އިނގިރޭސި ލީގުކަޕުގައި ރޭ މެންޗެސްޓާރ ޔުނައިޓެޑް ކަޓުވާލުމަށްފަހު ސިޓީއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް ސިޓީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރަނގަޅު ފުރުސަތުތަކެއް ދެޓީމުގެ ފަރާތުންވެސް ތަނަވަސް ކުރި ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ލީޑު ސިޓީއިން ނެގީ ދެވަނަ ހާފްގެ ފަންސާސްވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރ ޖޯން ސްޓޯންއެވެ. މިގޯލުގެ ކުރިން ސްޓޯންސް އަތުން ބައިކޮޅަށްވެސް ވަނީ ލަނޑެއް ވަދެފައެވެ. އެހެންނަމަވެސް ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑް އޮފްސައިޑުގައި ހުރުމާއި ގުޅިގެން ރެފްރީ ވަނީ މިލަނޑު ބަލައިނުގަންނަން ނިންމާފައެވެ.
މެޗުގައި ސިޓީއިން ލީޑު ފުޅާކުރީ 83 ވަނަ މިނެޓުގައި އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑާރ ފެނާންޑީނިއޯ އެވެ. މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރު ކޮށްފައިވާއިރު މިއީ އެޓީމު ޖެހިޖެހިގެން މިމުބާރާތުގެ ފައިނަލުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. ފާއިތުވީ ތިން އަހަރުވެސް އެޓީމުން ވަނީ ފައިނަލުން މޮޅުވެ މުބާރާތް ކާމިޔާބު ކޮށްފައެވެ. މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ޓޮޓެންހަމް ހޮޓްސްޕަރ އެވެ. އެޓީމު ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ބްރެންޓްފޯޑްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.
މިމުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މިއަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.