާގައި އެހީތެރިކަމަށް އެދި، ފައިސާ ޖަމާކުރަންޖެހޭ އެކައުންޓް ނަންބަރުތައް ހިއްސާކޮށް މީހުންނަށް އޮޅުވައިގެން ފައިސާ ހޯދަމުން އަންނަ ފަރާތްތަށް ދިވެހިރާއްޖޭގައިވެސް އިތުރުވެގެން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ ލިސްޓަކުން، ދިވެއްސެއްގެ ނަން އަރާނެ ދުވަހަކީވެސް ދުރު ދުވަހަކަށް ނުވުން އެކަށީގެންވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