logoEN
ކޮކާކޯލާ
ސުނާމީ ކާރިސާއަށް 16 އަހަރު: ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ދުވަހެއް!

ސުނާމީ ކާރިސާއަށް 16 އަހަރު: ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ދުވަހެއް!

ގާފު އެޑިޓޯރިއަލް

logo

12/26/2020, 11:18:15 AM

l_1514233650451sr7

ސުނާމީ ކާރިސާއަށް 16 އަހަރު ފުރިގެން ދިޔައީއެވެ. ނަމަވެސް އަދިވެސް އެކާރިސާ ތަޖުރިބާ ކުރި މީހުންގެ ހިތްތަކުގައި އެ ބިރުވެރިކަމާއި ހިތްދަތިކަން ތާޒާކަމާއެކު، ފިލައިގެން ނުގޮސް އެބަހުއްޓެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާ އަކީ މިހާތަނަށް މުޅި ދުނިޔެ ސިއްސުވާލި އެންމެ ބޮޑު ކާރިސާތަކުގެ ތެރެއިން އެއް ކާރިސާ އެވެ.

އަބުޅޯ

ސުނާމީ ކާރިސާ ކުރިމަތިވި ދުވަހަކީ އަޅުގަނޑުމެންގެ ދިވެހިންގެ ލޮލުން ކަރުނަ ފާއްދާލި ބިރުވެރި ހިތާމަވެރި ކަޅު ދުވަހެކެވެ. މިކާރިސާގައި ދިވެހި މައުސޫމު އެތަކެއް ފުރާނައެއް އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި ވެއެވެ. ގިނަ ބަޔަކަށް ތަފާތު ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް ކުރިމަތިވެފައިވެއެވެ. މިކާރިސާގެ ސަބަބުން އެތަކެއް ދިވެހިންގެ ގެދޮރު ސުންނާފަތިވެ، މުދާ ގެއްލި ބިކަހާލުގައި ޖެހިގެން ގޮސްފައިވެއެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަދުވަސް، ދިވެހީން ފެށީ އެހެން ހުރިހާ ދުވަސްތަކެކޭ އެއްފަދައިންނެވެ. ނަމަވެސް މިދުވަސް ބިރުވެރިކަމާއި ހިތްދަތިކަމުން ފުރިގެންވާ ދުވަހަކަށް ބަދަލުވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ސުނާމީ ކާރިސާ އަޅުގަނޑުމެންނާ ކުރިމަތިވީއިރު މިފަދަ ކާރިސާއަކަށް ދިވެހި އެއްވެސް ފަރުދަކު ތައްޔާރުވެފައި ނުވެއެވެ. އެކާރިސާ އަޅުގަނޑުމެންނާ ކުރިމަތިވީއިރު އެފަދަ ކާރިސާއެއް ކުރިމަތިވެދާނެކަމަށް އޭގެކުރިން ހީވެސް ކުރެވިފައި ނުވެއެވެ. "ސުނާމީ" މި ނަން ވެސް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފުވެ، ގިނަ ދިވެހީންނަށް އެނގުނީ އެކާރިސާއަށް ފަހުގައެވެ.

ސުނާމީގެ ބޮޑު ރާޅު އެދުވަހު ރާއްޖެއަށް އެރީ ހެނދުނު 9:30 ހާއިރު އެވެ. އެއީ އެރޭ ދަންވަރު އިންޑޮނޭޝިއާ ސްމާޓްރާ ކައިރިޔަށް އައި 9.1 މެގްނިޓިއުޑްގެ ބިންހެލުމާއި ގުޅިން އުފެދުނު ރާޅު ބާނިއެއް އިންޑިއާ ކަނޑަށް އެރުމުގެ ސަބަބުން ނެވެ. އެބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާ ގެ ގިނަބައެއްގެ ގެދޮރު ހަލާކުވެ، ތަފާތު ގެއްލުންތަކެއް ލިބިފައިވާއިރު، އެބިންހެލުމުގެ ސަބަބުން އުފެދުނު ބޮޑުރާޅު ބާނިއާއެކީ ދުނިޔޭގެ 14 ޤައުމަކުން 230،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ނެތިގެންގޮސްފައިވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ.

މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ގެންލުންބޮޑު ކާރިސާ

ސުނާމީއަކީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެންލުންބޮޑު ކާރިސާއެވެ. ރެކޯރޑް ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާއެކު 108 މީހުން މަރުވިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ރިސޯޓަކުން މަރުވި ދެ ފަތުރުވެރިޔަކުވެސް ހިމެނެއެވެ.

