ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތާއި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް 2 ބޭފުޅަކަށް ދެއްވައިފިއެވެ. ނިޝާން މުލީގެ އިއްޒަތާއި ނިޝާން ދިޔަމިގިލީގެ ޢިއްޒަތް މިރޭގެ ގައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެރުވިފައިވަނީ، މ.މަހުމާވިލާ އިބްރާހިމް އިސްމާއިލް އާއި، މއ.ވިލުވެލި ބަދުރުއްނަސީރެވެ.
މިދެބޭފުޅުންނަށް މިއިއްޒަތް އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.
އިއްޒަތް އެރުވުނު އިބްރާހީމް އިސްމާޢީލަކީ، ދިވެހި ސަރުކާރަށް 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، ޚާއްޞަކޮށް، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދި ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވައި، ރާއްޖޭގެ ތަޢުލީމު ފުޅާކުރައްވައި، ތަރައްޤީ ކުރެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
މި ދެޢިއްޒަތް ހާސިލު ކުރެއްވި ދެވަނަ ބޭފުޅާ ކަމުގައިވާ، ބަދުރުއްނަސީރަކީ، ބްރޯޑްކާސްޓިން ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާ، އަދި "ދިވެހިރާއްޖޭގެ އަޑު" އުފެދުނު ދުވަސްވަރުން ފެށިގެން އެ އިދާރާގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަންގެ އެންމެ ފުރަތަމަ ރައީސް ވެސް މެއެވެ.
މިރޭގެ މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންނަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 24 ބޭފުޅުންނަށްވެސް ރައީސްވަނީ ތަހުނިޔާ ދަންނަވާފައެވެ.