ޖޫން މަހުން ފެށިގެން ރާއްޖެއަށް ސުޕާރީވެސް އެތެެރެކުރުން މަނާކުރަން ނިންމައިފިއެވެ. އެކަން ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ތަސްދީގުކުރެވުނު އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުންނެވެ.
ރައީސްގެ ގަރާރަކުން ރާއްޖެއަށް އެތެރެކުރުން މަނާވެ، އެއްފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތެއް ވަނީ ހިމަނާފައެވެ.
މިއަދު ގެޒެޓްކުރި ލިސްޓްގައިވާގޮތުން ސުޕާރީއާއިއެކު ޖުމްލަ 12 ބާވަތެއް ޖޫން 2021 އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާވާނެއެވެ. އެތަކެއްޗަކީ:
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)
އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދު ކުރުމަށް ދިވެހި ކުރީގެ ސަރުކާރުތަކުންވެސް ވަނީ އެތަކެއް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ސްކޫލްތަކާއި ސަރުކާރު އޮފީސްތަކުގައިވެސް އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފައެވެ.