ރައީސް ކަނޑައަޅުއްވާ ޕްލާސްޓިކްގެ ބާވަތްތައް އެތެރެ ނުކުރެވޭ ބިލް ތަސްތީގު ކުރައްވައިފި

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުއަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފި އެވެ.

މިބިލަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި މަޖިލީހުން ފާސްކުރެއްވި ބިލެކެވެ. މި ބިލާއެކު އިޞްލާޙު ކުރައްވާފައި ވަނީ އެ ޤާނޫނުގެ 7 ވަނަ މާއްދާއަށެވެ. މި ގޮތުން، 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތީގެ ލިސްޓެއް، އެކި މަރުޙަލާ ތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިޚްތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވެއެވެ. ހަމަ އެއާއެކު، އެފަދަ ލިސްޓެއް ކަނޑައަޅުއްވައި، 2021 ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމާއި، ލިސްޓު ޝާއިޢުކުރާއިރު، ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީޚެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ އުވުނީކަމުގައި ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި އަލަށް ތަސްދީޤު ކުރި މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް