
Kshama-Bindu-pic-2 copy
އުމުރުން 24 އަހަރުގެ އިންޑިއާ އަންހެނަކު އޭނާގެ އަމިއްލަ ނަފްސާ ކައިވެނިކޮށްފިއެވެ.

ކައިވެނި ހެދުން އަޅައި ޒީނަތްތެރިވުމަށްފަހު އޭނާ އަމިއްލަ ނަފްސާ ކައިވެނި ކުރުމުގެ ސަބަބުން ގިނަ ބަޔަކު އޭނާއާ ދޭތެރޭ ދެކެނީ އޭނާ ކުށެއް ކޮށްގެން އުޅޭ މީހެއްގެ ގޮތުގައި ކަމަށް އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އެއަންހެންމީހާ ބުންޏެވެ.
އިންޑިއާގެ ސަގާފީ ވެޑިން ސެޓަޕެއްގައި މިދިޔަ މަހު އުމުރުން 24 އަހަރުގެ ކްޝާމާ ބިންދޫ، އޭނާގެ އަމިއްލަ ނަފްސާއި ކައިވެނި ކުރުމުގެ ސަބަބުން، މިފަދަ ކަމެއް ކުރި ފުރަތަމަ އިންޑިއާގެ ރައްޔިތެއްގެ ލަގަބު ހޯދައި އިންޓަނެޓުގައި މަޝްހޫރުކަން ހޯދާފައެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބިންދު ބުނި ގޮތުގައި އޭނާގެ އަމިއްލަ ނަފްސާއި ކައިވެނި ކުރުމުގެ ވިސްނުން އައީ، ކުޑައިރު ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުއްޖެއްގެ ދިރިއުޅުމަށް ބިނާކޮށް ހަދާފައިވާ ނެޓްފްލިކްސްގެ ޝޯއެއް ކަމަށްވާ "އޭން ވިތް އޭން އީ" ބެލުމަށްފަހުގައި ކަމަށެވެ.
އަމިއްލަ ނަފްސާއި ކައިވެނި ކުރި ފަހުން އޭނާ ދިރިއުޅޭ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި އޭބާ ބޭރަށްދާ ކޮންމެ ފަހަރަކު އޭނާ ނުދަންނަ މީހުންގެ ފަރާތުން ނުރުހުމުގެ ބަސްތައް އަމާޒުވަމުންދާ ކަމަށްވެސް އޭނާ ވަނީ ކިޔައިދީފައެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަމިއްލަ ނަފްސަށް ލޯބި ކުރުމުގެ މިފަދަ އިގުރާރެއް ގެނައުމަކީ ދިރިއުޅުމުގައި ދިމާވެފައިހުންނަ ބައެއް ކަންތައްތަކުގެ ސަބަބުންނާއި، ފެއިލްވެފައިވާ ގުޅުންތަކުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވެދާނެ ކަމަށާއި އަދި ނަފްސާނީ ގޮތުން ވެސް އެ ކަހަލަ އާދަތަކަށް އިޝާރާތް ކުރެވިދާނެ ކަމަށެވެ.