logoEN
ކޮކާކޯލާ
ކިތަންމެ ކުޑަ ކެރިއަރަަކަސް، ހުވަދޫ 'ވޮލްފް" އެންމެ އުހުގައި!

ކިތަންމެ ކުޑަ ކެރިއަރަަކަސް، ހުވަދޫ 'ވޮލްފް" އެންމެ އުހުގައި!

AB7D3591-0599-4CEB-8D44-B65CF296674C

ބޮޑީ ބިލްޑިންގް އަކީ ދިވެހި ރާއްޖޭގައި މާ އާންމު އަދި މާ މަޝްހޫރު ކުޅިވަރަކަށް ނުވެދާނެއެވެ. ނަމަވެސް، ބޮޑީ ބިލްޑިންގް އަކީ މިއަދުގެ ދުނިޔޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވާއިރު، ދިވެހިރާއްޖޭގައިވެސް މި ކުޅިވަރަކީ ކިތަންމެ މަދު މީހަކު ކުރި ކަމުގައިވިޔަސް، ވަރަށް ގިނަ ކާމިޔާބު ތަކެއް ރާއްޖޭއަށް ހޯދައިދީފައިވާ ކުޅިވަރެކެވެ. އެގޮތުން މިއަދު ދިވެހިރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ބޮޑީ ބިލްޑަރަކަށްވާނީ ހަމަ ޔަގީނުންވެސް، ކެރިއަރު ކިތަންމެ ކުޑަ ކަމުގައި ވިޔަސް، 2019 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ މިސްޓަރ މޭން ފިސިކްގެ މަގާމް ހޯދި، އަޒްނީން ރަޝާދު ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

އަބުޅޯ

ގއ.ވލިގިއްޔަށް އުފަން ހުވަދޫ "ވޮލްފް" ނުވަތަ އަޒްނީން އަކީ މިއަދު ދިވެހިރާއްޖޭގެ ނޭޝަނަލް ބޮޑީބިލްޑިންގް ސްކޮޑްގައި ހިމެނޭ ހުނަރުވެރި، މަސައްކަތްތެރި އަދި ހީވާގި އެތްލީޓެކެވެ. އުމުރުން ކިތަންމެ ހަނގަކަސް، 2017 ވަނަ އަހަރު އޭނާގެ ކެރިއަރު ފެށި އަޒްނީންއަކީ މިއަދު ދިވެހިރާއްޖޭގައި އަދި ބޭރުގެ ދުނިޔޭގައި މުޅި ދިވެހިރާއްޖެ އަދި މުޅި ހުވަދު އަތޮޅުވެސް އެދަރިއަކަށްޓަކައި ފަޙްރުވެރިވާ ޒުވާނެކެވެ. ސަބަބުތައް ބައިވަރު އެބަހުއްޓެވެ.

ބޮޑީ ބިލްޑިންގެ ދާއިރާއަށް ވަނުން

އެންމެ ކުޑަ އިރުއްސުރެވެސް ޖިމްތަކަށް ގޮސް، ފިޓްނެސް ޖެއްސުމަށް ލޯބިކުރާ އަޒްނީން ބުނި ގޮތުގައި އޭނާގެ ކެރިއަރު ފެށުނީ 2017 ވަނަ އަހަރު ބޭއްވުނު މިސްޓަރ މޯލްޑިވްސް މުބާރާތުގައި ވާދަކުރަން ފުރުސަތު ލިބުނު ހިސާބުންނެވެ. ކެރިއަރުގެ އެންމެ ފުރަތަމަ މުބާރާތުން އެންމެ ހީކުރި ނަތީޖާއެއް ނުލިބުނަސް، އަޒްނީން އެމުބާރާތުން އޭނާ ވަދަކުރި ބައި ކަމުގައިވާ މޭން ފިޒިކްސް އިން ތިންވަނަ ހޯދިއެވެ. ފުރަތަމަ މުބާރާތަކީ ލިބުނު ފިލާވަޅެއްކަމުގައި ދެކި އެއްވެސް ގޮތަކަށް އަޒުމަކަށް ބަދަލެއް ނުގެނެސް، އެއަށް ވުރެ ގަދައަޅައި ކެނޑިނޭޅި މަސައްކަތްކޮށް އަޒްމީން އޭނާގެ ކެރިއަރުގައި ކުރިއަށް ދިޔުމަށް ނިންމިއެވެ.

