ގއ. މާނާގަލާ ގައި އަމިއްލަ ހަރަދުގައި މަލްޓި ސްޕީޝީޒް ހެޗަރީ ނުވަތަ މަސްމަހާމެހި އާލާ ކުރާ މަރުކަޒެއް ގާއިމްކޮށް އެތަން ހިންގާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
ދިވެހި ސަރުކާރުން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރުމުގެ މަސައްކަތްޑިޒައިން-ބިލްޑް،ފައިނޭންސް،އޮޕަރޭޓް،މެއިންޓެއިން އަދި ޓްރާންސްފަރ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.
މި މަރުކަޒުގެ ކޮންސްޓްރަކްޝަން މަސައްކަތް 12 މަސް ދޭއިރު އަދި އެތަން ހިންގުމަށް ދޫކުރަނީ 20 އަހަރަށެވެ. ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯލްޑް ބޭންކުގެ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން ގެޒެޓުކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މާނާގަލާ ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ މާލީ ގާބިލްކަން ނުވަތަ މިލްކިއްޔާތުގައި މަދުވެގެން ފަސް މިލިއަން ޑޮލަރު ހުންނަން ޖެހެ އެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތުން އިންވެސްޓްމެންޓް ޕްލޭނާއި ފައިނޭންސިން ޕްލޭން ހުށަހަޅަން ޖެހެ އެވެ. ހަމަ އެއާއިއެކު ކުރިމަތިލާ ފަރާތްތަކަކީ މީގެ ކުރިން ހެޗަރީއެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 2.5 މިލިއަން ފިންގަލިންގްސް އުފައްދާފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ގދ. ތިނަދޫގައި 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ބޭއްވި "ޖަޒީރާ ހޮޅުއަށީ" ގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ވޯލްޑް ބޭންކް ޕްރޮޖެކްޓެއްގެ ދަށުން މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށް އިއުލާންކޮށްފައެވެ. އަދި މި ހެޗަރީގައި އާލާ ކުރާނެ އެންމެ ހާއްސަ ބާވަތަކީ ފާނަ ކަމަށްވެސް މިނިސްޓަރ ޒަހާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.