logoEN
ޕީއެންސީ 2
ލޯބިވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް އެނގޭތަ؟

ލޯބިވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް އެނގޭތަ؟

f

ލޯތްބަކީ ހަށިގަނޑާއި ފުރާނަޔަށް ހިންހަމަޖެހުމާއި، އުފާވެރިކަމުގެ ފޮނި އިޙްސާސް ގެނުވާ އަދަޔާ ޚިލާފު ޖަޒުބާތެއްކަން އެންމެން ދަނެއެވެ. މި ހިތްގައިމު ފޮނި އިޙްސާސްގެ އިތުރުން، ލޯބިވުމުން އިންސާނެއްގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަކަން ސައިންސްގެ އަލީގައި ވަނީ ހޯދިފައެވެ. މިގޮތުން ސައިންސްގެ އަލީގައި ކަށަވަރުވެފައިވާ، ލޯބިވުމުން ހަށިގަނޑާއި ސިކުނޑިއަށް އަންނަ، ހިތްގައިމު ބަދަލުތައް މި ލިޔުމުގައި ހިމަނާލަމެވެ.

ޝަރީ 2024

ލޯބި ވުމުން ތަނދުގެ އިޙްސާސް ދަށްކުރުވާ

undefined

އެންމެން ދަންނަ ފަދައިން، ލޯބިވުމުން، އުފާވެރިކަމުގެ އިޙްސާސް ގެނެސް، ހިންހަމަޖެހުން ލިބެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، ލޯބިވެރިޔާ އާއި އެކު ހޭދަކުރާ ވަގުތުތަކުގައި އޮކްސީޓޮސިން (ސިކުނޑީގައި އެކުލެވޭ ކެމިކަލްއެއް، މީގެ ސަބަބުން މަނޑުމައިތިރިކަން އަދި ކައިރިކަމުގެ އިޙްސާސް ގެނުވާ) އުފައްދައެވެ. މިކެމިކަލަކީ ބޮލުންގެ ރިހުން ފަދަ ރިހުންތައް ކަނޑުވައިދޭ އެއްޗެކެވެ. މިގުތުން ލޯބިވެރިޔާގެ ފޮޓޯއަށް ގިނައިން ބެލުމުންވެސް، އުފާވެރިކަމުގެ އިޙްސާސް ކުރެވި، %15 އާއި %40 އިންސައްތަ ދެމެދުގެ މިންވަރަށް ތަފާތު ބާވަތުގެ ތަނދު އިޙްސާސްވުން ދަށްކުރުވައެވެ. މީގެ އިތުރުންވެސް، ދެލޯބިވެރިން އެކުގައި ހޭދަކުރާ ވަގުތުގެ ސަބަބުން ބުރަކަށީގެ ރިއްސުން، ހުޅުހުޅުގައި ރިއްސުން ފަދަ ތަނދުތަކުން ބޮޑު ލުޔެއް ލިބިގެންދާކަން ސައިންސްގެ އަލީގައި އެނގިގެން ގޮސަފައި ވެއެވެ.

ލޯބި، ހިތަށް ފަރުވާދީ ރަނގަޅަށް ބަލަހައްޓާ

ލޯބިވުމުން ހިތުގެ ވިންދު އަވަސްވުން ދެބައިކުޅަ އެއްބައި ދަށް ކުރުވައެވެ. މިއީ ހާސްކަމުގައި އުޅޭ މީހުންނާއި، ދިގު ދުވުންތަށް ދުވާ މީހުންނަށް ވަރަށް ބޭނުން މުހިންމު ކަމެކެވެ. މީގެ އިތުރުންވެސް އޮކްސީޓޮސިން ވެގެންދަނީ ދުނިޔޭގައިވާ އެންމެ ހިތްގައިމު މޮލެކިއުލް އަށެވެ. ގިނަ ބަޔަކު އޮކްސީޓޮސިންއަށް ލޯބީގެ ހޯމޯންއޭ ކިޔައެވެ. މިހޯމޯނުގެ ސަބަބުން ހާސްކަން ދަށްކުރުވައި، ލޭގެ ޕްރެޝަރު ދަށްކޮށް، އެކަނިވެރިކަމުގެ އިޙްސާސް ދަށްކޮށް އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކުރުވައެވެ. އަދި ހަމަ އެހެންމެ ޑިޕްރެޝަން ފަދަ ބަލިތަކަށް ފަރުވާއަކަށްވެ، ޑިޕްރެޝަން ހުއްޓުމަށް މިހޯމޯންގެ ސަބަބުން ބާރު ލިބެއެވެ.

ލޯބި ހަށިގަނޑަށް ދިމާވާ ތަފާތު ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރޭ

ލޯބީގެ ގުޅުމުގެ ސަބަބުން ދިރިއުޅުމަށް އުފާވެރިކަމުގެ އިޙްސާސް ކުރިމަތި ކުރުވައެވެ. ދެ ލޯވިވެރިން އެކީގައި ހޭދަކުރާ ވަގުތުތަކުގަޔާއި، އަތާއި އަތް ގުޅާލެވި ލޯބީގެ ބީހުންތަކުން، ހަށިގަނޑުން އުފައްދާ ހޯމޯނެއް ކަމުގައިވާ އެންޑޯފިންސް އުފެއްދުން އިތުރު ކުރުވައެވެ. މި ހޯމޯނަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް އިތުރަށް ވަރުގަދަ ކޮށްދޭ ހޯމޯނެކެވެ.

