logoEN
cocacola
ދިވެހިންގެ ސަޤާފަތުގެ ތެރެއިން ވަނަން ކިޔުން!

ދިވެހިންގެ ސަޤާފަތުގެ ތެރެއިން ވަނަން ކިޔުން!

f

ދިވެހިންނަށް ނަންކިޔުމުގައި ދިވެހިންގެ ސަޤާފަތާއި، އިސްލާމީ އަޤީދާއާއި ގުޅުންހުރި ޤަބޫލުކުރުންތަކެއް ވެއެވެ. މިގޮތުން މިޤަބޫލުކުރުންތައް ބައްޓަންވެގެން އައިސްފައިވަނީ، އިސްލާމް ދީނުގައި ނަންކިޔުމަށް ޒަމާނުއްސުރެ ބޭނުންކުރާ އުޞޫލުތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ނަމާއި، ﷲގެ އިސްމުފުޅުތަކުގެ ނަންކިޔުމަށް ޚާއްސަ އިސްކަމެއް ދެވިފައިވެއެވެ. އަދި ކުދިންނަށް ކިޔާނަމަކީ ރަނގަޅު މާނައެއް އެކުލެވޭ ނަމަކަށް ކޮންމެހެން ވާންޖެހެއެވެ. ނަންކިޔާއިރު، ކުއްޖާގެ ނަމުގެ އިތުރުން ބައްޕައާއި ކާފަގެ ނަން ހިމެނުމަށް އިސްލާމް ދީނުގައި ބާރުއަޅައެވެ.

ގޮސިޔާ

ދިވެހިންގެ ނަންކިޔުމުގެ އަސްލު މައިގަނޑުގޮތެއްގައި ބިނާވެފައި އޮތީ އިސްލާމީ ގިއުގަނޑުގެ ތެރޭގައެވެ. އަދި މީގެއިތުރުން ކޮންމެކޮންމެ ނަމެއް ސަރުކާރުން ރަޖިސްޓަރީ ނުކޮށްދޭތީ އެހެން ސަޤާފަތްތަކުގައި އޮންނަ ނަންކިޔުމުގެ ސަޤާފަތް ދިވެހި މުޖުތަމަޢުން ފެންނަނީ ވަރަށް ކުޑަކޮށެވެ. މިގޮތުން ކައިވެނިކުރުމާ ގުޅިގެން އަންހެން މީހާގެ ނަމުގެ ފަހަތަށް ފިރިމީހާގެ ނަން އައުންފަދަ ސަޤާފަތް ދިވެހިންގެ ތެރެޔަށް ފެތުރިފައި ނުވެއެވެ. ކައިވެންޏާއި ގުޅިގެން ނަން ބަދަލުކުރުމުގެ ސަޤާފަތް ރާއްޖެއަށް އައިސްފައި ނުވަނީ، ބެލެވޭ ގޮތުގައި ދިވެހިންނަކީ އިސްލާމީ މުޖުތަމަޢުޢަކަށް ވުމެވެ.

ދިވެހިންގެ ތެރޭގައި ޒަމާންތަކެއް ކުރިން ވަނަން ކިޔުމުގެ ސަޤާފަތެއް ޤާއިމްވެފައި އޮތެވެ. މިގޮތުން މީހުންނަށް ރަސްމީކޮށް ކިޔާނަން ނޫން އެހެން ތަފާތު ވަނަން ބޭނުންކުރުމަކީ ރާއްޖޭގެ ނަންކިޔުމުގެ ސަޤާފަތުން އައިސްފައިވާ އަދި ރާއްޖޭގެ ހުރިހާ ރަށަކުންހެން ފެނިފައިވާ ކަމެކެވެ. މިގޮތުން މީހުންނަށް އަސްލު ކިޔާ ނަން ނޫން އެހެން ވަނަންތައް ތަފާތު ގޮތްގޮތަށް ރާއްޖޭގައި ބޭނުންކުރެވިފައިވެއެވެ. މިގޮތުން ދިވެހިންގެ ސަޤާފަތުގައި ވަނަން ބޭނުންކޮށްފައިވާ ގޮތްގޮތަށް ބަލާއިރު ކާކުކަން ދެނެގަތުމަށް ފަސޭހަކުރުމަށާއި ނަން ކުރުކޮށްލުމަށާއި މީހާގެ ޝަޚުޞިއްޔަތުގައި ހުރި ސިފައެއް ހާމަކުރުމަށާއި ނަން ރައްދުވާ ފަރާތް ބޭނުންވެގެންނާއި ފުރައްސާރަކުރުމުގެ އިތުރުން ވާރުތަވަމުން އަންނަ ޢާއިލީ ވަނަންތައް ބޭނުންކޮށްފައި ހުންނަކަން ފާހަގަވެއެވެ. މީގެ އިތުރުން ދިމާވާ ހާދިސާއަކާ ގުޅިގެން ވަނަން ބޭނުންކޮށްފައި ހުރެއެވެ.

