
phone-dial-e1610136407237
ފާއިތުވީ ބުދަ ދުވަހު އިނގިރޭސި ވިލާތުގައި ހިނގައި ދިޔަ ވައްކަމެއް ފަޅާއެރުވުމަށް އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ، ވައްކަން ކޮށްފައިވާ ފަރާތޭ ބުނުމުން ގިނަބަޔަކަށް ހައިރާންކަމެއް ލިބިގެންދާނެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ވައްކަން ކުރަން އުޅުމުގެ ތެރޭގައި، ވައްކަމުގެ މެދުތެރެއިން ވައްކަންކުރަން އުޅުނު ފަރާތަށް ނޭނގި، ޖީބުގައި އޮތް ފޯނުން އިމަޖެންސީ ނަންބަރަކަށް ވަނީ ގުޅިފައެވެ. ވަގުން އަތުލައިގަތުމަށް އެހީއަކަށް މިކޯލު ވެގެން ގޮސްފައިވެއެވެ.

އިނގިރޭސި ވިލާތުގެ ޗީފް އިންސްޕެކްޓަރ ޖޯން އޮވެން ހާމަކޮށްފައިވާގޮތުގައި މި ވައްކަން ހިގާފައިވަނީ އިނގިރޭސިވިލާތުގެ ސްޓޯކް އޮން ޓްރެންޓް ގައެވެ. އޮވެން ވިދާޅުވެފައިވާގޮތުގައި ވައްކަން ކުރަން އުޅުނު އެއް ފަރާތުގެ ޖީބުގައި އޮތް ފޯނުން ތަނެއްގައި އިށީންނަން އުޅުމުގެ ތެރޭގައި ސްޕީޑް ޑައިލް 999 އަށް، އިނގިރޭސި ވިލާތުގައި 911 ގޮތަށް އިމަޖެންސީތަކުގައި ބޭނުންކުރާ ނަންބަރަށް ވަނީ ގުޅިފައެވެ. ވައްކަން ކުރުމުގެ ތެރޭގައި ދެކެވުނު ވާހަކަތައް ފޯނުން އަޑު އިވުމުން، އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރުން ފޯނުނެގި ފަރާތުން ވަނީ މިކޯލް ކަނޑާނުލައި ފުލުހުންނަށް ޓްރާންސްފާ ކޮށްފައެވެ. އޮވެން ޓްވީޓްކޮށްފައިވާގޮތުގައި، ވައްކަމުގެ ހުރިހާ ތަފްޞީލެއް ފޯނުން އަޑު އަހައި، ފުލުހުންގެ ޕެޓްރޯލް ވައްކަން ކުރަން ވަގުން ތިބި ތަނަށް ގޮސް އެމީހުން ވަނީ ހައްޔަރުކޮށްފައެވެ.
"ހޯމް އެލޯން" ފިލްމުގައި އުޅޭ ވަގުންގެ ފޮޓޯއެއް ޓްވީޓްގައި ހިމަނައިގެން އޮވެން ކޮށްފައިވާ ޓްވިޓްގައި މިއީ ދުނިޔޭގެ އެންމެ ނަސީބުދެރަ ވަގުންގެ ގޮތުގައި ލިޔުއްވާފައިވެއެވެ. އިނގިރޭސިވިލާތުގެ ފުލުހުންނަށް ހަވާލާދީ ދަ ގާޑިއަންއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ހާދިސާ އާއި ގުޅިގެން 49 އަހަރުގެ މީހަކާއި، 42 އަހަރުގެ މީހަކު ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވެއެވެ.