ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރުދީ ފާސްކުރި ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރުދީ މަޖިލީހުން ފާސްކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި އެވެ.

މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމާއެކު، ފުލުހުންގެ ގާނޫނުގެ ދަށުން ގާއިމް ކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލު ވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރެއްވި މި ބިލަކީ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 59 މެމްބަރުންގެ ވޯޓުން ފާސްކުރި ބިލެކެވެ.

މަޖިލީހުން ބިލު ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާއިން ފާސްކޮށްފައިވާ ރިޕޯޓަށް ހުށަހެޅި އިސްލާހުތަކާއިވެސް އެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މިއަދުންފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން މި ޤާނޫނަށް އަމަލު ކުރަން ފަށާނެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު (2008/5) އުވުނީއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް