އިންސްޓެން ނޫޑުލްސް ނުވަތަ ވަގުތުން ތައްޔާރުކޮށްލެވޭ ކަޕް ނޫޑުލްސް ފަދަ ތަކެއްޗަކީ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު ކެއުމުގެ ބާވަތެކެވެ. ހޫނުފެން ފޮދެއް ހޫނުކޮށްލުމަށްފަހު، އަޅާލައިގެން އެންމެ 5 މިނެޓްގެ ތެރޭގައި ތައްޔާރުކޮށްލެވޭ އިންސްޓެންޓް ނޫޑުލްސް އަކީ ބޮޑެތި ކެއްކުންތައް ކައްކާ ހިތް ނުވާ އަދި ބިޒީކޮށް އުޅޭ މީހުންނަށް އެންމެ ރަނގަޅު ޗޮއިސް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. މިފަދަ ކާތަކެތިން އެއްވެސް ގެއްލުމެއް ލިބިދާނެކަމަކަމަށް ފަހަރެއްގައި ކުރިން ވިސްނިފައި ނެތުން އެކަށީގެންވެއެވެ. ނަމަވެސް ނޫޑުލްސް ފަދަ ކާތަކެތި ގިނައިން ކެއުމުގެ ސަބަބުން ސިއްޙީ ނުރައްކާތައް ކުރިމަތިވެއެވެ. މިގޮތުން، އިންސްޓެންޓް ނޫޑުލްސް ކެއުމުން ހަށިގަނޑަށް ކުރިމަތިވާ ތަފާތު ކަންތައްތަކާއި، އޭގެ ނުރައްކާތެރިކަން މިލޔުމުގައި ހިމަނާލަމެވެ.
ދުވަލަކު ހަށިގަނޑަށް ލޮނު ބޭނުންވާ މިންވަރަށްވުރެ އިތުރަށް ލޮނު ފޯރުކޮށްދޭ
އިންސްޓެންޓް ނޫޑުލްސްއަކީ އާދަޔާ ޚިލާފަށް ގިނައިން ލޮނު އަދި ކާބޯހައިޑްރޭޓް އެކުލެވޭ ކާނާގެ ބާވަތެކެވެ. މިމާއްދާތަކަކީ އެހާ ގިނަ މިންވަރަށް ހަށިގަނޑަށް ބޭނުން ނުވާ މާއްދާތަކެކެވެ. މިގޮތުން މުޅި ދުވަހަށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ލޮނު ފަދަ ތަކެތި އެންމެ ކެއުމަކުން ލިބުމުން، އެހެނިހެން ގަނޑިތަކުގައި ބޭނުންކުރާ ލޮނުން ހަށިގަނޑަށް އެވެސް ފައިދާއެއް ނުކުރެއެވެ. މީގެ އިތުރުން، އިންސްޓެންޓް ނޫޑުލްސްގައި، އެއްވެސް މިންވަރަކަށް ވިޓަމިން، ފައިބަރ އަދި މިނެރަލްސް ފަދަ އެއްވެސް ނިއުޓްރިޝަނަލް ވެލިއުއެއް އެކުލެވިފައި ނުވެއެވެ.
ހަށީގަނޑުގައި ފެން ހިފަހައްޓާ މިންވަރު އިތުރުކޮށްދޭ:
އިންސްޓެންޓް ނޫޑުލްސް ކެއުމުގެ ސަބަބުން، ހަށިގަނޑުގައި ފެން އިތުރުކޮށް، މީހާ ބުރަހެލި ކުރުވައެވެ. މިއީ ނޫޑުލްސް ކެއުމުގެ ސަބަބުން، ހަށިގަނޑުގައި ގިނައިން ފެން ހިފެހެއްޓުމުގެ ސަބަބުން ވާގޮތެކެވެ. ހަށިގަނޑުގައި، ފެން ގިނަވުމުން، ހަށިގަނޑުގެ ބަރުދަން އިތުރުވެއެވެ.
ހަޖަމް ކުރުމަށް ގިނަވަގުތު ނަގާ
އިންސްޓެންޓް ނޫޑުލްސް، ކެއުމުން ގޮހޮރުގެގެ ތެރޭގައި ގިނަ ވަގުތު ހަޖަމްނުވެ، ހުރެއެވެ. މާހިރުން ހާމަކުރާ ގޮތުގައި އާދައިގެ ނޫޑްލްސަށް ވުރެވެސް ގިނަވަގުތު ހަޖަމްކުރުމަށް އިންސްޓެންޓް ނޫޑްލްސް ނަގައެވެ. އާދައިގެ ނޫޑްލްސް ކެއުމުގެ ދެގަޑިއިރު ތެރޭގައި ހަޖަމްކުރުމުގެ މަސައްކަތް ހަށިގަނޑުން ފަށައެވެ. ނަމަވެސް އިންސްޓެންޓް ނޫޑުލްސް އަކީ ވަކި ގޮތަކަށް ތައްޔާރުކޮށް ޕެކް ކުރެވިފައިވާ އެއްޗަކަށްވުމުން، މިތަކެތި ގޮހޮރުގައި ހަޖަމް ނުވެ ގިނަ އިރުތަކެއް ވަންދެން ހުރެއެވެ. މިއީ ސިއްހަތަށް ރަނގަޅު ކަމަކަށް ނުވުމުގެ އިތުރުން، ހަޖަމްކުރުމުގެ ނިޒާމް ލަސްކޮށް ތަފާތު ސިއްޙީ މައްސަލަތައް ކުރިމަތި ކުރުވައެވެ.
ތަފާތު ބަލިތައް ކުރިމަތިވުމުގެ ނުރައްކާ އިތުރުކޮށްދޭ.
އިންސްޓެންޓް ނޫޑްލްސް ކެއުމުގެ ސަބަބުން އާ ސިއްޙީ މައްސަލަތައް ކުރިމަތި ކުރުވައެވެ. ދިރާސާތަކުން ދައްކާ ގޮތުން، ހަފްތާއަކު ދެފަހަރު އިންސްޓެންޓް ނޫޑުލްސް ކެއުމަށް ބޭނުންކުރާ އަންހެނުންނަށް ތަފާތު ސިއްހީ މައްސަލަތައް އިތުރުވުމުގެ ފުރުޞަތު ބޮޑެވެ. އިންސްޓެންޓް ނޫޑްލްސް ކެއުމުން ދިމާވާ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ޑައިބެޓިކް އަދި ހިތުގެ މައްސަލަތައް ހިމެނެއެވެ. އިންސްޓެންޓް ނޫޑްލްސްގައި އެކުލެވޭ އެމްއެސްޖީ ކިޔާ މާއްދާއެއްގެ ސަބަބުން، ބޮލުގައި ރިހުން އަދި މޭނުބައިކޮށް ހޮނޑުލުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
ލޯ ފުސްވުމުގެ މައްސަލަ
އިންސްޓެންޓް ނޫޑްލްސް ފަދަ ކާތަކެއްޗަކީ ގިނަ ދުވަހަށް ހުންނަ ގޮތަށް ތަފާތު މާއްދާތައް އެއްކޮށްގެން ތައްޔާރު ކުރެވޭ ތަކެއްޗެވެ. ގިނަ ދުވަހަށް ހަލާކުވެ ހުންނާނެހެން ބެހެއްޓުމަށް ބޭނުންކޮށްފައި ހުންނަ މާއްދާތަކަކީ އިންސާނުންނަށް ރައްކާތެރި ތަކެއްޗެއް ނޫނެވެ. އިންސްޓެންޓް ނޫޑްލްސްގައި އެކުލެވޭ މިފަދަ މާއްދާއެއްގެ ސަބަބުން، ލޯ ފުސްވެ، ފެނުމަށް ބަދަލުތަކެއް ގެނުވައެވެ. މާގިނައިން ނޫޑްލްސް ކެއުމަށް ބޭނުންކުރުމުން މިފަދަ ސިއްހީ މައްސަލަތައް ކުރިމަތިކުރުވައެވެ.
