logoEN
cocacola
ކެތްތެރިކަމުގެ ހުނަރު – ދަރިއަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ!

ކެތްތެރިކަމުގެ ހުނަރު – ދަރިއަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ!

# ޕްރޮފެސަރ އުގައިލް

6-tricks-to-teach-children-patience-1

އެޑިޓަރުގެ ނޯޓު: މިއީ ޕްރޮފެސަރ އުގައިލްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުން ގާފު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ޕްރޮފެސަރ އުގައިލްގެ ހުއްދައާ އެކުގައެވެ.

ގޮސިޔާ

ކުޑަކުއްޖަކު ބޮޑުވަމުން އަންނަ އިރު އެކުއްޖާގެ މައިންބަފައިންނާއި، ބެލެނިވެރިން އަދި މުދައްރިސުންގެ ފަރާތުން އެކުއްޖާ އަށް ދެވޭނެ އެންމެ އަގުބޮޑު އެއް ހަދިޔާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އާއެކެވެ. ހަރުދަނާ، ގާބިލު އަދި އުފާވެރި ދިރިއުޅުމަކަށް މަގުފަހި ކޮށްދިނުމަށް ދަރިއެއްގެ ގައިގާ ކެތްތެރިކަމުގެ އަގުހުރި ސިފަ އަށަގަތުން ވަރަށްވެސް މުހިއްމެވެ. މިކަމަށް ހެކިދޭ އެތައް ސަތޭކަ ދިރާސާތައް އެބަ ހުއްޓެވެ. މީގެ މިސާލެއް ހުށަހަޅާނަމެވެ.

މީގެ ފަންސާހަކަށް އަހަރު ކުރިން ދިރާސާވެރިން ކޮށްފައިވާ ތަހްލީލެއްގައި ހިމެނުނީ ހަތަރު އަހަރުގެ ކުޑަކުދިންނެވެ. އޭގައި ބައިވެރިވި ކޮންމެ ކުއްޖެއްގެ އަތަށް މެޓައެއް ދެވުނެވެ. އަދި އެމެޓާ އެކުދިންނަށް ވަގުތުން ކެވިދާނެ ކަމުގެ އިޝާރާތްވެސް ކުރެވުނެވެ. އެކަމަކު، މެޓާ ނުކައި ވިހި މިނެޓު ވަންދެން މަޑުކޮށްފިނަމަ އިތުރު މެޓައެއް ލިބުމުގެ ފުރުސަތު އޮތްކަމަށް އެކުދިން ގާތު ބުނެވުނެވެ. ކޮންމެއަކަސް، އެތަނުން ބައެއް ކުދިން ވަގުތުން މެޓާ ކާލިއެވެ. ބާކީތިބި ކުދިން މަޑުކުރީ ވިހިމިނެޓު ފަހުން އިތުރު މެޓައެއް ހޯދުމުގެ އިންތިޒާރުގައެވެ. މިދިރާސާގެ ނަތީޖާތަކުން އާދަޔާ ހިލާފު ކަންތައްތަކެއް ހޯދުނެވެ.

ދިރާސާގައި ބޭނުންކުރެވުނު ހުރިހާ ކުދިންވެސް ބޮޑުވެ ފުރާފުހިހަމަ ވަންދެން އެމީހުންގެ ދިރިއުޅުން ވަރަށް ގާތުން ދިރާސާވެރިން ބަލަމުން ދިޔައެވެ. އެކުދިންގެ ތެރެއިން ވިހިމިނެޓު ވަންދެން ފުރަތަމަ ދެވުނު މެޓާ ނުކައި މަޑުކުރި ކުދިން ކިޔެވުމުގައި ރަނގަޅު ވަނަތައް ހޯދިއެވެ. ތައުލީމީ ހަޔާތް ނިމިގެން ދިރިއުޅުމެއް ފެށިއިރު ރަނގަޅު ދަރަޖައިގެ ވަޒީފާތަކަށް ވެސް ދިޔައެވެ. އެމީހުންގެ ޒަވާޖީ ހަޔާތްވެސް އެހާމެ ބާއްޖަވެރިއެވެ. އަދި، ފުރަތަމަ މެޓާ ވަގުތުން ކާލަން ހިޔާރު ކުރި ކުދިންނާ ހިލާފަށް، ޖުމުލަ ގޮތެއްގައި އެމީހުންގެ ދިރިއުޅުން ހުރިހާ ގޮތަކުން ވެސް ބާއްޖަވެރިއެވެ.

މިދެންނުވުނު ދިރާސާ އެހެނިހެން ތަފާތު ގޮތްގޮތަށް ވެސް ތަކުރާރު ކުރެވިފައި ވެއެވެ. އަދި ނަތީޖާވެސް ހަމަ އެއްގޮތެވެ. އެއީ، ކަންކަމުގައި ކެތްތެރިކަން ކުރިއަށް ނެރެވޭ މީހުންނަކީ ކާމިޔާބު މީހުންނެވެ. ކެތްތެރިކަމަކީ ތުއްތު އިރުން ފެށިގެން ދަރިފުޅު ގައިގާ އަށަގަންނަވަން ޖެހޭ މުހިއްމު ހުނަރެކެވެ. އަދި ބައެއް ކުދިންނަކީ ތަބީއީ ގޮތުން ކެތްތެރިކަމުގެ މިންވަރު ދަށް ކުދިން ކަމުން އެކަމަށް މައިންބަފައިން ހުށިޔާރުވެ، ވަކިން ހާއްސަކޮށް އެފަދަ ކުދިން ގައިގާ މި މުހިއްމު ހުނަރުގެ ވަކި ހިއްޕަން މަސައްކަތް ކުރަން ޖެހޭނެއެވެ.

ކެތްތެރިކަން ކުއްޖެއްގެ ގައިގާ އަށަގަނުވަން އަމަލީ ގޮތުން ކުރެވިދާނެ ކަންތައްތަކެއް ވެސް ވެއެވެ. މިސާލަކަށް، ތުއްތު ކުއްޖަކު ކުޅޭ އެއްޗެއް ނުވަތަ ކާއެއްޗެއް ބޭނުންވެގެން ރޯންފެށުމުން އެއްމިނެޓު ނުވަތަ ދެމިނެޓު ވަންދެން އެއެއްޗަކަށް މަޑުކުރަން ބުނެވިދާނެއެވެ. ކުދިންކުދިން ގުޅިގެން ކުރާ ކަންތަކުގައި، މިސާލަކަށް ކުޅޭ ކުޅިވަރެއްގައި، އެކުއްޖެއްގެ ވަގުތު ޖެހެންދެން މަޑުކުރަން ބާރު އެޅިދާނެއެވެ. މީރު ކާނާއަކަށް ކުއްޖާ އެދޭ ވަގުތު، ފުރަތަމަ މުހިއްމު މަސައްކަތެއް ނުވަތަ ފިލާވަޅެއް ނިންމަން ހުށަހެޅިދާނެއެވެ. ބޭނުންވާ މުހިއްމު އަދި އަގުބޮޑު އެއްޗެއް ގަންނަން އަމިއްލަ އަށް މަޑުމަޑުން ފައިސާ އެއްކުރަން ކުއްޖާއަށް ދަސްކޮށް ދެވިދާނެވެ. ފަރުޟު ފަސްނަމާދު ގަޑިންގަޑިއަށް އަދާ ކުރުމަށް ދަރިފުޅަށް ހަނދާން ކޮށްދީ އެކަމަށް ބާރުއަޅާށެވެ. ހުސްއަތާ، އެއްވެސް ކަމެއް ނުކޮށް އެކަނި ތަނެއްގައި ކޮންމެ ދުވަހަކު ވެސް ވަގުތު ކޮޅެއް ހޭދަ ކޮށްލަން ކުއްޖާއަށް ބާރު އެޅިދާނެއެވެ. މިއީ ކެތްތެރިކަން އިސް ކުރުމަށް ހައްތާވެސް ބޭނުން ކުރެވިދާނެ ކުޅަދާނަ އުކުޅުތަކެވެ.

ކޮންމެއަކަސް، ޒަމާނީ ތަފާތު ވަސީލަތްތަކާއި އަދި ދިރިއުޅުމަށް މިހާރު މިއަންނަމުންދާ ބަދަލުތަކާ އެކު، އަޅުގަނޑުމެން އިންސާނުން މިދަނީ ވަގުތީ އުފާތައް ހޯދުމަށް ދެވޭ ސަމާލުކަން އިތުރު ކުރަމުންނެވެ. އަޅުގަނޑުމެން މިއަދު އަވަސްވެގަންނަނީ ބޮޑެތި ކަންކަމުގެ ހައްލު އިސާހިތަކު ހޯދައިގަތުމަށެވެ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެކަމަކު، މިއީ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ކަމިޔާބުކަމާއެކެ ކުރިއަށް ގެންދިއުމަށް އޮންނަ އެންމެ ސީދާ މަގެއް ނޫނެވެ. މިއީ ސާދާ ދިރިއުޅުމަކަށް މަގުފަހި ކުރުމަށް މިއަދު ބޮޑެތި މީހުންނަށް ވެސް އޮތް ބޮޑު ގޮން ޖެހުމެކެވެ. ނޫން ތޯއެވެ؟ އެހެންކަމުން، ތިމާގެ އަމިއްލަ ދިރިއުޅުމުން ކެތްތެރިކަމުގެ މިސާލު ދައްކަމުން ތުއްތު ކުދިންވެސް އެމަގުން ހިނގުމަށް ވަރަށް ބޮޑަށް ބާރު އަޅަން މިއަދު އެބަ ޖެހެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