ކޮވިޑް19 – ކޯމާއިން ހޭލެވުނު އިރު ބަނޑުގައި އޮތް ދަރިފުޅަށް ވީ ގޮތެއް ނޭނގުނު

ދެހާސް ނަވާރަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ރޯގާ, ކޮވިޑް19 ގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަނު ދުނިޔެ ދޫކޮށް ހިނގައްޖެ އެވެ. މި ނުރައްކާތެރި ބައްޔަށް ވެކްސިނެއް ހޯދިފައިވަނީ ދާދި އިހަކަށްދުވަހަކުއެވެ. ވެކްސިން ހޯދުނު އިރު ބަލީގެ އަދި މާ ނުރައްކާ "ވާޝަން" އެއް މިހާރު މިވަނީ ފެތުރެން ފަށާފައެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު އަންހެނުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށެވެ.

މި ލިޔުމުގައި މި ގެނެސްދެނީ ކޮވިޑް19 ޖެހުނު މާބަނޑު އަންހެނެއްގެ ވާހަކައެވެ. އުމުރުން 22 އަހަރުގެ މެޕަރަ ނަޤްވީ ކޮވިޑް ޖެހިގެން ހޮސްޕިޓަލަށް ގެނެވުނު އިރު އިނީ ބަލިވެއެވެ. އިނގިރޭސި ވިލާތުގެ ވެސްޓް ޔޯކްޝަޔަރގެ ބްރެޑްފޯޑް ރޯޔަލް އިންފާމަރީ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު ބަނޑަށް 7 މަހެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮވިޑްގެ އަލާމާތްތައް އޭނާގެ ހަށިގަނޑުން ފެންނަން ފެށުމުންނެވެ. އެގޮތުން ކާތަކެތީގައި ރަހަ ނުދިނުމާއި ކެއްސުމާއި ބޮލުގައި ރިހުން ފަދަ އަލާމާތްތައް އޭރު އޭނާގެ ހުއްޓެވެ.

އޭނާއަށް ފަރުވާ ދިނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އައިސީޔޫގައި އެޑްމިޓްކުރުމަށްފަހު ސީޒޭރިއަން ހަދައި, ބަނޑުގައިވާ ދަރިފުޅު ނަގަން ޖެހިދާނެ ކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވެއެވެ.  އެގޮތުން ސިޒޭރިއަން ހެދުމަށް ހޭނައްތާ އިންޖެކްޝަން ޖެހުމުން ހަށިގަނޑުގެ އޮކްސިޖެން ލެވެލް ދަށްވެ އޭނާ ކޯމާއަކަށް ދިޔައެވެ.

ކޯމާގައި އޮތުމަށްފަހު އޭނާ ހޭލެވުނީ އޭގެ 9 ދުވަސް ފަހުންނެވެ. އޭނާ ހޭލި އިރު ބަނޑުގައި ދަރިފުޅު ނެތުމުން އޭނާ ވަރަށް ކަންބޮޑުވިއެވެ.

"އަހަންނަށް ނޭނގޭ އަހަރެން އޮތީ 9 ދުވަސް ވަންދެން ވެންޓިލޭޓަރުގައި ކަމެއް. އަހަރެން ވިހެއި ކަމެއްވެސް އަހަންނަކަށް ނޭނގޭ. އަހަންނަކަށް ނޭނގޭ ވީ އެއްވެސް ގޮތެއް," އެ އަންހެން މީހާ ބުނެފައިވެއެވެ.

އެ އަންހެން މީހާ ވަނީ ފަހުން ހޮސްޕިޓަލުން ދޫކޮށްފައެވެ. އަދި އޭނާގެ ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް