logoEN
cocacola
އެ އަވަށަށް ދާ ކޮންމެ މީހަކު ނިދޭ އާދަޔާޚިލާފު ގޮތް ނޭނގޭ އަވަށެއް!

އެ އަވަށަށް ދާ ކޮންމެ މީހަކު ނިދޭ އާދަޔާޚިލާފު ގޮތް ނޭނގޭ އަވަށެއް!

ގާފު އެޑިޓޯރިއަލް

logo

12/31/2020, 2:45:51 PM

4

އެ އަވަށަށް ދާ ކޮންމެ މީހަކު ނިދޭ އާދަޔާޚިލާފު ގޮތް ނޭނގޭ އަވަށެއްގެ މައްޗަށް މި ލިޔުމުގައި ބަލާލެވިފައި ވާނެއެވެ.

ގޮސިޔާ

ކަޒަކިސްތާނުގެ އަކްމޯލާ ސަރަޙައްދަށް ނިސްބަތްވާ، ކަލާޗީ އަކީ މާބޮޑަށް ތަރައްޤީ ވެފައި ނުވާ ކުޑަ އަވަށެކެވެ. މިއަވަށުގައި ދިރިއުޅެމުން އަންނަނީ ގާތްގަނޑަކަށް 640 މީހުންގެ އާބާދިއެކެވެ. 2013 ވަނަ އަހަރުގެ މާޗް މަހުން ފެއްޓިގެން އާދަޔާ ޚިލާފު ގޮތް ނޭނގޭ ބަލިމަނޑުކަމެއް މި އަވަށުގައި ފެތުރެން ފެއްޓުނެވެ. މި އަވަށުގައި ދިރިއުޅެމުން އައި ގިނަ އަދަދެއްގެ މީހުން އެއްވެސް ސަބަބެއް ނެތި ދުވަސްތަކަކަށް ނިދެން ފެއްޓިއެވެ.

އެއް ދުވަހެއްގައި މީހަކު އޭނަގެ އަންހެނުން ގޮވައިގެން މި އަވަށް ހުރަސްކޮށް ޖެހިގެން އޮންނަ އަވަށަށް ސައިކަލުގައި ދަތުރު ކުރިއެވެ. ނަމަވެސް މިއަވަށް ހުރަސްކޮށް ޖެހިގެން އޮތް އަވަށަށް މި މީހާއަށް ނުދެވުނެވެ. އެމީހާ ބުނެފައިވާ ގޮތުން، ދަތުރުގެ ވަކި ހިސާބަކުން އޭނަގެ ސިކުނޑި އޮފް ވެއެވެ. ކުރިމަތިވި އެއްވެސް ކަމެއް ހިގި އެއްވެސް ހާދިސާއެއް ހޭވެރިކަން ވީއިރު އޭނަޔަށް ހަނދާން ނުވެއެވެ. 28 އޮގަސްޓުގައި މި މީހާ ފެއްޓި ދަތުރު، ހަތަރު ދުވަސް ފަހުން 02 ސެޕްޓެމްބަރުގައި އޭނަޔަށް ހޭވެރިކަން ވީއިރު އޮތީ ހޮސްޕިޓަލުގެ އެދެއްގައެވެ. މީގެ އިތުރުން އެންމެ އާދަޔާޚިލާފު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، އޭނާގެ މި ދަތުރުގައި ކުރިމަތިވީ އެއްވެސް ކަމެއްގެ ހަނދާނެއް އެއްވެސްވަރަކަށް ނެތުމެވެ. އަންހެނުން ގޮވައިގެން ސައިކަލު ދުއްވާފައި ދަނިކޮށް ކަލާޗީ އަށް ކުރިމަތިވެފައިވާ ބަލިމަނޑުކަން އޭނައަށް ކުރިމަތިވީއެވެ. ދުއްވަމުން ދަނިކޮށް މޫނުމައްޗަށް އަނދިރިވެ ޚަބަރު ހުސްވެ ނިނދުނީއެވެ. މީގެ އިތުރުންވެސް އުމުރުން 46 އަހަރުގެ އަންހެނަކަށް މިފަދައިން 3 ފަހަރަކު މި އަވަށް ހުރަސްކުރަން އުޅުމުގެ ތެރޭގައި މިފަދަ ކަންތައް ކުރިމަތިވެފައި ވެއެވެ. މިގޮތުން މިއަންހެން މީހާ އެންމެ ފަހު ފަހަރު މިގޮތަށް ނިނދުނު ފަހަރު ދުވަސްތަކަކަށް ހޭނާރާ އޮތެވެ. އަދި މީގެ އެންމެ އާދާޔާ ޚިލާފު ކަމަކީ ކުރިމަތިވީ އެއްވެސް ކަމެއްގެ ހަނދާނެއް އެއްވެސް ވަރަކަށް ނެތުމެވެ.