ސުނާމީގައި އެތައް ބައެއްގެ މުދަލާއި ގެދޮރާއި ދިރިއުޅުން ގެއްލިގެން ދިޔައެވެ. މިކާރިސާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީ 10 އަހަރު ފަހަތަށް ސޮއްސާލައިގެން ދިޔައެވެ. މިކާރިސާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު އިންތިހާއަށް ދަށްވެ، ބޮޑު ގެއްލުމެއް ލިބިގެންދިޔައެވެ. ސުނާމީ ކާރިސާގެ ގެއްލުން ސިދާ ގޮތުން ރާއްޖޭގެ އެއްލައްކައެއްހާ މީހުންނަށް ކޮށްފައިވާކަމަށް ރެކޯރޑް ތަކުން ދައްކައެވެ. އެއީ އޭރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައެވެ. ސުނާމީގައި ރާއްޖެއަށް ލިބުނު ގެއްލުމުގެ ޖުމުލަ އަދަދު 460 މިލިއަން ޑޮލަރަށް އަރާނެކަމަށް އޭރުގެ ރެކޯރޑްތަކުން ދައްކައެވެ. އެއީ ގާތްގަޑަކަށް ޖީޑީޕީ 62 އިންސައްތައެވެ.

ސުނަމީގައި 12000 މީހުންގެ ގެދޮރު ގެއްލި 8500 މީހުން ވަގުތީ ހިޔާތަކުގައި އުޅެންޖެހުނެވެ. މިކާރިސާއާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށަކުން ކަރަންޓްގެ ޚިދުމަތާއި މުއާސަލާތީ ޚިދުމަތް މެދުކެނޑިގެން ދިޔައެވެ. މުއާސަލާތީ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އެއްރަށެއްގެ ޙާލަތު އަނެއް އަނެއް ރަށަށް އެނގޭނެ ގޮތެއް ނެތި ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. ބައެއް ހިސާބުތަކުން ހާލުގައި ޖެހުނު މީހުން ކައިރީގައި މީހުން ދިރިއުޅޭ ބައެއް ރަށަށް އެހީތެރިކަން ހޯދުމަށް ދިޔުމުން އެރަށުގެ ހާލަތު އެއަށްވުރެ ގޯސްކަން އެނގިގެން ދިޔައެވެ. މުއާސަލާތީ ޚިދުމަތް މެދުކެނޑިފައިވުމުން، ހާލުގައި ޖެހުނު މީހުންގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށްވެސް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނެވެ.

ސުނާމީގައި ކާރިސާގައި ރާއްޖޭގެ ދެރަށެއް މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައެވެ. އެއީ ރ. އަތޮޅު ކަނދޮޅުދޫއާއި ތ. އަތޮޅު ވިލުފުށްޓެވެ. ވިލުފުށީގައި އަލުން އަލުން މީހުން އާބާދުކޮށްފައިވަނީ ސުނާމީގެ ޚާއްސަ ޕްރޮޖެކްޓެއްގެ ދަށުން އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ސޭފް އައިލެންޑެއްގެ ގޮތުގައެވެ. ވިލުފުށި އަލުން އާބާދުވުމާ ހަމައަށް ގިނަ މީހުން އުޅުނީ ބުރުނީގައި ހެދި ވަގުތީ ހިޔާތަކުގައެވެ. ބައެއް މީހުން މާލެއަށްވެސް ބަދަލު ވިއެވެ. އަދި ކައިރި އެހެން ރަށްރަށުގައިވެސް އުޅުނެވެ. ކަނދޮޅުދޫ މީހުން އަލުން އާބާދުކޮށްފައިވަނީ އެއަތޮޅު ދުވާފަރުގައެވެ.

ސުނާމީގައި އެންމެ ގިނަބަޔަކު މަރުވެ އެންމެ ބޮޑު ގެއްލުމެއް ލިބުނު ރަށްތަކުގެ ތެރޭގައި ތ. އަތޮޅު ވިލުފުށި ހިމެނެއެވެ. ގެއްލުނު މީހުންނާއެކު ވިލުފުށިން 19 މީހުން މަރުވި ކަމަށް އޭރުގެ ރެކޯރޑު ތަކުން ދައްކައެވެ. ސުނާމީ ކާރިސާއަށް 16 އަހަރުފުރި، ސުނާމީގައި ވިލުފުށްޓަށް ލިބުނު ގެއްލުމުން އަރައިގަނެ ރަށް އާބާދުވެފައި ވީނަމަވެސް، އެޙާދިސާ ތަޖްރިބާކޮށްފައިވާ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އިހަށް ދުވަހު ކުރިމަތިވީ ކަމެއްހެން ތާޒާކަމާއެކު އެބަހުއްޓެވެ.

