
Screenshot 2022-07-18 at 15.05.21
ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އެއް ރައުސުލްމާލަކީ ފަންނީ އެކި ދާއިރާތަކުން ތައުލީމް ހާސިލްކޮށްގެން ތިބި ޒުވާން ފަންނުވެރިންނެވެ. ނަމަވެސް މުޖުތަމައުގައި އެފަދަ ފަރާތްތަކަށް ލިބޭ ފުރުސަތުތައް ވަރަށް މަދެވެ. ޚާއްސަކޮށް ރަށްފުށުގައެވެ.

ވެރިކަން ކުރާ މާލޭގައި ފްރީލާންސްކޮށް ނުވަތަ ޕްރޮޖެކްޓް ވައިސްކޮށް މިފަދަ ފަންނުވެރިން ނަގާ މަސައްކަތްތަކަށް ބޮޑެތި އަގު ލިބެއެވެ. ރަށްފުށުގައި އެފަދަ ފުރުސަތުތައް މަދުވެފައި ލިބޭ އާމްދަނީވެސް ކުޑައެވެ. އެފަދަ ފުރުސަތުތައް އާންމުކޮށް ހުޅުވާލަނީ އެ ރަށެއްގެ އިދާރާތަކުންނެވެ. ޚާއްސަކޮށް ކައުންސިލްތަކުންނެވެ.
ހިތާމަވެރި ހަގީގަތަކީ އެފަދަ ފަންނުވެރިންގެ ފަންނުވެރިކަމަށް ރަށްރަށުގެ އިދާރާތަކުން ގޮންޖެހުން ކުރިމަތިކުރުވާ ކަމެވެ. ރަށުގައި ތިބި އިދާރާތަކުން ރަށުގައިތިބި ހުނަރުވެރި ފަންނާނުން ލައްވާ މަސައްކަތެއް ކުރާނަމަ ކޮށްދޭން ޖެހެނީ ހިލޭ ސާބަހަށެވެ. މިއިން ފަންނާނަކު ކުރާ މަސައްކަތަށް އަގެއް ކިޔައިފިނަމަ އެމީހަކަށް ވުރެން ގޯސް މީހެއް ނުހުރެއެވެ. ނަމަވެސް މާލެއިން ނުވަތަ ރަށުން ބޭރުން މީހަކު ގެނެސްފި ނަމަ ބޮޑު އުޖޫރަ ދޭން ހަމަ އޯކޭއެވެ.
މަސައްކަތް ކިތަންމެ ފެންވަރު ދަށްކަމުގަވިޔަސް އޯކޭ ވެއެވެ. ޒުވާނުން ކުރިއަރުވަން ގޮވާލައި އިންތިހާބުވެ އޮފީސްތަކާ ހަވާލުވި މީހުންވެސް ކަންކުރަނީ މިހެންނެވެ. ރަށު ކައުންސިލުން ނުވަތަ އަތޮޅު ކައުންސިލުން އިވެންޓެެއް ބާއްވާ ނަމަވެސް ރަށުގައި ތިބި ހުނަރުވެރި ފަންނުވެރިންނަށް ވުރެން އިސްކަންދެނީ ރަށުންބޭރު މީހުންނަށެވެ. ކުރާ މަސައްކަތަށް އުޖޫރަދޭން ޖެހޭ ހާލަތުގައި ބަލަނީ ރަށު މީހާއަށް ވީހާވެސް ކުޑަ އެއްޗެއް ދީގެން މަސައްކަތް ކުރެވޭތޯއެވެ. މަސައްކަތް ކިތައްމެ ފުރިހަމަ ވެފައި ރީތިވިޔަސް އަގު ކުރުމުގައި ތަފާތު ގެންގުޅެއެވެ.
ރަށުގަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށްގެންދާ ގްރޫޕްތައް އޮވެމެ ރަށުންބޭރުން ބަޔަކުގެނެސް ބޮޑު އަގުދީގެން އެކަން ކުރަން އޯކޭ ވާއިރު ހަމަ އެ އިވެންޓްގައި ރަށުގެ ގްރޫޕަށް ދޭ އުޖޫރައަކަށް ގިނަފަހަރު ވެފައި އޮންނަނީ 15 މިނެޓުގެ ކޮފީއެވެ.
