ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ ބިލްބާއޯ އަދި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ފަހަތުން އަރައި ވަރުގަދަ ބިލްބާއޯ ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ބާސާއިން ކުޅެ މިމެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލީޑުނެގީ އެތްލެޓިކޯއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އެޓީމުގެ ތަރި އިނާކީ ވިލިއަމްސްއެވެ. މެޗުގައި ފުރަތަމަ އެތްލެޓިކް ކުލަބުން ލަނޑު ޖެހިކަމުގައި ވީނަމަވެސް ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީ ބާސާއިންނެވެ.
މި ގޯލާއިއެކު އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އުފައްދަމުންދިޔަ ފުރުސަތްތަކުގައި ބިލްބާއޯގެ ގޯލާއި ނުރައްކާކުރަމުންނެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފްގެ ސާދަވަނަ މިނެޓުގައި މެސީ ނަގާދިން ހުރަހެއް ފްރެންކީ ޑި ޖޮންގް އަށް ލިބުމުން އޭނާ ދިން ޕާހެއް ގޯލްގެ ތެރެއަށް ވައްދާލައިގެން އުންމީދީ އެޓޭކިންގް މިޑްފީލްޑަރ ޕެޑްރީ އެވެ.
މި ގޯލާއިއެކުވެސް ބާސާއިން ބިލްބާއޯގެ ގޯލަށް އަމާޒުކުރާ ނުރައްކާތެރި ބޯޅަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ބާސާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެތްލެޓިކް ކުލަބުގެ ގޯލް އޭރިއާ ތެރެއިން ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ ޕެޑްރީ ދިން ޕާހެއް ފުންނާބުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ މެސީ އެވެ.
ބާސާއިން މެޗުގައި ލީޑު އިތުރަށް ފުޅާކުރެވުނީ ފަސްދޮޅަސްދެވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ކާމިޔާބު ކުރި ލަނޑަކުންނެވެ. މެޗުގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އެތްލެޓިކް ކުލަބަށް ކާމިޔާބު ކޮށްދިނީ އިކާ މުނިއައިން އެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އެޓީމުން ވަނީ ތާޗަލުގެ ތިންވަނައަށް ޖެހިލައިފައެވެ. އެއްވަނައިގައި ތިރީސްއަށް ފޮއިންޓާއިއެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ދެވަނައިގައި ތިރީސްހަ ޕޮއިންޓާއިއެކު ތާވަލުގައި އޮތީ ވަރުގަދަ ރެއާލްއެވެ.