
ނަޝީދުގެ "ބާކީނުވޭ" އާއި އިދިކޮޅުގެ "ދަށުނުވޭ" - ތާއީދު އޮތީ ކިހިނެތް؟
photo_2022-05-27_19-20-52
ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅުން މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ދެކޮޅު ހަރަކާތެއް ކަމަށް ދިވެހި ސަރުކާރުގެ އެންމެ މަތީ ވެރިޔާ ވަނީ ކަނޑައަޅާފައެވެ. މި ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުންވެސް ވަނީ މަސައްކަތް ފަށާފައެވެ. މާލޭގައި އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާތަކުން އެމަންޒަރު ފެނިގެން އެބަ ދެ އެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ ސީދާ ހަރަކާތްތައް މަގުމަތީގައި އާއި މީސްމީޑިއާގައި ކުރިއަށް ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރައީސް ޔާމީން އިސްވެ ހިންގަވާ އެ ކެމްޕެއިނަށް ރައްދު ޖަވާބު ދެއްވުމުގައި އެންމެ ކުރީގައި އަބަދުވެސް ހުންނެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދެވެ. އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް މީސްމީޑިއާގައިވެސް އެންމެ ގަދައަށް އަޑު އުފުލައްވަމުން ގެންދެވީ އަދި ގެންދަވަނީ އެމަނިކުފާނެވެ. އަދި ރައީސް ޔާމީންގެ އެ ކެމްޕެއިނާ ދެކޮޅަށް އިއްޔެއިން ފެށިގެން މީސްމީޑިއާގައި ޚާއްސަ ހޭޝްޓެގް ކެމްޕެއިނެއް ފެށިފައިވާއިރު އެ ހޭޝްޓެގްވެސް އެންމެ ފުރަތަމަ ބޭނުން ކުރެއްވީ ރައީސް ނަޝީދެވެ.
Siyaasee veringe siyaasee beynumah takai Dhivehin baakeeve nikamethi vaane kankan nukurumah huriha siyaasee verin visnavan vaane. India aai dhekolhah hingaa campaign akee Dhivehinge thaaidhu oiy kameh noon kan saabith vanee ekamugai baiveri vaa meehun madhukamun #Baakeenuvey
— Mohamed Nasheed (@MohamedNasheed) May 26, 2022
މި ޓްވީޓަށްފަހު މުޅި މީސްމީޑިއާގައި އެ ހޭޝްޓެގް ގުގުމާލި އެވެ. އެ ހޭޝްޓެގާ ދެކޮޅަށް، ރައީސް ޔާމީންގެ ހުށިޔާރު ވިސްނުންފުޅުގެ ދަށުން އެއަށް ރައްދު ދޭ އެހެން ހޭޝްޓެގެއް އިދިކޮޅުންވެސް ދައުރުކުރަން ވަނީ ފަށާފައެވެ. ރައީސް ނަޝީދުގެ "ބާކީނުވޭ" އަށް ރައްދެއްގެ ގޮތުން އިދިކޮޅުން ބޭނުން ކުރަނީ "ދަށުނުވޭ" ހޭޝްޓެގެވެ. މި ދެ ހޭޝްޓެގަށްވެސް ބޮޑު މަގްބޫލުކަމެއް ވަނީ ލިބިފައެވެ.
ހޭޝްޓެގް "ބާކީނުވޭ" ބޭނުންކޮށް ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސިޔާސީ ވެރިންގެ ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަވަން ވާނެ ކަމަށެވެ. އަދި އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕޭނުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކަން ފާހަގަކޮށް އެކަމަށް ދިވެހިންގެ ތާއީދު ނެތް ކަން ސާބިތުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅުގެ ހޭޝްޓެގް "ދަށުނުވޭ" ބޭނުންކޮށް އިދިކޮޅު ސަޕޯޓަރުން ކުރަމުންދާ ޓުވީޓުތަކުގައި ބުނަމުންގެންދަނީ، އިންޑިއާއިން ދެމުންގެންދާ އެހީތަކާއި، ކެއުންބުއިމަށް އިންޑިއާއިން ގެންނަ ތަކެއްޗަކީ "ދިވެހިން ގުދާރު ބިންގައިގެން، ރެއާއި ދުވާލު، ގަދަހޫނާއި ފިނީގައި ކުރާ ބުރަ މަސައްކަތުން ހޯދާ ފައިސާއިން ގަންނަ ތަކެތި" ކަމަށެވެ. އެހެންކަމުން އެއީ އިންޑިއާއަށް ބަރޯސާވެ އިންޑިއާގެ ދަށުވެގެން ދިވެހިން ތިބެންޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ އިދިކޮޅުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. .