undefined

ކަލާޗީ އަވަށަށް ކުރިމަތިވެފައިވާ ބަލިމަނޑުކަމުގައި، އަވަށުގައި ދިރިއުޅޭ މީހުންނާއި، އަވަށަށް ޒިޔާރަތްކުރާ މީހުން ދުވަސްތަކަކަށް ނިނދެއެވެ. އަދި ބައެއް ރައްޔިތުން ގޮތް ނޭނގޭ ގޮތަކަށް ސިކުނޑީގެ މަސައްކަތް ހުއްޓި ކޯމާއަށް ދެއެވެ. މި ސިއްޙީ މައްސަލަޔަށް ހައްލެއް ނުލިބި ދުވަސްތަކެއް ވެފައިވާއިރު، މިއަވަށުގެ ބައެއް ރަށްވެހިންނަށް އާދަޔާ ޚިލާފު ގަދަ ނިންޖެއް ކުރިމަތިވެ، ދުވަސްތަކަކަށް ނިނދެއެވެ. އަދި ހަމަ ބައެއް ރައްޔިތުންނަށް ބޮލުގައި ރިއްސުން، ބޯއެނބުރުމުގެ މައްސަލައިގެ އިތުރުން ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެފައި ވެއެވެ. މިގޮތުން 3 އަހަރުގެ ތެރޭގައި 140 އަށްވުރެ ގިނަ މީހުންނަށް މިގޮތްނޭނގޭ ސިއްޙީ މައްސަލަ ކުރިމަތިވެފައި ވެއެވެ. ނޫސްތަކުގައި މިބަލިމަނޑުކަމަށް ސްލީޕިންގ ސިކްނެސް ކިޔައި ނަންދީފައި ވެއެވެ. އަދި ހައިރާން ކުރަނިވި ގޮތަކަށް ހަފްތާ ބަންދެއްގައި އެއަވަށުގެ 8 މީހުންނަށް ނިނދުނެވެ. އަދި މިއަށް މީހުންނަށްވެސް ހަމައެކަނި ގަދަކަމުންވެސް ހެލާ ހުރެވެނީ ފާޚާނަކޮށް، ކައި ބޮއި ހަދަން ކުޑަ ވަގުތުކޮޅަކަށެވެ. މިގަދަ ނިނދިން ހޭލެވުނު އިރު، ނިނދުނު ވަގުތުތަކުގައި ހިގި އެއްވެސްކަމެއް، ކެވުނުކަމެއް، ފާޚާނާއަށް ދެވުނުކަމެއް މިފަދަ އެއްވެސްކަމެއް ހަނދާނުގައި ހަރުލާފައި ނެތެވެ.

undefined

މިއަވަށުގައި ދިރިއުޅޭ ބައެއް މީހުންނަށް އެހެން މީހުންނަށް ނުފެންނަ އާދަޔާ ޚިލާފު ތަފާތު މީހުންނާއި ތަކެތި ފެނި މިމީހުންނާއި ތަކެއްޗާއި އެކަނި ހުރެ ވާހަކަ ދައްކަން ފެއްޓިއެވެ. މިފަދަ ސޫރަތަކަކީ ހަމައެކަނި އެފެންނަ މީހުންނަށް އެކަނި ފެންނަ އަދި އިހްސާސްކުރެވޭ ތަކެއްޗެވެ. ރިޕޯޓްތައް ބުނާގޮތުން މިމައްސަލަ ހަމައެކަނި ކުރިމަތިވެފައިވަނީ ހަމައެކަނި އިންސާނުންނަށް އެކަނިއެއް ނޫނެވެ. މިއަވަށުގައި ގެންގުޅުނު ބުޅަލަކަށްވެސް މިމައްސަލަ ކުރިމަތިވެފައި ވެއެވެ. މިގޮތުން މިބުޅާ ގެންގުޅޭ ފަރާތް މައުލޫމާތު ދޭގޮތުން، ކުއްލިޔަކަށް މިބުޅާ ތަފާތު ގޮތަކަށް އެކިތަންތަނަށް ބަލައި، ގިނައިން ގޮވައި ހަދަން ފެއްޓިއެވެ. ދެން އެއަށްފަހު، ގޭގައި ގެންގުޅޭ ހުރިހާ އެއްޗެއް ހަލާކުކޮށް، ގޭގައި ގެންގުޅޭ ކުއްތާ އަދި އެހެނިހެން ޖަނަވާރުތަކަށް ގެއްލުން ދީ، އަދި މިކަން ހުއްޓުވުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށް ގެއްލުންދިނެވެ. އަދި މިއަށްފަހު ބުޅަލަށް ގަދަ ނިންޖަކުން ނިނދުނެވެ. އަދި އެންމެ ހައިރާންވާ ކަމެއްގެ ގޮތުގައި ކުރިމަތިވީ، ބުޅާ ނިނދުމަށްފަހު، އިންސާނެފަދަ އަޑަކުން ގުގުރި ދަމަން ފެށުމެވެ.

