ކާފަދަރިންތަކަކަށް ޖިންސީ ގޯނާ ކުރި މުސްކުޅިއެއް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކޮށްފައުވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 24 ވަނަ ދުވަހުން ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އަދި މި މައްސަލަ އާ ގުޅިގެން އުމުރުން 66 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރޭގެ ވަގުތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކު ގެސްޓްހައުސް އަކަށް ގެންގޮސް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއްގައިވެސް 40 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވެއެވެ. އެ މައްސަލައާ ގުޅޭ ވީޑިއޯ އެއް މިހާރު މީސްމީޑިއާ ގައި ވެސް ދައުރުވަމުން ދާއިރު، މައްސަލައިގައި ތުހުމަތުވާ ފަރާތާއި ސުވާލު ކުރުމަށް އެތަނުގައި ފުލުހުންގެ ބަޔަކު ވެސް ތިބި މަންޒަރު އެވީޑިއޯއިން ފެނެއެވެ.