ދިވެހިން ބޭސްފަރުވާއާއި ތައުލީމު އަދި އެނޫންވެސް ކަންތަކަށް އިންޑިއާއިން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ބަލައިގަންނަން ޖެހޭ ކަމަށާއި، އިންޑިއާއާއި ދިވެހިންނާ ދެމެދު އޮތް ގުޅުމަކީ ޒަމާންތަކެއްވީ ދުޅަހެޔޮ ގުޅުމެއް ކަމަށް އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ވާހަކަދައްކަވާ ސަޕޯޓަރުން ބުނަމުންދާއިރު، އިދިކޮޅުން ބުނަމުންގެންދަނީ އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާއާ ދެކޮޅަށް ހިންގަމުންދާ ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބުމުގެ ސަބަބުން ރާއްޖޭގެ ދާޚިލީ މިނިވަންކަން ގެއްލުމުގެ ފުރުސަތު އޮތުމުން ހިންގަމުންދާ ހަރަކާތެއް ކަމަށެވެ.
ކޮންމެއަކަސް ދެފަރާތުން މިހާރު ޖަހާ ސަކަރާތުގައި މިވަގުތު ޓްވިޓާގައި ރާއްޖޭގެ ޓްރެންޑިންގގެ އެއްވަނައިގައި އޮތީ "އިންޑިއާ އައުޓް" ހޭޝްޓެގެވެ. އެ ހޭޝްޓެގް ބޭނުންކޮށްގެން 11،000 އަށްވުރެ ގިނަ ޓްވީޓްކޮށްފައިވާއިރު ހޭޝްޓެގް "ދަށުނުވޭ" މިހާތަަނަށް ބޭނުންކޮށްފައިވަނީ 7100 ޓްވީޓެއްގައެވެ. ސަރުކާރާއި ރައީސް ނަޝީދުގެ "ބާކީނުވޭ" ޓީމު އުޅެނީ އަދި ފަހަތުގައެވެ. ބާކީނުވޭ ހޭޝްޓެގް ބޭނުންކޮށްގެން މިހާތަނަށް ކޮށްފައިވަނީ 3974 ޓުވީޓެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއްވެސް ނެރެފައެވެ. އެގޮތުން އެގަރާރުގައި ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕެއިންތަކަކީ ގައުމީ ސަލާމަތާއި ގުޅުންހުރި އަދި ނުރައްކާ އޮތްކަމެއް ކަމަށެވެ.
އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާތީ ޤަރާރެއް ނެރުއްވީ ކަމަށް ރައީސްގެ ޤަރާރުގައި ވެއެވެ.
އެހެން ނަމަވެސް އިދިކޮޅުން ގެންދަނީ ރައީސްގެ އެގަރާރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން ނެރެފައިވާ ގަރާރެއް ކަމުގައި ބުނެ، އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުގައި އިންޑިއާ އައުޓް ހަރަކާތްތައް ހިންގަމުންދާއިރު، އެހަރަކާތް ހުއްޓުވައި ސަރުކާރުން ނެރެފައިވާ ގަރާރާ އެއްގޮތަށް ދިވެހި ފުލުހުންނާއި ސިފައިން ގެންދަނީ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ކުރަމުންނެވެ.
ކޮންމެއަކަސް، ރިޔާސީ އިންތިޚާބަށް ރާއްޖޭގެ ސިޔާސީ މައިދާން ހެދި ފައްކާވަމުން އަންނަ އިރު، އިދިކޮޅުން އެ އިންތިޚާބަށް ތައްޔާރުވެ، ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑަށް ބޭނުންކުރާ އެއް ހަތިޔާރަކީ "އިންޑިއާ އައުޓް" ކެމްޕެއިނެވެ. ދެން އޮތީ އުމްރާނީ ތަރައްގީގެ ދުވެލި ލަސް ކަމުގެ ބަހަނާ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ދިޔަ ހަލުވި ކަމާއި ކަންކަން އަވަހަށް ނިމިގެންދިޔަ ކަމުގެ ވާހަކަ އެވެ.
ސިޔާސީ މައިދާން ހަވާސާގައި ބާއްވައި، މިހާރު ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުގެ "ބާކީނުވޭ" އަށް އިދިކޮޅުން ދިން ރައްދު "ދަށުނުވޭ" އަށް ލިބިފައިވާ މަގުބޫލުކަމަށް ބަލާއިރު، މި ހަނގުރާމައިގައި ކުރީގައި އޮތީ އިދިކޮޅެވެ. މިއީ މިއަދާ ހަމައަށް މިކަމުގެ ހިސާބުތައް ހުރި ގޮތުގެ ވާހަކަ އެވެ.
ސަރުކާރުގެ "ބާކީނުވޭ" ކެމްޕެއިނަށް އެކަށީގެންވާ މަގުބޫލުކަމެއް ލިބިފައިނުވާކަން ފާހަގަކޮށް ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކެމްޕޭން ނުފެށެނީސް ކަފުން ވެއްޖެ ކަމަށެވެ.