undefined

މިއާދަޔާ ޚިލާފު ބަލިމަނޑުކަމާއި ގުޅިގެން މުޅި އަވަށް ހުސްކޮށް، ކައިރީގައި ހުރި އަވަށްތަކަށް ހުރިހާ ރައްޔިތުން ބަދަލުކުރުމަށް އަވަށުގެ އިސް ފަރާތްތަކުން ނިންމިއެވެ. މިގޮތުން 55 އާއިލާއަށްވުރެ ގިނަ އާއިލާ އެހެން އަވަށްތަކަށް ބަދަލުވެފައި ވެއެވެ. ކުއްލިގޮތަކަށް މިއަވަށުގެ ގިނަބަޔަކަށް ކުރިމަތިވި ސިއްހީ މައްސަލަ، ޑޮކްޓަރުންނާއި، ނަރުހުންގެ ޓީމްތަކުން، ދިރާސާކޮށް ބަލަން ފެއްޓިއެވެ. މިގޮތުން ފުރަތަމަ ތިޔަރިއެއްގެ ގޮތުގައި މި ޓީމަށް ހީކުރެވުނީ، މިއަވަށުގެ މީހުން ބޯން ބޭނުންކުރާ ފެނުގެ ސަބަބުން ކުރިމަތިވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ހަމައެކަނި މަންމަގެ ގާތުން ކިރުބޯ ޅަކުދިންނަށްވެސް މިމައްސަލަ ދިމާވެފައިވުމުން، މި ތިޔަރީ ދޫކުރިއެވެ. އަދި މިދިރާސާކުރާ ޓީމުން، ބަލިމަނޑުކަން ކުރިމަތިވެދާނެ ހުރިހާ ވަޞީލަތެއް ދިރާސާކުރަން ފެއްޓިއެވެ. މިގޮތުން، އެއަވަށުގެ ޖައްވުގެ ވަޔާއި، ކާތަކެތި، ބޯން ބޭނުންކުރާ ފެން، މިމައްސަލަ ކުރިމަތިވީ މީހުންގެ އުމުރު، އެމީހުންގެ މުޅި ދުވަހުގެ ތާވަލުތައް އަދި މިފަދަ ބަލި ޖެހިދާނެކަމަށް ލަފާކުރެވޭ ހުރިހާ ދާއިރާއެއް ދިރާސާކުރެވުނެވެ. އަދި ހަމަ މިގޮތުން، މިއަވަށުގައި އެއްވެސް ވަރެއްގެ ރޭޑިއޭޝަނެއް ވޭތޯ އަދި އެސަރަޙައްދުގައި އެކުލެވޭ އެކި އެކި ދިރުންތަކާއި މައިކްރޯ އޯގަނިޒަމްގެ އިތުރުން އެސަރަޙައްދުގައި ބެހެއްޓިފައިވާ ޓެލެފޯން އެންޓެނާ ޓަވަރުތަކުން ކުރިމަތިވާ ކަމެއްތޯވެސް ބަލައި ދިރާސާ ކުރެވުނެވެ. ނަމެސް ދިރާސާކުރެވުނު އެއްވެސް އެއްޗަކާއި ބަލިމަނޑުކަމާއި ގުޅުމެއް ވާކަމަށް ސާބިތުވެފައި ނުވެއެވެ.

އިތުރު ތިޔަރީއެއް ބުނާގޮތުން މިމައްސަލަޔަކީ އެއްބަޔަކަށް ދިމާވިކަންތައް ފެނި އެހެން ފަރާތްތަކުގެ ހިތުގައި ބިރުވެރިކަން އުފެދި، ހިސްޓީރިޔާއަށް ބަދަލުވެ، ކުރީގެ މީހުންނަށް ވިފަދައިން ކަންތައްތައް ކުރިމަތި ވަނީއެވެ. ނޭނގި ނަމަވެސް ހަށިގަނޑުން މިފަދަ ގޮތަކަށް އިޚްތިޔާރުން ބޭރުން ކަންތައްތަކެއް ކުރިމަތިކުރުވައި، އެއްވެސް ގޮތަކަށް ވުޖޫދުގައި ނެތް ބަލިމަނޑުކަމަކަށް ހަށިގަނޑު ރިއެކްޓްކޮށް، އުދަނގޫތަކެއް ކުރިމަތި ވަނީއެވެ.

undefined

މިސިއްޙީ މައްސަލަ ކުރިމަތިވާ ސަބަބެއްގެ ގޮތުގައި ސައިންޓިސްޓުން ޝައްކު ކުރަނީ، މިއަވަށާ 2 މޭލު ދުރުގައި އޮންނަ ޔުރޭނިޔަމް މައިންކޮށް ނަގާތަނުގެ ސަބަބުން ކުރިމަތިވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މި އަވަށުގައި އެއްވެސް ވަރަކަށް ރޭޑިއޭޝަންގެ އަސަރެއް ހުރިތޯ ބަލަން ކުރެވުނު ދިރާސާތަކުން އެފަދަ އެއްވެސް އަސަރެއް ފެނިފައި ނުވެއެވެ.

