
c22a85ed-55a9-4a54-87db-46e81953a047
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާ، އާންމުންނަށް ހުޅުވާލައިފިއެވެ.

ފެބްރުއަރީމަހު ފެށި މި މަސައްކަތް، ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޮމްޕެނީ (އެޗްޑީސީ)އިން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމާފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
އެޗްޑީސީން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. މާޗް މަސް ނިމެންވާއިރަށް ޒަރޫރީ ބޭނުންތައް އެސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އަމާޒުހިފާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.