ދިވެހިންގެ ތެރޭގައި ވަނަން، މީހާ ނިސްބަތްވާ ވަކި އާއިލާއަކަށް ނިސްބަތްކޮށްގެން ކިޔައެވެ. ދިރާސާކުރާފަރާތެއް ކަމުގައިވާ އަލްމިރާ ކޭ ގަރެޔެވާއާ ހާމަކޮށްފައިވާ ގޮތުގައި މިހާ ނިސްބަތްވާ އާއިލާއަށް ނިސްބަތްކޮށް އެމެރިކާގައިވެސް ވަނަން ބޭނުންކުރެވެއެވެ. ކުރިސްޓިއަން ނޮވަކް ބުނުއްވާގޮތުގައި ކުރޮއޭޝިއާގެ ބައެއް ވަންހަތަކުގައި ޢާއިލީ ވަނަން ބޭނުންކުރެއެވެ. މިއީ ރާއްޖޭގައި ބޭނުންކުރެވޭ ޢާއިލީ ވަނަންތަކުން ވެސް ފެންނަ ސިފައެކެވެ. އެހެންކަމުން މިއީ ހަމައެކަނި ދިވެހި ސަޤާފަތުގައި އޮތްކަމެއް ނޫންކަން ހާމަވެގެން ދެއެވެ.

އަމިއްލަޔަށް ވަނަން ކިޔުމުގެ ސަޤާފަތެއްވެސް ވަކި ހިސާބަކުން ޒަމާނީކަމެއްގެ ގޮތުގައި ރާއްޖޭގެ ފަހުގެ ޖީލުތަކުން ފެނިފައިވެއެވެ. ސްޓީވަން ސީ ކޮއެން ހާމަކޮށްފައިވާ ގޮތުގައި އަމިއްލައަށް ވަނަން ކިޔުމުގެ ސަޤާފަތެއް މެދުއިރުމަތީގެ ޤައުމުތަކުން ފެނިފައިވެއެވެ. އޭނާ އިތުރަށް ހާމަކުރައްވާގޮތުން ހުޅަނގާއި އިރުމައްޗަށް ނިސްބަތްވާ ވަނަންތައް ކުވޭތުގެ ކިޔަވާކުދިން އަމިއްލައަށް އެ ކުދިންނަށް ކިޔައިއުޅެއެވެ. އެހެންކަމުން މިއީ ރާއްޖޭގައި އެކަނި އޮތްކަމެއް ނޫންކަން އެނގިގެން ދެއެވެ. ބައެއް ޒުވާނުން އިންޑިޔާގެ ފިލްމީތަރިންނަށް ވެގެން އުޅެއެވެ. އަދި ބައެއް ފަރާތްތަށް ހުޅަނގުގެ ފުޓުބޯޅަކުޅުންތެރިންނާއި އެހެނިހެން ޝަޚުޞިއްޔަތުންގެ ނަމުން އަމިއްލައަށް މުޚާޠަބުކުރެއެވެ.