ސޫޕް ޕެކެޓް އެއްލާލުމަށްފަހު ބޭނުންކުރުން
އިންސްޓެންޓް ނޫޑްލްސް ބޭނުންކުރާނަމަ، ސޫޕް ޕެކެޓް ބޭނުންނުކޮށް، އެއްލާލައި، ތަރުކާރީ ފަދަ ސިއްހަތަށް ފައިދާހުރި އެއްޗެއް ނޫޑްލްސް ތައްޔާރުކުރުމަށް ބޭނުންކުރުން ބުއްދިވެރިއެވެ. މީގެ ސަބަބުން އިންސްޓެންޓް ނޫޑްލްސްގައި އެކުލެވޭ ސޯޑިއަމް، ފައިބަރ އަދި ޕްރޮޓީންގެ މިންވަރު ކޮންޓްރޯލް ކުރެވިގެން ދާނެއެވެ. އެމްއެސްޖީ ފަދަ މާއްދާތައް އެކުލެވެނީ ސޫޕް ޕެކެޓްގައެވެ.
އިންސްޓެންޓް ނޫޑްލްސްއަށް ވުރެ، ސިއްހަތަށް ފައިދާހުރި ކާއެއްޗެއް އިޚްތިޔާރުކުރުން
އިންސްޓެންޓް ނޫޑްލްސް މަދުން ކެއުމަކުން މާބޮޑު މައްސަލައެއް ނެތެވެ. ނަމަވެސް ދާއިމީކޮށް ކޮންމެ ދުވަހަކު ކެއުމަށް ބޭނުންކުރުމުން، ހަށިގަނޑު ބޭނުންވާ ނިއުޓްރިޝަން ނުލިބުމުގެ އިތުރުން ތަފާތު ސިއްޙީ މައްސަލަތައް ކުރިމަތި ވެއެވެ. އިންސްޓެންޓް ނޫޑްލްސް ފަދަ ކާތަކެތި ވީހާވެސް މަދުކޮށް، ފައިދާހުރި ރަނގަޅު ކާނާ ކޮންމެ ދުވަހަކު ބޭނުންކުރުން ބުއްދިވެރިއެވެ.
އިންސްޓެންޓް ނޫޑްލްސް ފަދަ ކާތަކެއްޗަކީ، މީރު، ފަސޭހައިން ތައްޔާރުކޮށްލެވޭ ތަކެއްޗަށް ވީނަމަވެސް، މިއީ ސިއްޙަތަށް ރަނގަޅު އެއްޗެއް ނޫންކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.
One Response
އެއްކަލަ އެމްއެސްޖީ އާހެދި އުޅޭ ގްރޫޕް ލިޔެފައިވާ އާޓިކަލްއެއްހެން ހީވަނީ. މޮނޮ ސޯޑިއަމް ގުލުޓަމޭޓް (އަޖިނޮމޮޓޯ) އަކީ އެއްވެސް ހާލެއްގައި ސިއްހަތަށް ގެއްލުންދޭ އެއްޗެއް ނޫން. ސޯޑިއަމް ކްލޮރައިޑް (އާދައިގެ ލޮނު) އަށް ވުރެ މާރަނގަޅު ލޮނަކަށް އެމްއެސްޖީ މިވަނީ. އިންސްޓެންޓް ނޫޑުލްސް ބޭނުން ނުކުރާށޭ ބުނުމުގެ ކުރިން ރާއްޖޭގެ މީހުން ހުދުބަތާއި ގަރުދިޔަ ބޭނުންކުރުން ހުއްޓާލާށޭ ބުނެބަލަ. ދެން ކައިނިމިގެން ނުދުފާށޭ ބުނެބަލަ. ސިނގިރޭޓްގެ ނުރައްކާގެ ވާހަކަ ދައްކަބަލަ.