މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ވެވެނު އެއްބަސްވުމުގެ ދަށުން ގދ. ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް 45 ދުވަސް ތެރޭ ނިންމާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯޯލިހަކީ އަވަހަށް ތަރައްގީ ހޯދަން ބޭނުންފުޅުވާ ރައީސެއް ކަމަށާއި އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން އެމްޓީސީސީއާ ހަވާލު ކުރެވުނު މަސައްކަތް 45 ދުވަސްތެރޭ ނިންމައި ޕޯޓުން ޚިދުމަތް ދެވޭ ވަރު ވާނެ ކަމަށެވެ.
"މި މަސައްކަތަކީ ވަރަށްވެސް މުހިއްމު މަސައްކަތެއް. މި ގައުމުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ އެންމެ ބޭނުންފުޅުވާ އެއް މަސައްކަތް. އަޅުގަނޑަށް އެނގޭ ގޮތުގައި ރައީސަކީ ވަރަށް އަވަހަށް ކަންތައްތައް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް. އަވަސް ތަރައްގީ ރައްޔިތުންނަށް ގެނެސްދޭން ބޭނުންފުޅުވާ ބޭފުޅެއް. އެހެންވީމާ އެމްޓީސީސީގެ މަސައްކަތްތައް ރޭވިފައި މިވަނީ އަވަހަށް ރައްޔިތުންނަށް ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް…. ރައީސްގެ ލަފާ ފުޅަކީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމުން. އެހެންވެ އަޅުގަނޑުމެން މިއަދު ދޭން ބޭނުންވާ ޔަގީން ކަމަކީ ކުރިއަށް އޮތް 45 ދުވަސް ތެރޭ މި މަސައްކަތް ނިންމާ އިރާދަކުރެއްވިއްޔާ މި އަތޮޅަށް ޚިދުމަތް ލިބިގެން ދާނެ ކަމަށް،" އާޒިމް ވިދާޅުވިއެވެ.
މިއަދު ވެވުނު އެއްބަސްވުމަކީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ބައިގެ މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. ހަމައެއާއެކު އެ މަސައްކަތް ކުރުމަށް ތިނަދޫ ކައުންސިލުން ވަނީ އެމްޕީއެލްއަށް 108000 އަކަފޫޓޫގެ ބިމެއްވެސް ދީފައެވެ.
ފިޔަވަހީގެ ފުރަތަމަ ބައިގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
-
108000 އަކަފޫޓުގެ ބިމުގެ ވަށައިގެން ފެންސް ޖެހުން
-
ބިން ޕޭވް ކުރުން
-
ސެކިއުރިޓީ ގޭޓް ހެދުން
-
ފެން ހިންދާ ނިޒާމް ގާއިމްކުރުން
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެ ކޮމްޕޯނެންޓް ނިމުމުގެ ކުރިން އެމްޓީސީސީއާއެކު އިތުރު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ފުރަތަމަ ފިޔަވަހީގެ ދެވަނަ ކޮމްޕޯނެންޓެވެ.
ފުރަތަމަ ފިޔަވަހީގެ ދެވަނަ ކޮމްޕޮނެންޓުގައި ހިމެނޭ މަސައްކަތްތައް:
-
5000 އަކަފޫޓުގެ ގުދަނެއް އެޅުން
-
ޕޯޓަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް އިމާރާތް އެޅުން
-
ޔާޑް ލައިޓިން
-
އެހެން ޚަރަދުތައް
ޝާހިދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެތޭ އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެ މަސައްކަތް ކުރުމަށް ސަރުކާރު ބަޖެޓުން ދީފައިވަނީ 15 މިލިއަން ރުފިޔާއެވެ.