ހަމަ މިގޮތުން ބޭރުފުށަށް ފެންނަން ހުންނަ ފިސިކަލް ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް، ފުރިހަމަ ލޯތްބާއި އަޅާލުން ބޭސްފަރުވާއެކު ލިބުމުން، ހަށިގަނޑު ފަރުވާއަށް އިޖާބަދީ، ނުކުޅެދުންތެރިކަމުން އަރައިގަންނަން އިތުރު ބާރެއް ލިބިގެންދެއެވެ.

އިންސޯމްނިއާގެ ފަރުވާއަކަށް ލޯބި ވެގެންދޭ

undefined

އިންސޯމްނިއާ ނުވަތަ ނުނިދުމުގެ މައްސަލަ، އަވަހަށް ހޭލެވި ދެވަނަ ފަހަރަށް ނުނިދުމުގެ މައްސަލަ ފަދަ ސިއްޙީ މައްސަލަތަކުގެ ފަރުވާއަކަށް ލޯބިވެގެން ދެއެވެ. ލޯބީގެ ހޯމޯން (އޮކްސީޓޮސިން އަދި އެންޑޯފިންސް) ގެ ސަބަބުން ހަށިގަނޑުގައި ސްޓްރެސް އުފައްދާ ހޯމޯން ކޯޓިސޯލް އުފެއްދުން މަދުވެގެން ދެއެވެ. މީގެ ސަބަބުން ހަށިގަނޑު ރަނގަޅަށް އަރާމުކުރުމަށް ފުރުޞަތުދެއެވެ. ސައިންސްގެ އަލީގައި އެނގިގެން ގޮސްފައިވާ ގޮތުގައި، ލޯބީގެ ގުޅުމުން އިންސޯމްނިއާ ފަދަ ބަލިތަކަށް އޮތް އެންމެ ރަނގަޅު ފަރުވާލިބި، ރޭގަނޑު ނިނދި އެންމެ ފުރިހަމަޔަށް ލިއްބައިދެއެވެ.

ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާއަކަށް ލޯބި ވެގެންދޭ

ޑްރަގްފަދަ ބާރުގަދަ ތަކެތީގެ ސަބަބުން ހަށިގަނޑަށް ތަފާތު ގެއްލުންތަށް ކުރިމަތިކުރުވުމުގެ އިތުރުން ހަށިގަނޑަށް އެޑިކްޝަން ގެނުވައެވެ. މި އެޑިކްޝަނުގެ ސަބަބުން ހަށިގަނޑުގައި ޑޮޕެމިން ލެވެލްއަށް ބަދަލު ގެނުވައެވެ. ޑޮޕެމިން އަކީ ހަށިގަނޑަށް އުފާވެރިކަމުގެ އިޙްސާސް އަދި ހިންހަމަ ޖެހުން ގެނުވާ ހޯމޯނެވެ.

ލޯބިވުމުން ނުވަތަ ލޯބީގެ އިޙްސާސްގެ ސަބަބުން ލިއްބައިދޭ ހިންހަމަޖެހުމާއި އުފާވެރިކަމުގެ ސަބަބުން، ނުރައްކާތެރި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ޑްރަގްގެ ސަބަބުން ކުރިމަތިވެފައިވާ އެޑިކްޝަން ދަށްކުރުވައެވެ. އަދި ޑްރަގް ބޭނުންނޮކޮށް ހުރުމަށް އިތުރަށް ބާރުލިބި، ބޭނުންކުރާ ހިތްވުން ކުޑަކުރުވައެވެ. ރަގަނޅު ރިހެބިލިޓޭޝަން ޕްރޮގްރާމަކާއެކު، ލޯބި ލިބުމުން މިފަދަ ނުރައްކާތެރި ވަބާގައި ޖެހިފައި ތިބި މީހުން އަނބުރާ މުޖުތަމަޢުއަށް ގެނެވިދާނެއެވެ.

ލޯބީގެ ގުޅުމުގެ ސަބަބުން އުމުރު ދިގުވެގެންދޭ

undefined

ސާވޭއަކުން ދައްކާ ގޮތުގައި، ހަރުދަނާ ލޯބީގެ ގުޅުންތަކުގެ ސަބަބުން، ޚާއްސަކޮށް ކައިވެނީގެ ގުޅުންފަދަ މަތިވެރި ލޯބީގެ ގުޅުންތަކުގެ ސަބަބުން ދުޅަހެޔޮ ހިންހަމަޖެހޭ ދިރިއުޅުމެއް އުޅެވެއެވެ. މިފަދަ ގުޅުންތަކުން ދިރިއުޅުމުގެ ރަނގަޅު އާދަކާދަ، ރަނގަޅު ކާނާ ގަޑިން ގަޑިޔަށް ޤަވާއިދުން ކެއުން، ހިތްހަމަޖެހުމާއި އަރާމު، ހާސްކަން ކުޑަ ދިރިއުޅުމެއްފަދަ ހާޞިލްކުރެވެއެވެ.