undefined

ކާމިޔާބު ކެރިއަރުގެ މެކުހަށް ޖެހުން

އަޒްނީން އަކީވެސް އޭނާ ބޮޑީ ބިލްޑިންގްއަށް ނުކުތްއިރު މާ އުފާވެރި ކެރިއަރެއް ވޭތުކުރި މީހެއްނޫނެވެ. 2018 ވަނަ އަހަރު އޭނާއަށް ލިބުނު ބޮޑު އަނިޔާގެ ސަބަބުން މުޅި ކެރިއަރުގެ ކުރިމަގަށް ބަނަ ވިލާ އަރައި ހަފުސް ވިކަމުގައި ވިޔަސް، އަޒްނީން ރިކަވަރީއަށް ގަދައަޅައި މަސައްކަތްކުރިއެވެ. އަތުގެ ކޮނޑު ހުޅު ބިންދައިގެން ދިޔަ ކަމުގައިވިނަމަވެސް، ޑޮކްޓަރުންގެ ލަފަޔާއި އެކު މަތިން އަޒްނީން އޭނާގެ މުޅި ކެރިއަރު އަލުން ސުމަކުން ފަށަން ޖެހުނު ކަމުގައިވިޔަސް، އަޒްނީން އެކަން ކުރީ ވަަރަށް ކުރާހިތުންނެވެ. އެތަށް ބަޔަކު އަޒްނީން ގާތުގައި ކެރިއަރު އެހާހިސާބުން ނިންމާލަން އެދުނުކަމުގައިވިޔަސް، އަޒްނީން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ނަތީޖާވަަރަށްވެސް ފޮނިއެވެ. 2018 ވަނަ އަހަރު އަޒްނީން ސުމަކުން ފަށައިގެން ކުރި މަސައްކަތް ނިންމާލީ 2019 ވަނަ އަހަރު ސަތޭކަ ހޯދައިގެންނެވެ. އެއަހަރު ބޭއްްވުނު މިސްޓަރ މޯލްޑިވްސްގައި އޭނާ ވާދަކޮށް، އެމުބާރާތުން އޭނާ ވާދަކުރި ބައިން އެއްވަނަ ހޯދިއެވެ. މިސްޓަރ މޭން ފިޒިކް ޗެމްޕިއަންގެ ލަގަބް ހޯދައި އަޒްނީން އޭނާގެ މުޅި އުމުރުގެވެެސް އެންމެ އެދުނު ކަން ފުރިހަމަ ކުރިއެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ހެދިއެވެ. ގައުމީ ބޮޑީ ބިލްޑިންގެ ސްކޮޑްއިން ޖާގަ ލިބުމެވެ.

