
ބްރޭކިންގް Breaking
ގދ ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ އިންޖީނުގޭ ތެރެއިން އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށް މަންޒަރުދުށް މީހަކު ވަނީ “ގާފު” އަށް މައުލޫމާތު ދީފައެވެ. އަދި ވީ އެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ މުވައްޒަފުން ކުރަމުން އަންނަ ކަމަށް އެސަރަހައްދުގައި ހުރި ގާފުގެ ރިޕޯޓަރު މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިންޖީނުގެ ތެރެއިން އެއްޗެއް ގޮވާފައިވަނީ، ކަރަންޓު ކެނޑުމުން އަލުން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ތިނަދޫއިން ކަރަންޓު ގޮސްފައިވަނީ މިރޭ ދަންވަރު 03:30 ހާއިރު އެވެ. ކަރންޓު ކެނޑުމާ ގުޅިހެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އިންޖީނުގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފެނަކައިގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިއީ ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު އެ ރަށުގެ އިންޖީނުގެ އަނދައި ބޮޑެތި ގެއްލުންތަކެއ ވެ 5 ދުވަސް ވަންދެން ކަރަންޓު ނުދެވި ދިޔައެވެ.
2016 ވަނަ އަހަރުގެ ހާދިސާއަށްފަހު ތިނަދޫގެ ކަރަންޓުގެ މައްސަލަ މިއަދާ ހަމައަށްވެސް ހައްލު ނުވެ އެވެ. އޭގެ ފަހުން ހަތަރު އަހަރު ފާއިތުވެ ގޮސްފައިވާއިރުވެސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ ކަމީ ރައްޔިތުން ކުރަމުން އަންނަ ގިނަ ދުވަސްވީ ޝަކުވާ އެކެވެ.
އިތުރު ތަފްސީލް އަންނަނީ..