މިފަދަ ޒަމާނެއްގައި މަތިންދާބޯޓެއް ވަގަށް ނަގާނީ ކާކު ހެއްޔެވެ. އާންމުކޮށް މިފަދަ ކަންތައް ކޮށްއުޅެނީ ގޭމުތަކުންނެވެ. ނަމަވެސް އަސްލު ދިރިއުޅުމުގައި ބަޔަކު މިވަނީ މިކަން ކާމިޔާބު ކޮށްފައެވެ.
އެމެރިކާގެ އެރިޒޯނާގެ ސިޓީއެއްކަމަށްވާ ކޮޓޮންވުޑްގެ ފުލުހުން ދަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ އެއާޕޯޓެއްގައި އޮތް މަތިންދާބޯޓެއް ވަގަށް ނެގުމުން އެ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ބޯޓު ވަގަށްނެގި ވަގުން އެއާޕޯޓަށް ވަދެފައިވަނީ 31 ޑިސެމްބަރުގެ ދަންވަރުގެ ވަގުތެއްގައި އެއާޕޯޓުގެ މައި ގޭޓު ހަލާކުކޮށްލައިގެންނެވެ. އަދި އެމީހުން ވަނީ ކޮންޓެއިނަރު ފޮއްޓެއްގެ ތެރޭގައި އޮތް މަތިންދާބޯޓު ވަގަށް ނަގައިގެން ގޮސްފައެވެ. ކޮންޓެއިނަރު ފޮށީގައިހުރި މަތިންދާބޯޓުގެ އެކިއެކި ބައިތައްވެސް އެމީހުން ނަގައިފައިވާއިރު ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 70،000 ޑޮލަރާއި 80،000 ޑޮލަރާއި ދެމެދުގެ އަގަކަށް އަރައެވެ.
އެ ސިޓީގެ ފުލުހުން މިހާރު ވަނީ ގެއްލުނު ފްލައިޓުގެ ފޮޓޯއެއް އާންމުންނަށް ފެންނާނެހެން ސޯޝަލް މީޑިޔާއަށް ދޫކޮށްލާފައެވެ.