undefined

ދުނިޔޭގައި ވެސް އެންމެ އުހުގައި

2019 ވަނަ އަހަރުވީ އަޒްނީންގެ ކެެރިއަރުގެ އެންމެ އުފާވެެރި އަދި އެންމެ ޗެލެންޖިންގްވެސް އަހަރަށެވެ. ބޮޑީ ބިލްޑިންގްއަކީ އޭގެ ޒާތުގައި ވަރަށް ނާޒުކު ކުޅިވަރަކަށް ވުމުން، އެކުޅިވަރަކީ އަބަދުވެސް ގަދައަޅައި މަސައްކަތްކޮށް، ކުޅިވަރުގެ އަޙްލާގް ހިފަހައްޓަންޖެހޭ ކުޅިވަރެކެވެ. ގަޑިން ގަޑިޔަށް ކެއުންތަށް ކައި، ފިޓްނެސް ޖައްސައި އަދި ހަށިގަނޑު އެންމެ ރީތިކޮށް ބެހެއްޓުމަށް އެތަކެއް ބައިވަރު ފައިސާތަކެއްވެސް ހަރަދުކުރަންޖެހޭ ކުޅިވަރަކަށް ބޮޑީ ބިލްޑިންގް ވާއިރު، އަޒްނީން އެހުރިހާކަމެއްވެސް ކުރަމުން ގެންދިޔައީ އެއްވެސް ވަރުބަލިކަމެއްނެތިއެވެ. އެހުރިހާ ބުުރަ މަސައްކަތުގެ ފޮނި މީރުކަން އަޒްނީން ހާސިލްކުރީ 2019 ވަނަ އަހަރު ބޭއްވުނު 12 ވަނަ ސައުތް އޭޝިޔަން މެން ފިޒިކް ޗެމްޕިއަންޝިޕްގައި ވާދަކޮށް އެމުބާރާތުގެވެސް މެން ފިޒިކްގެ ބައިން އެއްވަނަ ހޯދައި، ސައުތް އޭޝިޔާގެ މިސްޓަރ މެން ފިޒިކްގެ ލަގަބް ހޯދައިގެންނެވެ. ހަމަ ގައިމުވެސް މުޅި ދިވެހި ގައުމު ފަޙްރުވެރިވި ކާމީޔާބަކަށް އެ ކާމިޔާބު ވީހިނދު، އަޒްނީން އެހާ ހިސާބުން ފުލްސްޓޮޕްއެއް ނުޖަހައެވެ. ތައްޔާރުވީ ކުރިމަތީގައި އޮތް އެއަށް ވުރެ ބޮޑު އިމްތިހާނަށެވެ. އެއީ 53 ވަނަ އޭޝިޔާ ބޮޑީ ބިލްޑިންގް އެންޑް ޕިޒިކް ސްޕޯޓް ޗެމްޕިއަންޝިޕްއަށެވެ. އެމުބާރާތުގައި އަޒްނީން ވާދަކުރި މެން ފިޒިކްގެ ބައިން އޭނާ 4 ވަނަ ހޯދިއެވެ. އެހާހިސާބުންވެސް ހިތްވަރު އެލުވައިނުލިއެވެ. އެއަށްވުރެ ދެގުނަ މަސައްކަތްކޮށް ހަމަ އެއަހަރު ބޭއްވުނު 11 ވަނަ ވޯލްޑް ބޮޑީ ބިލްޑިންގް އެންޑް ޕިޒިކް ސްޕޯޓް ޗެމްޕިއަންޝިޕްގައި މެން ފިޒިކްގެ ބައިން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މޮޅެތި ބައިވެރިންނާއި ވާދަކޮށް ފަޙްރުވެރި 3 ވަނަ އަޒްނީން ހާސިލްކުރިއެވެ. ހަމައެއާއިއެކު، އެއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަޒްނީން ހާސިލްކުރިއެވެ. ކެރިއަރުގައި އެދުވަހާއި ހަމައަށް ވޭތުވެދިޔަ ގާތްގަޑަކަށް 2 އަހަރުގެ ތެރެއިން އެއް އަހަރު މުޅިން އިންޖަރީއާއި ރިކަވަރީގައި ހޭދަކުރި ނަމަވެސް، އަޒްނީން ދައްކުވައިދިނީ، ބަލިވުމަކުން އަދި ކެރިއަރަކީ ނިންމާލަންޖެހޭ އެއްޗެއް ނޫންކަމެވެ. ދިމާވާ އެންމެހާ ގިރާތަށް ހުރަސްކޮށް، ކާމިޔާބާއި ހަމައަށް ވާސިލްވުމަކީ ކޮންމެ މީހަކަށްވެސް ވާނޭ ކަމެއްކަމެވެ.

undefined

ކުރިއަރުމަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުން

ދިވެހި ގައުމު ތަމްސީލްކޮށް ގައުމީ އަދި ބައިނަލްއަގުވާމީ އެތަކެއް މުބާރާތްތަކަކުން ރަންވަނަތަށް ހާސިލްކުރިޔަސް، އެހުރިހާ ކަމަކީވެސް ގަދައަޅައި ކުރި މަސައްކަތުގެ ނަތީޖާކަން ގައިމެވެ. ނަމަވެސް، ދާއިރާގައި އަޒްނީންއަަށް ލިބިފައިވާ ކާމިޔާބީތައް އެއްފަރާތް ކޮށްލުމަށްފަހު، އަޒްނީން ދެކޭ ގޮތުގައި އަޒްނީންގެ ކެރިއަރުގައި މިއަދާއި ހަމައަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑީ ބިލްޑިންގް އަދި ބޮޑީ ބިލްޑިންގްގައި ޝާމިލުވެއުޅޭ އެތްލީޓުންނަށް ސްޕޮންސަރ ލިބުމުގެ ދަތިކަމެވެ. ބޮޑީ ބިލްޑިންގްއަކީ ވަރަށް ބައިވަރު ފައިސާ ހަރަދުކޮށްގެން ވަރަށް ޑައިޓް ޖައްސައިގެން ކުރެވޭ ކަމެއްކަމުގައި ވާހިނދު، ސަރުކާރުން ބޮޑީ ބިލްޑިންގް ކުރިއެރުމަށް އެހީތެރިވެދިން ކަމުގައިވިޔަސް، ސްޕޮންސަރ އެންމެ ލިބޭނެ ކަމަަށް ދެކޭ ފަރާތްތަކުގެ ސްޕޮންސަރ ނުލިބުމަކީ އަޒްމީން ދެކޭ ގޮތުގައި ކެރިއަރުގެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަޒްމީން ބުނި ގޮތުގައި މިކަމަކީ ހަމައެކަނި އަޒްމީން ނޫނަސް، ބޮޑީ ބިލްޑިންގެ ދާއިރާއިން ކުރިއަށް ދާ ކޮންމެ އެތްލީޓަކަށްވެސް ދިމާވާ ގޮންޖެހުމެއް ކަމުގައި ކޮންމެ ބޮޑީ ބިލްޑަރަކުވެސް ދެކޭނެއެވެ.