ލޯބީގެ ގުޅުމުގެ ސަބަބުން، ހަށިގަނޑަށް ޖިސްމާނީ ގޮތުން ލިބޭ ކުދި ކުދި ގެއްލުންތައް އަވަހަށް ފަސޭހަވެގެން ދެއެވެ. މިފަދަ ތަފާތު ކަންތައްތަކުން ސާބިތުވާގޮތުގައި، ކައިވެނީގެ މަތިވެރި ގުޅުންތަކުން، އެކަކު އަނެކަކު ދެކެވާ ހަޤީޤީ ލޯބިން ދެމަފިރިންގެ ހަޔާތަށް އުފާވެރިކަން ގެނުވައި ދެމަފިރިންގެ އުމުރު ދިގުކޮށްދެއެވެ.

ލޯތްބަކީ ތެރަޕީއެއް

ތަފާތު ކަންކަމާއި ގުޅިގެން އަހަރަމެން ތެރަޕީ ހޯދަމުއެވެ. ނަމަވެސް މިފަދަ ގިނަ ތެރަޕީތަކުގައި، އަހަރަމެންގެ ވާހަކަތަކާއި ދިރިއުޅުމުގައި ދިމާވާ ކަންތައްތައް އިތުރުމީހަކަށް ކިޔައިދީ، އެހެންމީހެއްގެ ލަފަޔާއި އިރުޝާދުތަކަށް ދިރިއުޅުމުގައި ދިމާވާ ތަފާތު މައްސަލަތަކުގެ ހައްލު ހޯދައެވެ. މިފަދަ ތެރަޕީތަށް ދިނުމަށް ޚާއްސަ ދުނިޔޭގެ ތަފާތު މާހިރުންނަށްވުރެ ރަނގަޅަށް އަހަރަމެންގެ އެންމެހާ އިޙްސާސްތަކާއި، ހާސްވެ ކަންބޮޑުވާ ކަންތައްތައް ހިއްސާކޮށް، އެންމެ ރަނގަޅު ލަފާ ހޯދޭނެ ހަމައެކަނި ފަރާތަކީ، ބައިވެރިޔާ ނުވަތަ އެންމެ ލޯބިވާ ފަރާތެވެ.

ދިރިއުޅުމުގައި ލޯބިވެރިޔާގެ ލޯތްބާއި އެއްބާރުލުމަކީ ނަފްސާނީ ގޮތުން އަދި ޖިސްމާނީގޮތުން ހޯދިދާނެ އެންމެ ރަނގަޅު އަދި ބައެއް ހާލަތުގައި ހަމައެކަނި ތެރަޕީކަމުގައި ވެގެން ދެއެވެ. ތަފާތު ކަންކަމަށް ގަންނަ ބިރު، ޑިޕްރެޝަން އަދި ހާސްކަމަށް އޮތް އެންމެ ރަނގަޅު ބޭސްފަރުވާއަކީ ލޯތްބެވެ.

ލޯބިވުމުން އަދި ހަރުދަނާ ލޯބީގެ ގުޅުންތައް ކަމުގައިވާ ކައިވެނީގެ ގުޅުންތައް ފަދަ ގުޅުންތަކަކީ ނޭނގި ވާކަންތައްތަކެއް ނޫނެވެ. ލޯތްބަކީ އަހަރަމެން އިޚްތިޔާރު ކުރާއެއްޗެކެވެ. މިފަދަ ގުޅުންތަކުން، އަހަރަމެންގެ ގުޅުންތަށް ރަނގަޅުވެ، އުޅުމަށް ބަދަލުތަކެއް ގެނެސް، ނަތީޖާއެއްގެ ގޮތުން، އަހަރަމެން ދުޅަހެޔޮ ބަޔަކަށްވެ، ދިރިއުޅުން ބާއްޖަވެރިވެ އުފާވެރި ބަޔަކަށް ބަދަލުވެގެންދެއެވެ.

މަޝްހޫރު ސައިކޮލަޖިސްޓެއް ކަމުގައިވާ ރޮބާރޓް ސްޓާންބާގް ބުނާގޮތުގައި، ލޯބި ފާޅު ނުކޮށްފި ނަމަ، އެންމެ ވަރުގަދަ ލޯބިވެސް ނެތިވެ ފަނާވެގެން ހިގައިދާނެއެވެ. މިކަން ހަނދާނުގައި ބާއްވައިގެން، ހިތް ހުޅުވާލައި ލޯބި ފާޅުކުރާށެވެ. ސަބަބަކީ މިއީ ލޯބި ހާޞިލްވާނެ އެންމެ ކާމިޔާބު ގޮތްކަމުގައި ވާތީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