ކިމް ކާޑަޝިއަން، އަނާ ވިންޓުއަރ އަދި އޮޕްރާ ވިންފްރޭ ފަދަ މަޝްހޫރު ބޭފުޅުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަދި އާދަކާދަތަކުގެ ތެރެއިން ހުރިހާ ބޭފުޅުންނަށް ޚާއްސަވާ އެއްކަމަކީ ރޭގަނޑު 10 ގައި ނިދުމެވެ. ލަފާކުރެވޭގޮތުން މިފަދަ މަޝްހުރު ބޭފުޅުން އެހާ އަވަހަށް ނިދުމުގައި ކޮންމެވެސް މުހިންމު ހަށިގަނޑާއި ސިކުނޑިއަށް ރަނގަޅު ކަންތައްތަކެއް އެކުލެވިގެން ވާނެއެވެ. މިއީ އަހަރެމެން އެހާ ހައިރާންވީ ކަމެއް ނޫނެވެ. މަޝްހޫރު ގިނަ އަންހެން ބޭފުޅުންނަށް ބަލާއިރު، ގިނަ ބޭފުޅުންނަކީ ދުވާލުގެ މަސައްކަތް އަވަހަށް ނިންމައި، އަނެއްދުވަހުގެ ތައްޔާރީތަށް ކޮށް އަވަހަށް ނިދާ ބޭފުޅުންނެވެ. މިލިޔުމުގައި، އަވަހަށް ނިދައި އަވަހަށް ހޭލުމުގެ މުހިންމުކަމާއި، އަވަހަށް ނިދުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ހިމަނާލަމެވެ.
ނިދި އޭގެ އެންމެ ފުރިހަމަޔަށް ލިބުން
އަހަރަމެންގެ ނިދި ބެހިގެންވަނީ 90 މިނެޓުގެ ގަދަ ނިދި އަދި މަޑު ނިދި އެކުލެވޭ ބުރުތަކަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގަދަ ނިދި އަދި އަރާމު ނިދި އަންނަ ވަގުތަކީ ރޭގަނޑު 10 ން ދަންވަރު 02 އާ ދެމެދެވެ. އެހެން ކަމުން ރަނގަޅަށް އަރާމު ކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރޭގަނޑު ނިދުމަކީ މުހިންމު ކަމެކެވެ. މިގޮތުން ދިރާސާއަކުން ދައްކާގޮތުގައި އަވަހަށް ރޭގަނޑު ނިދައި، ގިނަ ވަގުތު ރޭގަނޑު ނިދުމުގައި ހޭދަކުރުމުން، ސިކުނޑިއަށް ބާރު ބޮޑު ކުރާ ތަފާތު ވިސްނުންތަކުން ސަލާމަތްވެވި، ކަންކަމާއި ދޭތެރޭ ގޯސްކޮށް ނުވަތަ ނެގެޓިވް ގޮތްގޮތައް ވިސްނާ ވިސްނުން ބަދަލުވެގެން ދެއެވެ.
އަހަރަމެންގެ ހަށިގަނޑަށް ދުޅަހެޔޮކަން އާދޭ
ނިދުމުގައި ގަދަ ނިދި އެކުލެވޭ ބުރުގެ ވަގުތުތަކުގައި ނިދުމުން، ލިބޭ ކުދިކުދި އަނިޔާތަކަށް، އަހަރަމެން ހަށިގަނޑު އޭގެ ޒާތުގައި އަމިއްލަޔަށް ރިޕެއަރ ހޯމޯންތަކެއް އުފައްދައި ފަރުވާ ހޯދައެވެ. ނަމަވެސް މި މަސައްކަތް ހަށިގަނޑުގައި ކުރިޔަށްދަނީ އަހަރަމެން ގަދަ ނިދީގައި އޮންނަ ވަގުތުގައެވެ. މިގޮތުން ރޭގަނޑުގެ ނިދި ރަނގަޅަށް ލިބުމުން، ހަށިގަނޑު އަމިއްލަޔަށް ފަރުވާ ހޯދައި، ޖެހިގެން އަންނަ ދުވަހަށް އަހަރަމެންގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ޚާއްސަކޮށް، ދުވުންތެރިންނާއި، ތަފާތު އެކްސަސައިޒް ކުރާ ބޭފުޅުންނަށް މިކަންތައް ވަރަށް ރަނގަޅަށް ފާހަގަކުރެވިގެން ދާނެއެވެ.
