ތިނަދޫ ބައެއް ހިސާބުތަކަށް ކަރަންޓުދޭން ފަށައިފި އެވެ.
ފެނަކަ ތިނަދޫ މެނޭޖަރު، އަލްމާސް ޒުހައިރު ވިދާޅުވީ ރަށުގެ “ކުޑަ ސަރަހައްދަށް” ކަރަންޓު ދީފައިވާ ކަމަށެވެ. ނަމަވެސް މުޅި ރަށަށް ކަރަންޓު ދެވޭނެ ގޮތެއް އަދި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތިނަދޫގެ އާރު އަވަށުގެ ބައެއް ގެތަކަށް ވަނީ މިހާރު ކަރަންޓު ލިބިފައެވެ.
އެރަށުން ކަރަންޓު ކެނޑިފައިވަނީ ރޭ ދަންވަރު 3:15 ހާއިރު އެވެ. އަލިފާން ރޯވީ ކަރަންޓު ކެނޑުމުން، އަލުން ކަރަންޓު ދޭން މަސައްކަތް ކުރަމުން ދަނިކޮށް އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވެއެވެ.
ފެނަކަ ތިނަދޫ ބްރާންޗުގެ މުވައްޒަފުން ދަނީ އަދިވެސް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންނެވެ.
އަލްމާސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މައްސަލަ އުޅެނީ ޕެނަލް ބޯޑުތަކުގައި ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މިއަދު މެންދުރު 14:30 ގައި މާލެ އިން އިންޖީނިއަރެއް އަންނަން ހަމަޖެހިފައިވާ ކަމަށެވެ.
”މާލެއިން އަންނަ އިންޖީނިއަރު ކޫއްޑޫ އިން ތިނަދޫއަށް އާދެވޭނީ 15:30 ހާއިރު” އަލްމާސް ވިދާޅުވިއެވެ.
އަލްމާސް ވިދާޅުވި ގޮތުގައި ކަރަންޓު ލިބޭނެ ސީދާ ގަޑިއެއް ނޭނގެ އެވެ. އަދި މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ…