
coffee-5174330_1280
ދެހާސް ވިހިވަނަ އަހަރަކީ ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް އައިސް އެންމެން ގޭގައި ބޭތިއްބި އަހަރެކެވެ. ގޭތެރޭގައި ފޫހިފިލުވުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމު ތަކުގައި އެކި ކަންތައް ކުރިއެވެ. އެގޮތުން "ޑަލްގޯނާ ކޮފީ" އަކީ މުޅި ދުނިޔެ ބަލިމަޑުކަމެއްގައި އޮތްއިރު އެންމެންގެ ސަމާލުކަން އަތުލައިގަތް ކޮފީއެކެވެ.

ސައުތު ކޮރެއާގެ އުފެއްދުމެއްގެ ގޮތުގައި ބައެއް މީހުން ބުނާ މި "ޑަލްގޯނާ ކޮފީ" ހަދަނީ ވަކި ތަފާތު އެއްޗެއް ބޭނުން ކޮށްގެނެއް ނޫނެވެ. ދެތިން އިންގްރީޑިއަންޓުން ތައްޔާރުކުރެވޭ މި ކޮފީގެ ވާހަކަ މީސް މީޑިއާގެ އިތުރުން މުޅި ދުނިޔޭގެ ނޫސް ތަކުގައިވެސް އޮތެވެ. އެހެން ކަމުން ޑަލްގޯނާ ކޮފީ އަކީ ދެހާސް ވިހި ވަނަ އަހަރު ރަމްޒު ކޮށްދޭ ބުއިމެއް ކަމުގައިވެސް ބުނެވިދާނެއެވެ.
އާ އަހަރު ފެށިގެން މިދަނީ ކޮންމެ މީހެއްގެވެސް ހުވަފެންތަކާއި އުންމީދުތަކެއްވާނެއެވެ. ނިމިދިޔަ އަހަރުގައި ގޮންޖެހުންތައް ހުރުމުގެ ސަބަބުން ކުރަން ނިންމާފައި ހުރި އެތަކެއް ކަމެއް މިއަހަރުގައި ކުރަން ގަދަ އަޅައި މަސައްކަތް ކުރާނެއެވެ. ނަމަވެސް މި އަހަރުވެސް ޑަލްގޯނާ ކޮފީ ގެ ރަހަ ބަލާލަން ވާނެއެވެ. ފަހަރުގައި ހަނދާނުގައި ނުހުރެދާނެތީ ތިރީގައި މި ހިމަނާލަނީ ޑަލްގޯނާ ކޮފީ ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
ދެ ސަަމްސާ ކޮފީ
ތައްޓެއްގެ ކިރު
ދެ ސަމުސާ ހަކުރު
ތައްޔާރު ކުރާނެ ގޮތް:
ބޯތައްޓެއްގައި ކޮފީއާއެކު ހަކުރު އެއްކޮށް، އޭގެ ތެރެއަށް ދެ ސަމްސާ ހޫނު ފެން އެޅުމަށްފަހު ގިރާލާނީ އެވެ. ސަމްސަލަކުން ނޫނީ ހޭންޑް މިކްސަރެއް ވެސް މި ކަމަށް ބޭނުން ކުރެވިދާނެ އެވެ. ގިނަ އިރު ގިރައިގެން އޭގެ ފޮނުގަނޑު ބޮޑު ކުރެވޭނެ އެވެ. ފޮނި ކާއެއްޗެހީގައި ބޭނުންކުރާ ވިޕް ކްރީމް ހުންނަ ޓެކްސްޗާ އަންނަން ދެނެވެ. އެއަށްފަހު ހޫނު ނުވަތަ ފިނި ކިރުތައްޓަކަށް ކޮފީ ފޮނުގަނޑު އަޅާނީ އެވެ.