ސްޓްރެސް ލެވެލް ދަށްކޮށްދޭ
ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ސްޓްރެސް ހޯމޯނުގެ (ކޯޓިސޯލް) ސަބަބުން މީހާގެ ހާސްކަން އިތުރުކުރުވައެވެ. ހަށިގަނޑުގައި ކޯޓިސޯލް އިތުރުވާ މިނަވަރަކަސް ކަންކަމާމެދު ފިކުރު ބޮޑުވާ މިންވަރު އިތުރުކޮށް، އިންސާނާގެ ސިއްޙަތައް އޭގެ ސަބަބުން ނޭދެވޭ އަސަރު ފޯރުވައެވެ. ނަމަވެސް އަވަހަށް ނިދައި، ގިނަ ވަގުތު ރޭގަނޑުގައި ނިދުމަށް ހޭދަކުރުމުން، ހަށިގަނޑުގައި ކޯޓިސޯލް ލެވެލް ކޮންޓްރޯލް ވެގެން ދެއެވެ. މިގޮތުން އަހަރަމެންގެ ސްޓްރެސް ލެވެލް ދަށްވެގެން ދިޔުމުން، ދުވާލުގެ ވަގުތުތަކުގައި، މަސައްކަތާއި އެހެނިހެން ކަންކަމަށް ފުރިހަމަޔަށް ސިކުނޑި އަދި ހަށިގަނޑު ތައްޔާރުވެފައި ހުރި ކަމުގެ އިހްސާސް ކުރެވިގެން ދާނެއެވެ. އެހެންކަމުން، ދިރިއުޅުމުގައި ދިމާވާ އެންމެހާ ހާސްތަކުން ސަލާމަތްވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑުގެ ނިދި މުހިންމު ރޯލެއް އަދާކުރެއެވެ.
ހަށިގަނޑަށް ދިމާވާ ސިއްޙީ މައްސަލަތަކާއި، ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަވޭ
ތަފާތު ދިރާސާތަކުން ދައްކާ ގޮތުގައި، ޝިފްޓް ޑިއުޑީ ނަގާ ފަރާތްތަކާއި، އަދި ރޭގަނޑު ނުނިދާ ހޭލާ އުޅެންޖެހޭ ވަޒީފާތަކުގައި އުޅެންޖެހޭ މީހުންނާއި އަޅާބަލާއިރު، އަވަހަށް ނިދާ މީހުންގެ ސިއްޙީ ހާލަތު ވަރަށް ބޮޑުތަން ރަނގަޅެވެ. ރޭގަނޑު ރަނގަޅަށް ނިދި ނުލިބޭ މީހުން ނުވަތަ ނުނިދާ އުލޭ މީހުންނަށް ތަފާތު ސިއްހީ ނުރައްކާތަށް ކުރިމަތިވުމުނެ ފުރުޞަތު ބޮޑެވެ. މިގޮތުން، ރޭގަނޑުގެ ނިދި ރަނގަޅަށް ނުލިބޭ މީހުންނަށް ޓައިޕް 2 ޑައިބެޓިކް، ހިތުގެ މައްސަލަތައް އަދި ހައިޕަޓެންޝަން ފަދަ ސިއްހީ ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ފުރުޞަތުތައް ބޮޑުވެގެން ދެއެވެ. ދިރާސާކުރާ ފަރާތްތައް ހާމަކޮށްފައިވާ ގޮތުގައި އިންސާނުންނަށް ގަދަ ނިދީގެ ބުރު އަންނަނީ ރޭގަނޑު 10 ން ދަންވަރު 2 ދެމެދުގައެވެ. އިންސާނުންގެ ހަށިގަނޑުގައި އެކުލެވޭ ދިފާޢީ ސެލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކޮށް، ހަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ރޭގަނޑުގެ ގަދަ ނިދި ކޮންމެ އިންސާނަކަށްވެސް ބޭނުންވެއެވެ. ރޭގަނޑުގެ އަރާމު ގަދަ ނިދި ނުލިބޭ މީހުންގެ ދިފާޢީ ނިޒާމް އެހެން މީހުންނަށްވުރެ ދަށްވުމުގެ އިތުރުން، ތަފާތު ބަލިތަކަށް މީހާ ހުށަހެޅިގެން ދެއެވެ.
ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ
ދިރާސާތަކުން އެނގި ހާމަވެފައިވާ ގޮތުގައި ރޭގަނޑުގެ ނިދި ފުރިހަމަޔަށް ލިބޭ މީހުން، ދިރިއުޅުމުގައި އުފާވެރިއެވެ. އަހަރަމެންނަށް ރޭގަނޑުގެ ނިދި ހަމަޔަށް ނުލިބުމުން ޖަޒުބާތުތައް އަހަރަމެންގެ ކޮންޓްރޯލުން ނެއްޓި، ޖަޒުބާތުތައް ހިފަހައްޓަން އުދަނގޫވެގެން ދެއެވެ. އަވަހަށް ނިދުމުން، ހެނދުނު ހެނދުނާ ހޭލުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ހެނދުނުގެ އިރުގެ އަލިކަން ދެކި އަދި މޫޑް ރަނގަޅުކޮށް މޫޑް ބޫސްޓް ކޮށްދޭ ސެރޯޓޯނިން ހަށިގަނޑުގައި ގިނަކުރުމަށް ބޭނުންނަމަ، އަވަހަށް ނިދައި އަވަހަށް ހޭލުން މުހިންމެވެ.
އެހެން މީހުންގެ އިޙްސާސްތައް ފަސޭހައިން ދަނެގަނެވޭ
ދިރާސާއަކުން ދައްކާ ގޮތުގައި، ރޭގަނޑުގެ ނިދި ގެއްލުމުގެ ސަބަބުން ނުވަތަ ރޭގަނޑުގެ ނިދި ހަމަޔަށް ނުލިބުމުގެ ސަބަބުން، އުފާ އަދި ދެރަވުމުގެ އިހްސާސްތައް އެހެން މީހުންގެ މޫނުމަތިން ދެނެގަންނަން ނޭނގެއެވެ. މިދިރާސާއިން އިތުރަށް ހާމަވެގެން ގޮސްފައިވާ ގޮތުގައި، މީހަކު ދޮގު ހެދުމުންވެސް މޫނުގެ ހަރަކާތްތަކުން ރަނގަޅަށް ނިދި ނުލިބޭ މީހުންނަށް ނޭނގެއެވެ. ނަމަވެސް ބައެއްކަހަލަ އިހްސާސްތައް ކަމުގައިވާ، ރުޅި، ބިރުވެރިކަން ފަދަ އިހްސާސްތަކަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން ދަނެގަނެވޭނެ އިހްސާސްތަކެވެ. އަދި މި އިހްސާސްތަކަކީ އިންސާނާ ސަލާމަތުން ދިރިއުޅުމަށް ބޭނުންވާ އަސާސީ އިހްސާސްތަކެވެ.
ދުޅަހެޔު މީހަކަށް ވުމަށް، ރޭގަނޑުގެ ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. އަވަހަށް ނިދައި އަވަހަށް ފަތިހު ފަތިސް ނަމާދަށް ހޭލުމަކީ ދުޅަހެޔުކޮށް ހުރުމަށް ހަށިގަނޑަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއެވެ. ރޭގަނޑަކީ އިންސާނުން އަރާމުކުރުމަށް ﷲ ތަޢާލާ ލައްވާފައިވާ ވަގުތަކަށް ވުމުން ރޭގަނޑުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، ރޭ އަޅުކަމަށް ވަގުތު ހޯދައި، ފަތިހު ފަތިހާ ހޭލައި ފަތިސް ނަމާދުގެ ދަރުމަޔާ ސަވާބު ހޯދުމަށް އަވަސްވެގަންނާށެވެ. ބޭކާރު ކަންކަމަށް ރޭގަނޑުގެ ނިދި ނަގައި، ރޭގަނޑުގެ ވަގުތުތައް ބޭކާރު ނުކުރާށެވެ.