
އެކިކަންކޮޅުތަކުގައި ޖުމްލަ 345 މަޝްރޫޢު މިވަގުތު ކުރިއަށްދޭ - އަސްލަމް
6BE7A0BD-0BE4-401A-9992-B6E833C75B8D
ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މިވަގުތު ސަރުކާރުގެ 345 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށިއްޖެކަމަށެވެ. އަދި ވަރަށްގިނަ މަޝްރުޢުތައް ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައިވާކަމަށެވެ. އަދި ހަމަ އެހާ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ބީލަން މަރުޙަލާގައިވެސް ކުރިއަށްދާކަމަށެވެ.
މިވަގުތު 345 މަޝްރުޢޫއެއްގެ ޢަމަލީ މަސައްކަތް ފެށައިގެން ދަނީ ކުރިއަށެވެ. އަދި 77 މަޝްރޫޢުއެއްގެ ޕްލޭނިން މަސައްކަތްތައް ނިމިފައިއޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމްވަނީ ވަކިވަކި މަޝްރޫޢުތަކުގެ ތަފާސްހިސަބުތައްވެސް ވިދާޅުވެފައެވެ.
ބަނދަރާއި ފާލަން ތަރައްޤީކުރުމުގެ 35 މަޝްރޫޢުގެ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އަދި 42 ރަށުގައި މިވަގުތުވެސް މިފަދަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދެއެވެ. މިފަދަ އިތުރު 12 މަޝްރޫޢެއްގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކޮށް، ފެށުމުގެ މަގުމަތީގައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
21 ރަށެއްގައި މަގުހެދުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ދެއެވެ. އަދި 3 ރަށެއްގެ މިފަދަ މަސައްކަތްތައް ކޮންޓްރެކްޓަރުންނާއި ވަނީ ހަވާލުކޮށްފައެވެ.
ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 8 މަޝްރޫޢެއް ވަނީ ނިމިފައެވެ. އިތުރު 18 ރަށެއްގައި މިމަސައްކަތްވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށް ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. އަދި 23 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރުމަށް ތައްޔާރުވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ބަލާއިރު 6 ރަށެއްގެ ބިން ހިއްކައި ވަނީ ނިމިފައެވެ. އަދި 4 ރަށެއްގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދެއެވެ. އިތުރު 10 ރަށެއްގެ ބިން ހިއްކުމަށް ކޮންޓްރެކްޓަރުންނާ ވަނީ ޙަވާލުކޮށްފައެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ފެނާއި ނަރުދަމާގެ، 130އަށްވުރެ ގިނަ މަޝްރޫޢު ކޮންޓްރެކްޓަރުންނާ ޙަވާލުކޮށް، އޭގެ މަސައްކަތްތައްވެސްކުރިއަށް ދާކަމަށެވެ. 2023ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ދެމެހެއްޓެނިވި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.
މިނިސްޓަރ މަޖިލީހުގައި ހާމަކުރެއްވި މި ތަފާސްހިސާބުތަކަކީ އަތޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ހިސާބުތަކެވެ. އާބާދީގެ ކުޑަބޮޑުމިނަށް ނުބައްލަވައި، ވަކި ރަށެއް ބާކީ ކުރުމެއް ނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ސަރުކާރުން ދަނީ ރަށްރަށުގައި ޤާއިމުކުރައްވަމުންނެވެ.