ދިވެހިންގެ މެދުގައި، ބާޒާރުމަތީ ބަހުރުވައިން ބޭއަދަބީކޮށް މީހުންނާއި މުޚާޠަބުކުރުމަށް ނުބައިވެގެންވާ ޖަނަވާރުގެ ނަންތައް ދިވެހިރާއްޖޭގައި ބޭނުންކުރެވިފައިވެއެވެ. މިގޮތުން ބަ*، އޫ*، ކު** ފަދަ ނަންތައް ފާހަގަކުރެވެއެވެ. ނަމަވެސް މީއީ މީހުން އެހާގަޔާވާ ފަދަ ބަހުރުވަޔަކަށް ނުވުމުން، މިބަހުރުވަ ބޭނުންކުރަނީ މަދު ބަޔަކެވެ. އަދި މފަދަ ގޮތަކަށް މިފަދަ ވަނަންތަކުން މުޚާޠަބުކުރުމަކީ އެއްވެސް މީހަކު ބޭނުންވާ ގޮތެއް ނޫނެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި، ލޯބިން އަނބި ދަރިންނަށް މުޚާޠަބުކުރުމަށް މިފަދަ ބަސްތައް ބޭނުންކުރެވިފައި އެބަހުއްޓެވެ. ނަމަވެސް މިއީ އުވިގެންދާ ސަޤާފަތަކަށް ވަނީ ވެފައެވެ.

މީހާގެ އެޑްރެހަށް ނިސްބަތްކޮށްގެންވެސް ދިވެހިން ވަނަން ބޭނުންކޮށްފައި އެބަހުއްޓެވެ. މިގޮތުން ވަކި ގެޔަކަށް ނިސްބަތްވާ ކޮންމެ މީހެއްގެ ނަމުގެ ކުރިޔަށް ލަގަބެއް ފަދައިން ވަނަމެއްގެ ގޮތުގައި އެޑްރެސް ބޭނުންކުރެވިފައި އެބަހުއްޓެވެ.

ތިރީގައިވާ ތާވަލުގައި ދިވެހިންގެ ތެރޭގައި ބޭނުންކުރެވިފައިވާ ބައެއް ވަނަންތަކާއި، އަދި އެނަންތައް ބޭނުންކުރެވޭ ސަބަބު މިސާލާއެކު ހުށަހަޅާލަމެވެ.

ވަނަން

ބޭނުންކުރެވޭ ސަބަބު

މިސާލު

އޭޑީކޭ

ކާކުކަން ދެނެގަތުމަށް

އޭޑީކޭ ނާޝިދު

ރީކޯ

އެޑްރެހާއި ގުޅުވައިގެން

ރީކޯ މޫސާ މަނިކު

ދަގަނޑޭ

ޝަޚުޞިއްޔަތުގައި ހުރި ސިފައަކާހެދި

ޢަލީ އަޝްފާޤު (ދަގަނޑޭ)

އޯކިޑް

އަމިއްލައަށް ބޭނުންވެގެން ގަލަމީ ނަމެއް

މުހައްމަދު އަމީންދީދީ (އޯކިޑް)

ފުލެޓު ދޮންބެ

ފުރައްސާރަކުރުން

މުޙައްމަދު ނަޝީދު (ފުލެޓު ދޮންބެ)

ޗަންޕާ

ވާރުތަވަމުންއަންނަ ޢާއިލީ ނަން ބޭނުންކުރުން

(ޗަންޕާ) ޙުސައިން ޢަފީފު

ލޮލީ

ހާދިސާއެއް ނުވަތަ ހިނގިކަމަކާ ގުޅިގެން

(ލޮލީ ޖާބިރު) ޢަބްދުﷲ ޖާބިރު

ތިރީގައިވާ ތާވަލުގައި ތިނަދޫގައި ބޭނުންކުރެވިފައިވާ ބައެއް ވަނަންތައް މިސާލުގެ ގޮތުގައި އަސްލުނަން ނޫން ތަފާތު އެހެން ނަންނަމާއި ގުޅުވައިގެން، ހުށަހަޅާލަމެވެ.