ވިލުފށީ މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިލުފުށްޓަށް ސުނާމީ ގައި ތިން ރާޅެއް އެރިއެވެ. އެންމެ ފުރަތަމަ ރަށަށް އެރީ ވަރަށް ކުޑަ ރާޅެކެވެ. އޭގެފަހުން ދެން އަރާފައިވަނީ، އުސް ބިޔަ ރާޅެވެ. މަންޒަރު ފެނުނ ބައެއް މީހުން ކިޔައިދީފައިވާ ގޮތުގައި، އެރާޅު ރަށުގެ ރުއްތަކަށްވުރެ މައްޗަށް އެރިވެ. ސުނާމީ ތަޖުރިބާކުރި ބައެއް މީހުން ބުނާ ގޮތުން ބިޔަރާޅުގެ އުސްމިނުގައި ހަތްމީޓަރު ވަރު ހުއްޓެވެ. ވިލިފުށީމީހުން ބުނާގޮތުން އެރަށަށް ހަތަރު ފަރާތުން ސުނާމީގެ ރާޅު އަރާފައިވެއެވެ. މިގޮތުން ސުނާމީގެ އެންމެ ބޮޑުރާޅު އަރާފައިވަނީ ވިލުފުށީ އިރުމަތީ ފަރާތުންނެވެ. އެރާޅު އެރިގޮތަށް ރަށުގެ އަނެއްފަރާތުން ފައިބައިގެން ދިޔައެވެ. ތިންވަނަ ރާޅު އަރާފައި ވަނީ ހުޅަނގުފާރަތުންނެވެ. އެރާޅާއެކު ބަދަރުގައި ހުރި ބައެއް އޮޑިދޯނި ފަހަރުވެސް އެއްގަމަށް އަރައިގެން ދިޔައެވެ. މަންޒރު ދުށް މީހުން ބުނާގޮތުން، ސުނާމީގެ ރާޅު އަރައި ފައިބައިގެން ދިޔައިރު ރަށުގެ ބޯޅަދަނޑުގައި ބޮޑެތިމަސްތައް ތެޅިތެޅިތިއްބެވެ. ގެދޮރުގައި ބޭނުންކުރާ ހިފާގެންގުޅޭ ސާމާނާއި، މަސްކައްކަން ގެންގުޅޭ ބޮޑެތި ތެލި، ތާސް ފަދަ ތަކެތި ފުނޑުފުނޑު ވެފައި ހުއްޓެވެ. ގޭގޭގައި ބޯފެން ރައްކާކުރުމަށް ބޭނުންކުރި ބޮޑެތި ކަޅުހަންފަދަ ތަކެތި ރަށުގެ އެކި ހިސާބުތަކަށާއި، ބޯޅަދަނޑަށް ޖަމާވެފައި ހުއްޓެވެ.

މި ގެއްލުން ދެނިވި ކާރިސާއަށް ފަހު، ދިވެހީންގެ އެއްބައިވަންތަކަމާއި، އަޚްވަންތަކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކައި، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު އާއިލާތަކަށް، އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ. ދެހާސްހަތަރުވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ޑިސެމްބަރ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ފަހުގެ ތާރީޚުގައި ދިވެހިންގެ އެއްބައިވަންތަކަން އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިދީފައި ވަނީ ސުނާމީ ކާރިސާ އަށް ފަހު އެވެ. މިކާރިސާ ވެގެން ގޮސްފައިވަނީ ދިވެހިންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކު ނަފްސާނީ ބިރުވެރިކަމަށް ވެއްޓިގެން ގޮސްފައިވާ ބޮޑު ކާރިސާއަކަށެވެ. ރަށަށް ކިތަންމެ ކުޑަކޮށް ރާޅުގެ އަސަރު ކުރިކަމުގައިވީނަމަވެސް، ބޮޑު ބިރުވެރިކަމަކާއި، ހިތްދަތިކަމެއް މިކާރިސާގެ ސަބަބުން ދިވެހިންނަށް ކުރިމަތިވިއެވެ. ސުނާމީ ކާރިސާއަށް 16 އަހަރު ފުރިގެންދިޔަ ނަމަވެސް، މިދުވަހަކީ ދިވެހީންގެ ހިތްތަކުން ފިލައިގެން ނުދާނެ ދުވަހެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