ސައުދީ އަރަބިއްޔާގެ އެންމެ ފުރަތަމަ ކޮވިޑް 19 ގެ ވެކްސިން ޑޯސް އެ ޤައުމުގެ ރަސްގެފާނު ސަލްމާން ޖައްސަވައިފިއެވެ. އަދި ރަސްގެފާނު ޖައްސަވާފައިވަނީ ފައިޒަރ ވެކްސިން ކަމަށް ސައުދީ ޕްރެސް އޭޖެންސީ އިން ރިޕޯޓު ކޮށްފައިވެއެވެ.
ގަލްފުގެ ޤައުމުތަކުގެ ތެރެއިން ސައުދީއަކީ ބަހުރެއިން އަށްފަހު ފައިޒަރ ވެކްސިން އެޕްރޫވްކުރި ދެވަނަ ޤައުމެވެ.
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން ސައުދީގެ އިސް އޮފިޝަލުން ވަނީ ފުރަތަމަ ވެކްސިން ޑޯސް ޖައްސަވާފައެވެ. އަދި މިލިއަނަކަށްވުރެ ގިނަ ސައުދީ މީހުން ވަނީ ވެކްސިން ޖެހުމަށް ރަޖިސްޓަރ ކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ސަލްމާން ރަސްގެފާނު ވެކްސިން ޖައްސަވާފައިވާއިރު އެދުވަހަކީ މިދިޔަ 9 މަސްދުވަހުގެ ތެރޭގައި ސައުދީގައި އެންމެ މަދު އަދަދަކަށް ކޮވިޑް ޖެހިގެން މީހުން މަރުވި ދުވަހެވެ. އެ ދުވަހު އެންމެ ހަތަރު މީހުން މަރުވިއިރު ހުކުރު ދުވަހުގެ ނިޔަލަށް ސައުދީން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 6،282 އެވެ.