ވަނަން

ބޭނުންކުރެވޭ ސަބަބު

މިސާލު

ހުލުން ހިގިޔާ

ޝަޚުޞިއްޔަތުގައި ހުރި ސިފައަކާހެދި

ހުލުން ހިގިޔަގެ އާމިންދިޔެ

ހުޅެޖެހިޔާ

ހިގާފައިވާ ހާދިސާއަކާއި ގުޅިވައިގެން

ހުޅެޖެހިޔަގެ އިބްރާހިމްކަލޯ

ފެރޭތެޔާ ހިފީ މީހާ

ހިގާފައިވާ ހާދިސާއަކާއި ގުޅިވައިގެން

ފެރޭތެޔާ ހިފީ މީހަގެ އަދުނާނު

ހުކުޑެ

ފުރައްސާރަކުރުން

ހުކުޑެ މަރިޔަންފާނު

ބަހަބޯ

ފުރައްސާރަކުރުން

ބަހަބޯ އައިސާ

ކޮތަރެ

ވާރުތަވަމުންއަންނަ ޢާއިލީ ނަން ބޭނުންކުރުން

ކޮތަރެ އަލިޔާ

ބަޑެ

ޝަޚުޞިއްޔަތުގައި ހުރި ސިފައަކާހެދި

ބަޑެ ތައްކާނު

ބިހުގޭ

އެޑްރެހަށް ނިސްބަތްކޮށް

ބިހުގޭ ފާތުމާފާނު

ތުއްތު ޖޯޑާ

ފުރައްސާރަކުރުން

ތުއްތު ޖޯޑަގެ އައިސާ

ބީރެ

ޝަޚުޞިއްޔަތުގައި ހުރި ސިފައަކާހެދި

ބީރެ އިބުރާހިމާ

ފަހުގެ ޖީލުތަކުގެ ކުދީންގެ މެދުގައިވެސް ވަނަން ބޭނުންކުރުމަކީ ވަރަށް އާންމުކަމެކެވެ. ނަމަވެސް ކުރީޒަމާނުގައި ބޭނުންކުރާ ނަންތަކާއި ތަފާތުކޮށް، މިޒަމާނުގެ ކުދިން ބޭނުންކުރާ ވަނަންތަކަކީ ކޮން ސަބަބަކާއި ގުޅުވަގެން ދެވިފައިވާ ނަމެއްކަން ދެނެގަންނަން ދަތިއެވެ. ލަފާކުރެވޭ ގޮތުގައި ކުރުކޮށް ކިޔަން ފަސޭހަ ކޮންމެވެސް ނަމެއް އާލީ ނަމެއް ނުވަތަ ގޭގައި މައިންބަފައިންނާއި އާއިލީ މެމްބަރުން ލޯބިން ކިޔާނަމެއް ގިނަފަހަރަށް ބޭނުންކުރެވެނީއެވެ.

މިސާލު: ދޮންކޮ، އާއްކޮ، އަޝްކޮ، މުންކޮ، ޝައި، ރިޝް، ޝިރޫ، މަޝޫ، ލައި، ނާއްކޮ ފަދަ ނަންތައް ފާހަގަކޮށްލެވެއެވެ.

ލަފާކުރެވޭ ގޮތުގައި، ޒަމާނީ ވަނަންތަކަކީ، ވަކި ޚާއްސަ ކަމަކާއި ނުގުޅުވައި، ނަން ފަސޭހައިން ކުރުކޮށް ކިޔާލުމަށް މައިންބަފައިން އަދި އާއިލީ މެންބަރުން ލޯބިން ކިޔާ ނަންތަކެކެވެ. އެނގިގެން ގޮސްފައިވަނީ ވަނަން ބޭނުންކުރުމަކީ ދިވެހިންގެ ސަޤާފަތުގައި ހަރުލާފައި އޮތް ކަމެއްކަމެވެ. އަދި ހަމަ އެހެންމެ މިއީ ހަމައެކަނި އަހަރަމެން ދިވެހީންގެ މެދުގައި އޮތްކަމެއް ނޫންކަންވެސް އެނގިގެން ގޮސްފައިވެއެވެ. ކުރިޒަމާނުގައި ބޭނުންކުރެވުނު ފަދައިން، މީހުންނަށް ފުރައްސާރަކުރުމަށާއި، މީހުންގެ ގައިގައި ހުންނަ ސިފަތަކާއި ގުޅުވައިގެން ވަނަން ކިޔުން، ވަކި އާއިލާގެ މެންބަރުންނަށް ނިސްބަތްކޮށް ވަނަން ބޭނުން ނުކުރެވުނު ކަމުގައިވިޔަސް، މިއަދުވެސް ދިވެހިން ވަނަން ބޭނުންކުރެއެވެ. ނަމަވެސް މިޒަމާނުގައި އެފަދަ ގިނަ ވަނަންތަށް ބޭނުންކުރަނީ ހަމައެކަނި ނަން ކުރުކޮށް ބޭނުންކުރުމަށް ލޯބިން ނިސްބަތްކުރާ އާއިލީ ނަމެއްގެ ގޮތުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