ފެނަކަ ކޮނޑޭ ކަނބަލުންގެ ވޮލީބޯޯޅަ މުބާރާތް 2020 ގެ ޗެމްޕިއަންކަން ވާދަވެރި ފައިނަލަކަށް ފަހު އިންފިނިޓީ ޓީމުން ހޯދައިފި އެވެ.
ކޮނޑޭ ފެނަކަ ވޮލީކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އިންފިނިޓީ އިން މުބާރާތުގެ ޗެމްޕިއަންކަން ނެގީފޯރިގަދަ ކުޅުމަކަށް ފަހު ޓީމު ވެޓަރެންސްގެ މައްޗަށް 3-2 ސެޓުން މޮޅުވެގެންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވާދަވެރި މޮޅު ކުޅުމެކެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއްޔާގެ މަޤާމާއި އެންމެ މޮޅު ކޯޗުގެ މަޤާމުގެ އިތުރުން އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމުވެސް ލިބިފައިވަނީ ޓީމް އިންފިނިޓީއަށެވެ. އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ އެޓީމުގެ އައިމިނަތް ނިހާ ހަސަން އަށް ލިބުނު އިރު އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ މައިރަމް ކައުސަރް އެވެ. އަދި އެންމެ މޮޅު ކޯޗުކަށް ހޮވިފައިވަނީ އެޓީމުގެ ކޯޗު ޖިހާދް ރާމިޒް އަށެވ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން
- ފާތިމަތު ނާދިޔާ ( ވެޓަރެންސް )
- މަރިޔަމް އަލީ ( ވެޓަރެންސް )
- ޝަހުނީޒާ އިބްރާހިމް ދީދީ ( ވެޓަރެންސް )
- އައިޝަތް ޖަމްޝީދާ ރާމިޒް ( އިންފިނިޓީ )
- ފާތިމަތު ޖަމްޝާދާ ރާމިޒް ( އިންފިނިޓީ )
- ފާތިމަތު ސަލްމާ ( ހިޔަލަ )

ފައިނަލް މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް އިންފިނިޓީގެ އައިމިނަތް ނިހާ ހަސަން އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 3000 ރުފިޔާގެ އިތުރުން ޗެމްޕިއަން ޓީމަށް މިލްކުވާ ތަށި ހަވާލުކޮށްފައެވެ. އަދި މުބާރަތުގެ ރަނާރަޕް ޓީމަށް ވަނީ 1500 ރުފިޔާ ދީފައެވެ.
މުބާރާތާއި ބެހޭގޮތުން "ގާފު" އަށް މައުލޫމާތު ދެއްވަމުން ކޮނޑޭ ފެނަކަ ބްރާންޗުގެ މެނޭޖަރ މުސާ އަހުމަދު ދީދީ ވިދާޅުވިގޮތުގައި މި މުބާރާތަކީކޮނޑޭގައި އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމަށާއި ކޮނޑޭގައި އަންހެން ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ކުރިޔަށްގެންދިޔަ މުބާރާތެކެވެ. މޫސަ އިތުރަށް ވިދާޅުވިގޮތުގައި މިމުބާރާތް ކާމިޔާބު ކަމާއި އެކު ނިންމާލެވިފައިވަނީ ކޮނޑޭ ފެނަކަ ބްރާންޗުގެ ހުރިހާ މުވައްޒިފުންނާއި ކޮޮނޑޭ ކައުންސިލާއި ކޮނޑޭގެ ލޮބުވެތި އަންހެން ކަނބަލުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަން ފާހަގަކުރައްވާ އެފަރާތްތަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެއާއި އެކު މުބާރާތުގެ ކުއީން އޮފް ދަ މެޗަށް އިނާމު ހަދިޔާކުރެއްވި ކޮނޑޭގެ ބާޔޯ އަދި ދެހިޔަ ފިހާރާއިގެ ވެރިންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހޭޅި ޓީމެވެ. އަދި ފެއާ ޕްލޭ ކުޅުންތެރިޔަށް ހޮވިފައިވަނީ ހޭޅި ޓީމުގެ ޝަމާ މުހައްމަދު ދީދީއެވެ.
ޗެމްޕިއަން، އިންފިނިޓީއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ހިޔަލަ ޓީމުގެ މައްޗަށް ތިން ސެޓު އެއްސެޓުން ކުރި ހޯދައިގެންނެވެ. އަދި ޓީމު ވެޓަރެންސް ވެސް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވި ހިޔަލަ ޓީމުގެ މައްޗަށް ތިން ސެޓު އެއްސެޓުން ކުރި ހޯދައިގެންނެވެ.
އަންނަ އަހަރުވެސް މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.