ކަލާޗީއަށް ކުރިމަތިވެފައިވާ ސިއްޙީ މައްސަލައިގެ ސަބަބު ހޯދުމަށް ދިރާސާކުރާ ފަރާތްތައް އިތުރަށް ޝައުޤުވެރިވެ، ތަފާތު ތިޔަރީތައް މިކަމަށް ހުށަހަޅައި، ކޮންސްޕައިރަސީ ތިޔަރީ ފަދަ ތިޔަރީތަކުގެ އަލީގައި ތަފާތު ގޮތްގޮތަށް މިމައްސަލަޔާއި ގުޅުވައިގެން ތަފާތު ރިޕޯޓްތައް އުފައްދައި ހުށަހެޅުނެވެ. ނަމަވެސް ވިކްޓާ ކްރިޔޯކޮވް، ޔުރޭނިއަމް މައިންތަކުގެ ކުރީގެ ޑިރެކްޓަރ، ތަފާތު ޝައުޤުވެރި ކުރުވަނިވި، ޤަބޫލުކުރެވޭ ތިޔަރީއެއް ހުށަހެޅިއެވެ.

ތަފާތު އެތަކެއް އިންވެސްޓިގޭޝަނަކަށްފަހު އެންމެފަހުން ޤަބޫލުކުރެވޭ ސަބަބެއް ވިކްޓާ ކްރިޔޯކޮވް ދެއްކިއެވެ. ވިކްޓާގެ ތިޔަރީ ބުނާގޮތުން، ނިނދިއަންނަށް މެދުވެރިކުރުވާ ސަބަބަކީ އެއަވަށުގެ ޖައްވުގައި އާދަޔާ ޚިލާފަށް ގިނައިން ކާބަން މޮނޮކްސައިޑް ގިނަވުމެވެ. އޭނާ ޤަބޫލުކުރާގޮތުން މި ކާބަން މޮނޮކްސައިޑަކީ، ޔުރޭނިއަމް މައިންކުރާ މައިންތަކުން ބޭރުވާ އެއްޗެކެވެ. މިގޮތުން ބެލި ބެލުމުން، ނިނދިއައުމުގެ މައްސަލަ ކުރިމަތިވީ ހުރިހާ މީހުންގެ ޙަރަކާތާއި، ކަންކަން ހުރިގޮތަށް ބަލާއިރު، ވިކްޓާގެ ތިޔަރީ އާ ދިމާވެއެވެ. މިއާދަޔާ ޚިލާފު ގޮތް ނޭނގޭ ބަލިމަނޑުކަމަކީ އެ އަވަށުގެ ވަށައިގެންވާ ޖައްވުގައި ބައެއް ހިސާބުތަކުގައި ކާބަން މޮނޮކްސައިޑް ގިނަވުމުން ކުރިމަތިވާ ކަމެކެވެ. ޔުރޭނިޔަމް ނެގުމަށް ބޭނުންކުރި މި މައިންތައް ވަކި ހިސާބުން ދޫކޮށްލެވިފައި ވީނަމަވެސް، މި މައިންތަކުން ބޭރުވާ ކާބަން މޮނޮކްސައިޑްގެ ސަބަބުން، ކަލާޗީގެ ގިނަބަޔަކަށް މިސިއްޙީ ނުރައްކާ ކުރިމަތި ވެގެން ދިޔައިއެވެ. އަވަށުގެ އިސްވެރިންގެ މަސައްކަތުން ޔުރޭނިއަމް މައިންތައް ބަންދުކޮށް، އަވަށުން ހިޖުރަކުރި އެންމެން އަނބުރާ އަވަށަށް އައުމަށް އަންގައި، އަލުން އަވަށް އާބާދުކުރުމުގެ މަސައްކަތް ފެއްޓިއެވެ.

އެންމެފަހުން މުޅި އަވަށުގެ ރަށްޔިތުން އަވަށުގައި ވަޒަންވެރިވެ، އިޚްތިޔާރުން ބޭރުން ނިނދުމުގެ ބިރުވެރިކަމުން އެއްކިބާވެ، އުފާވެރި ދިރުއުޅުމެއް އުޅެން ފެއްޓި އެވެ.

https://youtu.be/jiKP0HioAYs

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