ކޮންމެ އަކަސް، އަޒްނީން އޭނާގެ ކުރު ކެރިއަރުގައި ވާދަ ކުރި މުބާރާތްތައް މަދުނަމަވެސް، ގައުމަށް ހޯދައިދިން ހުރިހާ ކާމިޔާބީތަކާއި މެދު އޭނާ އުފާވެއެވެ. 2020 ވަނަ އަހަރު ލޮކްޑައުންވެ، ކޮރޯނާގެ ސަބަބުން މުބާރާތެއް ނުބޭއްވި ނިމިގެން ދިޔަ ކަމުގައިވިޔަސް، އަޒްނީން އޭނާގެ ޑައިޓް އަދި ގޭތެރެގައި ވޯކްއައުޓް ޖެއްސުމާއިގެން ކުރިއަށް ގެންދިޔައިރު، އަޒްނީންގެ އެންމެ ބޮޑު އުންމީދަކީ 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ބޮޑީ ބިލްޑިންގް މުބާރާތް ކަމުގައިވާ އޭޝިޔާ ބޮޑީ ބިލްޑިންގް ޗެމްޕިަންޝިޕް މުބާރާތުން ރަންވަނަ ހޯދުމެވެ. 1 ސެޕްޓެމްބަރު 2021 ވަނަ އަހަރު ބޭއްވޭ އެމުބާރާތަށް ތައްޔާރުވަމުން އަޒްނީން މިހާރުވެސް ދާއިރު، 26 މާރޗް 2021 ގައި ބޭއްވޭ މިސްޓަރ މޯލްޑިވްސް އިންވެސް އަޒްނީންގެ ރިކޯޑް ދެމެހެއްޓުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ.

undefined

އަޒްނީން ދެކޭ ގޮތުގައި އަޒްނީންގެ ކާމިޔާބީގެ މުގުލުގައި އަބަދުވެސް ތިބީ އަޒްނީންގެ މަންމަ އާއި ބައްޕައާއި އޭނާގެ އާއިލާއެވެ. އާއިލާއިން އަޒްނީންއަށް ދެއްވާ އެއްބާރުލުމާއި، ދެއްވާ ހިތްވަރު އަޒްނީން ފާހަގަ ކުރަނީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއިއެކުއެވެ. އަދި އެއަށްފަހު އޭނާގެ ރަހްމަތްތެރިންނާއި، ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ މެމްބަރުންނެވެ. އެންމެހާ ކަންކަމުގައި އެފަރާތްތަކުން އަޒްނީންއަށް ދެއްވާ އެހީތެރިކަން އަޒްނީން ދެކެނީ ނުހަނު އުފަލާއިއެކުއެވެ. އޭގެ ތެރެއިންވެސް އަޒްނީންގެ ކޯޗް، އަލި މަނިކް ކޯޗް އޭނާއަށް އުގަންނައިދެއްވި އެންމެހާ ކަންކަމާއި ވެދެއްވި އެހީތެރިކަމަށް އަޒްނީން އަބަދުވެސް ޝުކުރުވެރިވެއެވެ. ހަމަ އެހެންމެ، ޖުމްލަކޮށް އަޒްނީންގ ކެރިއަރު މިހާ ކާމިޔާބު ކެރިއަރަކަށް ހެދުމަށްޓަކައި އެހީތެރިވެދެއްވި އެންމެހާ މެމްބަރުންނަށް އަޒްނީން ޝުކުރު ދަންނަވައެވެ.

undefined

އަޒްނީންގެ ކެރިއަރުން ފެނިގެން ދަނީ ކާމިޔާބަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރާތަނެވެ. ހިތްވަރު އެލުވައިނުލާ ހުރިހާ ގޮންޖެހުންތަށް ހުރަސްކޮށް، އެންމެ އުހުގައި ފިޔަ ޖަހަމުން ދާތަނެވެ. ހިތްވަރު އެލިފައިތިބި އެހެން އެތްލީޓުންނަށްވެސް މިސާލު ދައްކަމުންދާތަނެވެ. ކޮންމެއަކަސް، ޓީމް "ގާފު"އިން އަޒްނީންއަށް އެދެނީ ކުރިއެރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