ރަށުގައި މިއުޒިކް ހަދާ ފަންނުވެރިޔަކު އެއްޗަކަށް އަޑު އަޅައިދޭން 3000 ރުފިޔާގެ އަގެއް ކިއުމުން އެ އަގު ބޮޑުވެފައި ރަށުންބޭރުން އަންނަ މީހަކު، ނުވަތަ ރަށުން ބޭރުގެ މީހަކު 15000 ރުފިޔާގެ އަގެއް ކިޔުމުން އެ އަގު އޯކޭ ވެއެވެ. މަސައްކަތް ކިތައްމެ ފެންވަރު ދަށްވިޔަސް ރަށުން ބޭރު ބަޔަކަށް ވާތީ ނުވަތަ ސޯޝައަލް މީޑިއާ ޕޭޖްގައި ބައިލައްކަ ލައިކްސް އިނީމައެވެ.
ގްރެފިކްސް އެއް ހަދަންވީމަ ރަށު ފަންނުވެރިޔަކަށް ގުޅާފައި މަސައްކަތް ކޮށްލަނީ ކޮފީ ތައްޓެއް ދޭގޮތަށެވެ. އެ އޮފީހަކުން ބޮޑު އިވެންްޓެއް ބާއްވާނަމަ ގްރެފިކްސް ހެދުން ދޫކޮށްލަނީ ރަށުންބޭރު ކޮންމެވެސް ބަޔަކަށް ބޮޑު އަގު ދޭގޮތަށެވެ. މިއީ ރަށުގައި ތިބި ފަންނުވެރިންނަށް ހައްގުވާމިންވަރުހެއްޔެވެ؟ މިއީ ޒުވާން ފަންނުވެރިން ކުރިއަރުވަން އޮތް އެންމެ ފުރިހަމަ ގޮތް ބާއެވެ؟
ރަށު ޒުވާން ފަންނުވެރިޔަކު ކުރާ މަސައްކަތަށް އަގު ނުދޭތާ އެއިން ޒުވާނަކު ސޯޝައަލް މީޑީއާގައި ހިންގާ ޕޭޖަކަށް ލައިކެއް ޖަހާލުންވެސް މިއަދު އިދާރާތަކާ ހަވާލުވެ ތިބި ހައިބަތު ބޮޑު ވެރިންނަށް ވަނީ ބޮޑުކަމަކަށެވެ. ނޫނީ ރަށު ފެންވަރުގައި ހިންގާ ވިޔަފާރިޔަކަށް ވާތީ ލައިކް ޖެހުމުން މި މާސިންގާ ވެރިންގެ ހައިބަތު ކުޑަވަނީ ބާއެވެ.
ވީޑިއޯ މަސައްކަތެއް ކުރިއަސް އެ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުދެ އެވެ. އެފަދަ މަސައްކަތެއް ނުވަތަ ޕްރޮޖެކްޓެއް އަޔަސް އިދާރާތަކުން ބަލަނީ، އެ މަސައްކަތެއް އެ އިދާރާއެއްގެ މުވައްޒަފަކު ލައްވައި ކުރުވައި، މަސައްކަތުގެ ކޮލިޓީ ކިތައްމެ ދަށްވި ނަމަވެސް ފައިސާއެއް ނުދީ މަސައްކަތް ނިންމާލެވޭތޯ އެވެ. ރަށުގައި ވަޒީފާއެއް ނުލިބިފައި ތިބޭ ފަންނުވެރިން އެކަހެރި ކޮށްލަނީ އެވެ. ބަޖެޓު ނެތޭ ކިޔައި، އެފަރާތްތައް ބިކަ ކޮށްލަނީ އެވެ.
ކިޔެވި ސުކޫލަށް ވީތީ ރަށު ކައުސިލަށް ވީތީ ރަށު ރޫހުގައި މަސައްކަތް ކޮށްދިނުން ފަންނުވެރިންނަށް މަޖުބޫރެއް ނުވެއެވެ. އެއްމެން އެކައްޗެއް ކިޔާފައި ހުއްޓާލަންވީއެވެ. އެފަދަ މަސައްކަތެއް ނިންމާލެވެނީ އެތައް ވިސްނުމަކާއި އެތައް ގަޑިއިރެއްގެ ބުރަ މަސައްކަތުން ކަން އިދާރާތަކަށް އެނގެން ޖެހެ އެވެ.